ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ނަދީމުގެ މަރު: ބަންދު ނުކުރި މައްސަލަ އިސްތިއުނާފު ނުކުރާނެ

Dec 27, 2023

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހަކު ބަންދު ނުކުރަން ހައިކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ނުކުރަން ދައުލަތުން ނިންމައިފި އެވެ.

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމު މަރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމަށެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ މި މީހުން މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އެދުނެވެ. އަލީ ނިފާޒް ބަންދުކުރުމަށްފަހު ދެން ތިބި ތިން މީހުން ބަންދުނުކުރަން ހައިކޯޓުން އިއްޔެ ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތިން މީހުން ބަންދު ނުކުރާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާނެ ކަމަށެވެ.