ހަބަރު

ޝަހުމްގެ ދިފާއުއަށް ދީބާޖާ ހުކުމްގެ އުސޫލުތައް ހުށަހަޅައިފި

އަހަރުތަކެއް ކުރިން މަރާލި އަހުސަން ބަޝީރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމްގެ ދިފާއުގައި ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގެ އުސޫލުތައް ހުށަހަޅައިފި އެވެ.

އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ހުށަހެޅީ އިއްޔެ ހައިކޯޓުގައި އޮތް ޝަހުމްގެ މައްސަލާގެ އަޑުއެހުމުގަ އެވެ. އެ އަޑުއެހުމަކީ މި މައްސަލާގެ ފުރަތަމަ އަޑުއެހުމެވެ. މި މައްސަލައަކީ ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްގެން ކުރިއަށްދާ މައްސަލައެކެވެ.

ސ. ހިތަދޫ ވަރުދީގޭ އަހުސަނަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލާގައި ދައުވާކުރި ދެ މީހުންގެ ތެރެއިން އެކަކު ކަމަށްވާ ޝަހުމްގެ މައްޗަށް ކުރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް ހުކުމް އިއްވާފައިވަނީ 2014 ވަނަ އަހަރުގެ ނޮމެވްބަރު މަހު އެވެ. އެކަމަކު، އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހެޅީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދުވަހު އެވެ. ކުރިމިނަލް ކޯޓުގެ ހުކުމަށް އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

މި މައްސަލާގައި ކުރިމިނަލް ކޯޓުން ހުކުމް އިއްވިިއިރު އަމަލު ކުރަމުންދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. --- މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

އެހެންކަމުން ޝަހުމްގެ ވަކީލް އާދަމް ވަނީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ފާހަގަ ކުރައްވާފަ އެވެ. އެ މައްސަލަ މުއުޟޫއީ ގޮތުގައި ކުރިއަށް ގެންދިޔުމުގެ ގޮތުން އެކަމުގައި ގޮތެއް ކަނޑައަޅައިދިނުމަށް އިއްޔެ ވަނީ އެދިފަ އެވެ.

ވަކީލް އާދަމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ދީބާޖާ މައްސަލާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުން މި މައްސަަލަ ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުމުގެ ގާނޫނީ ނަތީޖާއަކީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން ދާނެ ކަމަށެވެ.

ޝަހުމްގެ މައްސަލާގައި ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި އިސްތިއުނާފުކުރުން ލަސްވެގެން ދިޔައީ މައްސަލާގެ ރިޕޯޓް ދަށު ކޯޓުން ލިބުން ލަސްވުމުންނެވެ. އެކަން ޝަރީއަތުގައި ވަކީލް ފާހަގަ ކުރެއްވުމުން ވަކީލް އާދަމް ވަނީ އެއީ ސުޕްރީމް ކޯޓުގެ ހުކުމުން ބަލައިގެނެވޭނެ އުޒުރެއް ނޫންކަން ފާހަގަ ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި އިސްތިއުނާފަށް ހުށަހަޅާ މުއްދަތަކީ އެއްވެސް އިސްތިސްނާއެއް ނެތި އޮތް މުއްދަތެއް ނޫންކަން ހުކުމްގައި ފާހަގަކޮށް މުއްދަތުގެ ތެރޭގައި މައްސަލައެއް އިސްތިއުނާފަށް ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރާފަދަ މަގުބޫލު އުޒުރެއް މެދުވެރިވެގެން ކަމުގައިވާނަމަ، މުއްދަތު ހަމަވިޔަސް މައްސަލަ ބަލައިގަތުމުގެ ބާރު އިސްތިއުނާފީ ކޯޓުތަކަށް އޮންނާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ހުކުމްގައި ފާހަގަކޮށްފައިވާ އަމިއްލަ ބާރު ނުފޯރާފަދަ އުޒުރުތަކަކީ ކާރިސާތަކާއި ހަނގުރާމައިގެ ހާލަތާއި ދަށު ކޯޓުން މައްސަލަ ނިންމިކަން ނޭނގުމާއި ބޭސް ފަރުވާއަށް ރަށުން ބޭރުގައި ހުރުން ފަދަ ކަންކަމެވެ.

އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ ދީބާޖާ މައްސަލައަކީ މަދަނީ މައްސަލައެއް ކަމަށާއި ޝަހުމްގެ މައްސަލައަކީ މީހަކު މަރާލާފައިވާ ބޮޑު ޖިނާއީ މައްސަލައެއް ކަމަށެވެ. ވަކީލް އިތުރަށް ވިދާޅުވީ ދީބާޖާ މައްސަލާގައި ހުކުމް ބާތިލް ކުރި މައިގަނޑު ސަބަބަކީ އިސްތިއުނާފުކުރުމަކީ ދައުލަތުގެ ވަކީލްގެ އިހުމާލެއް އޮތުމުން ކަމަށާއި ނަމަވެސް މި މައްސަލާގައި އެފަދަ ކަމެއް ނެތް ކަމަށެވެ. މި މައްސަލާގެ ރިޕޯޓް ދަށު ކޯޓުން ލިބުމާއެކު އިސްތިއުނާފު ކުރުމަށް އޮންނަ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހެޅި ކަމަށާއި މުއްދަތު ހަމަވިފަހުން އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ހައި ކޯޓުން ދީފައިވާ ކަމަށް ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު ވެސް ހުއްދަ ދޭ ހާލަތްތަކުގައި މައްސަލައިގެ ބާވަތަށާއި ސީރިއަސް ކަމަށް ބަލަން ޖެހޭ ކަމަށެވެ. ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް އޮންނަ ހައްގަކަށްވާއިރު ކުށެއް މީހަކު މަރާލާފައިވާ މައްސަލަތަކުގައި ކުށްވެރިވާ މީހާގެ ހައްގުގެ އިތުރުން މަރުވި މީހާގެ ހައްގުތައް ވެސް އޮންނާނެ ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ނިންމެވީ އެ އިޖުރާއީ ނުކުތާއާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމެވުމަށެވެ. މައްސަލާގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ޝަހުމްގެ މައްޗަށް މި މައްސަލާގައި ކުށް ސާބިތުވެފައިނުވީ ނަމަވެސް އޭނާ މިހާރު ވެސް ގެންދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ފުޓްބޯޅަ މެޗެއް ހިނގި ސަރަހައްދެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގަ އެވެ.