ހަބަރު

ފުލުހަކު މަރާލި ސަމާހުގެ މައްސަލާގައި ހައިކޯޓުގައި އޮޅުންތަކެއް

ކ. ކާށިދޫގައި ޑިއުޓީއަށް ދިޔަ ފުލުހެއް ކަމަށްވާ އާދަމް ހަލީމަށް ހަމަލާދީ މަރާލި މައްސަލައިގައި އެ ރަށު، ސުވާސާގޭ މުހައްމަދު ސަމާހު މަރަން ހުކުމް ކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި އޮޅުންތަކެއް އަރައި، އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލައިފި އެވެ.

ހަލީމް މަރާލި މައްސަލާގައި ސަމާހު މަރަން ކުރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ހުކުމް ސަމާހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ނުކުރެ އެވެ. އެހެންވެ އެއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމަކަށް ވާސިލްވުމަށްޓަކައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފަ އެވެ.

އެ ހުށަހެޅުމުގެ ދަށުން މިއަދު މެންދުރުފަހު ވަނީ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންދަން ތާވަލުކޮށްފަ އެވެ. މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހަސަން އަލީ (ރިޔާސަތު) އާއި ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

މިއަދުގެ އަޑުއެހުން ފެށުމާއެކު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން އަލީ ވަނީ އިސްތިއުނާފީ ނުކުތާތައް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. އެއާއެކު ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ތެދުވެވަޑައިގެން ވިދާޅުވީ މި މައްސަލާގައި މީގެ ކުރިން އަޑުއެހުމެއް ބޭއްވިފައިވާ ކަމަށާއި އެ އަޑުއެހުމުގައި ނުކުތާތައް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި ސަމާހުގެ ވަކީލް ވަނީ ޖަވާބު ތައްޔާރުވުމަށް ފުރުސަތެއް ބޭނުންވާ ކަމަށް ވިދާޅުވެ ކަމަށާއި އެކަމަށް ޝަރީއަތުން 10 ދުވަސް ދެއްވިކަން ވަކީލް، ޝަރީއަތަށް ހަނދާންކޮށް ދެއްވި އެވެ.

ނަމަވެސް ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން އަލީ ވިދާޅުވީ މައްސަލާގައި މިއީ ފުރަތަމަ އަޑުއެހުން ކަމަށެވެ. ރިކޯޑްތަކުން ވެސް މީގެކުރިން އަޑުއެހުމެއް ބާއްވާފައިވާކަން އެނގެން ނެތް ކަމަށް ސެކްޝަންގެ މުވައްޒަފުންނާ ވާހަކަ ދެއްކެވުމަށްފަހު ފަނޑިޔާރު ވިދާޅުވި އެވެ. އަޑުއެހުމެއް ކުރިން ބޭއްވިތޯ ސާފުކުރުމަށް ފަނޑިޔާރު، ސަމާހުއާ ވެސް ސުވާލު ކުރެއްވި އެވެ.

ސަމާހު ބުނީ އޭނާ މީގެކުރިން އެ މައްސަލާގައި ކޯޓަށް ހާޒިރުކުރި ކަމަށާއި ޝަރީއަތް ވެސް ހިންގި ކަމަށެވެ. އަދި އެ އަޑުއެހުމުގައި ވަކީލަށް ފުރުސަތު ދީފައިވާކަން ފާހަގަކޮށް މައްސަލާގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާއެކު ކަމަށް ބުންޏެވެ. މިއަދު ސަމާހުގެ ވަކީލް ހާޒިރެއް ނުވެ އެވެ. ސަމާހު ބުނީ އޭނާގެ ވަކީލް މިއަދު ހާޒިރުނުވީ ކަމަށެވެ.

ފަނޑިޔާރު ހަސަން އަލީ ވިދާޅުވީ އެ ސެކްޝަނުން ސަމާހުގެ މައްސަލާގައި މީގެކުރިން އަޑުއެހުމެއް ނުބާއްވާކަން ޔަގީންވާ ކަމަށެވެ. ނަމަވެސް އޭނާގެ އެހެން މައްސަލައެއް އެހެން ސެކްޝަނެއްގައި ނުހިނގާ ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ. އެހެންވެ އެކަންކަން ސާފުކުރުމަށް ފަނޑިޔާރު ހަސަން، ޕްރޮސިކިއުޓާ ޖެނަރަލަށް އެންގި އެވެ. އަދި ވަކީލާއެކު ޖަވާބުދާރީވާން ތައްޔާރުވެގެން ދެން ބާއްވާ އަޑުއެހުމަކަށް އައުމަށް ސަމާހަށް އެންގި އެވެ.

ހައިކޯޓުގެ ވެބްސައިޓްގައިވާ ތާވަލަށް ބަލާއިރު މި މަހުގެ ފަސް ވަނަ ދުވަހު އެ މައްސަލާގެ އަޑުއެހުމެއް އޮތެވެ.

މައްސަލަ ދަށު ކޯޓުގައި ކުރިއަށް ދިޔައިރު ހަލީމް މަރާލި ކަމަށް ސަމާހު އިއުތިރާފުވި އެވެ. ނަމަވެސް އެއީ ފުލުހުން ބިރު ދައްކައިގެންވީ އިއުތިރާފެއް ކަމަށް ބުނެ އޭނާ އެކަމަށް ފަހުން އިންކާރު ކުރި އެވެ. ހަލީމް މަރާލާފައިިވަނީ 2013 ވަނަ އަހަރުގެ 23 ވަނަ ދުވަހު އެވެ. ހަލީމަށް ސަމާހު ވަޅިއަކުން ހަމަލާ ދިނީ ގޭބަންދަށް ބަދަލުކޮށްފައި ހުއްޓައި ސަމާހު ރަށުތެރޭގައި އުޅެނިކޮށް ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅުމުންނެވެ.