ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ހާރިސްގެ މަރު: މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ހުޅުމާލޭގައި ވަޅިން ހަމަލާދީ ހާރިސް އަބްދުލްޣަފޫރު މަރާލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގާ ހާފްވޭ ހައުސް ކައިރީގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހާރިސްގެ ގަޔަށް ވަޅި ޖަހައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތު ނުވާ ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ މަރުގެ ހުކުމް އިއްވާނެ އެވެ. ވާރިސަކު މައާފުކޮށްފިނަމަ މަރަށް މަރު ހިފުމުގެ ހުކުމުން ސަލާމަތްވާނެ އެވެ. ނަމަވެސް ޖަލު ހުކުމެއް އަންނާނެ އެވެ.

ހުޅުމާލޭގެ ކުރިކީލަ މަގުގައި ހުންނަ ހާފްވޭ ހައުސް އަކީ މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުންނަށް ފަރުވާދޭ މަރުކަޒެކެވެ.

ހާރިސް އަކީ އެތަނުން ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާއަށް ހަމަލާދިނީ އެތަނުން ބޭރަށް ނިކުތް ވަގުތު ގުރޫޕަކުންނެވެ. ފުލުހުން ބުނާ ގޮތުގައި މިއީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާ އެކެވެ.