ހަބަރު

ހުސޭނުބޭގެ މަރު: އެކެއްގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި

މީގެ ނުވަ އަހަރު ކުރިން ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) މަރާލި މައްސަލާގައި ހިމެނޭ އެކެއްގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓަން ހައިކޯޓުން ހުކުމްކޮށްފި އެވެ.

ދެހާސްދިހަ ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން 2016 ވަނަ އަހަރުގެ ތެރޭގައި ތިން މީހެއްގެ މައްޗަށް އިއްވި އެވެ. އެއީ ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމާއި އެރަށު ސޯސަންވިލާ ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ.

އެމީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވީ ރަހީނުކުރިކަން ސާބިތުވި ނަމަވެސް ހުސޭނުބެ މަރާލުމުގެ ކުށް އެ މީހުންގެ މައްޗަށް ސާބިތުނުވުމުންނެވެ. އެމީހުންގެ މައްޗަށް ސާބިތުވީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށްފަހު އަނގަޔަށް ގިނަ އަދަދެއްގެ ވެލިތަކެއް އަޅައި އޭނާގެ ނޭވާ ހާސްކޮށްލުމުގައި ތިން މީހުން ބައިވެރިވެފައިވާ ކަމެވެ. ދައުވާގައިވާ ގޮތުން ހުސޭނުބެ މަރުވީ އަނގަޔަށް ވެލިއަޅައި ހާސްކޮށްލުމުގެ ސަބަބުންނެވެ.

އެ ތިން މީހުންގެ ފަރާތުން ވެސް އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އިއްޔެ ހައިކޯޓުން ނިންމާފައިވަނީ އަހުމަދު އިބްރާހިމްގެ ބައެވެ.

ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި އަހުމަދު އިބްރާހިމް ވަނީ ތަހުގީގުގައި އިއުތިރާފްވެފަ އެވެ. ތަހުގީގަށް ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ އިންޓަވިއުތައް ހެއްކެއްގެ ގޮތުގައި ބޭނުންކޮށްފައިވެ އެވެ. އޭގެ އިތުރުން އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ޝަފަވީ ހެކިތަކާއި މާއްދީ ހެކިތަކާއި އެ ހެކިތަކުން ލިބިފައިވާ ސައިންޓިފިކް ހެކިތަކަށް މައްސަލަ ސާބިތުކުރުމުގައި ރިއާޔަތްކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ހުކުމްގައިވާ ގޮތުގައި ތުހުމަތު ކުރެވޭ ކުށުގެ އަމަލު ހިންގި ގޮތް ކަމަށް ބުނެ އަހުމަދު އިބްރާހިމް ތަހުގީގަށް ކިޔައިދީފައިވާ ވާހަކަތަކަކީ އެ އަމަލު ހިންގި ބަޔަކަށް ނޫނީ އެހާ ތަފްސީލްކޮށް އެހާ ފުރިހަމައަށް ކިޔައިދޭން އެނގޭނެ ވާހަކަތަކަށް ނުވާނެކަން ސަބަބުވެރި އިންސާނަކަށް ގަބޫލު ކުރެވޭ މިންވަރަށް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ އެހެން ހެކިތަކުން ސާބިތުވާ ކަމަށެވެ.

އެހެންވެ، ހައިކޯޓުން ނިންމާފައިވަނީ އަހުމަދު އިބްރާހިމް އުމުރު ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ކުރިމިނަލް ކޯޓުގައި އެ ހުކުމް އިއްވެވީ އެ ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ހުސޭނުބޭގެ މަރާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ފުލުހުން ތުހުމަތު ކުރި އެވެ. ނަމަވެސް ދެ މީހަކަށް ހެކި ނެތުމުގެ ސަބަބުން ދައުވާއެއް ނުކުރެ އެވެ.