ލޮރެންޒޯ ޕާކްތެރޭގައި ހުއްޓާ 2012 ވަނަ އަހަރު މަރާލި، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، 16، މަރާލި މައްސަލާގައި ދައުވާ ކުރި ހަތަރު މީހުންގެ ތެރެއިން ކުށް ސާބިތު ނުވި ތިން މީހުންގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
އަރުހަމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް (19 އ) އާއި، ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފް (25 އ) އާއި، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނު (19 އ)ގެ އިތުރުން މއ. ސީނަރީވިޔު އާތިފް ރަޝީދު (21 އ)ގެ މައްޗަށެެވެ.
ހަތަރު މީހުންގެ މައްޗަށް ވެސް އުފުލީ ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އެވެ. ކުށް ސާބިތުވީ ހަމައެކަނި ވިސާމްގެ މައްޗަށެެވެ. އެހެންވެ އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ސެޕްޓެމްބަރު 22، 2016 ގައެވެ.
އަރުހަމް، ލޮރެންޒޯ ޕާކް ތެރޭގައި ހުއްޓާ ސައިކަލް ތަކެއްގައި އެ ސަރަހައްދަށް ދިޔަ ގުރޫޕަކުން އޭނާއަށް ހަމަލާދީ މަރާލާފައިވަނީ މެއި 30، 2012 ގައެވެ.
އަރުހަމުގެ މަރުގެ މައްސަލައިގައި ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާ އެކު ސަލާމަތްވި ތިން މީހުންގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން އިއްޔެ ކޮށްފައިވާ ހުކުމްގައި ވަނީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ދަށު ކުރި ހުކުމްގެ އެ ބައި ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލަ ދަށު ކޯޓުގައި އަލުން ބެލުމަށް ހުކުމްކޮށްފައިވެ އެވެ.
މިމައްސަލައިގައި ދައުލަތުން ވަނީ ހެކީގެ ގޮތުގައި މަންޒަރު ފެނުނު ބައެއް ހެކިވެރިންނާއި، ވީޑިއޯ އެނަލިސިސް ރިޕޯޓަކާއި، ކުށުގެ ވެށިން ފެނުނު ދައުވާ ލިބޭ ބައެއް މީހުންގެ ފިންގަޕްރިންޓާއި، ސީސީޓީވީ ފްޓޭޖު ހުށަހަޅާފަ އެވެ.