ހައިކޯޓް

އައިސިސްގެ ބޮޑެއް ކަމަށް ބުނާ ހޫދުގެ މައްސަލަ ހައިކޯޓަށް

ހަރުކަށި ފިކުރު ފަތުރާ ޖަމާއަތެއްގެ ގޮތުގައި ބައެއް ގައުމުތަކުން ދެކޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ރާއްޖޭގައި އިސްކޮށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުން މިއަދު ހައިކޯޓަށް ހުށަހެޅި މައްސަލައަކީ ހޫދު ބަންދުން ދޫކޮށްލި މައްސަލަ އެވެ.

ހޫދު ކުރިން ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ހޫދުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑު އެހުންތައް ފަށާފައިވާއިރު ތުހުމަތުތަކަށް އޭނާ އިންކާރު ކުރެ އެވެ.

ހޫދު ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއްގައި ބައިވެރިވެފައިވެސް ނުވާނެ ކަމަށެވެ.

ހޫދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ
  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުން
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން

ދައުލަތުން ބުނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް އަދި ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެ ކަމުގެ އިންޒާރު ދެމުންދާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އެބައޮތް ކަމަށެވެ. އެގޮތުން ޓެލެގްރާމް އަދި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް" އާއި "ސްކާމިޝްކިޑް" ފަދަ ނަންނަމުގައި އެކައުންޓްތައް ހަދައިގެން ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ހޫދަކީ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހެއް ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޫދު ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެގޮތުން އެފްބީއައިގެ އިތުރުން އިޓަލީ ފުލުހުންނާއި ޔޫރަޕުގެ އެހެން ގައުމެއްގެ ފުލުހުން މި އޮޕަރޭޝަނުގައި ބައިވެރިވެފައިވެ އެވެ.