މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީން މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. މީގެކުރިން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި އޮތީ ނަޖާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ދަށު ކޯޓުގެ އެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
މީގެ 10 އަހަރު ކުރިން ޑިސެމްބަރު، 2009 ގައި މ. އަންގާގިރި ހަދަމުން ދަނިކޮށް އެތަނުގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޝީރީންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވުނު ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނެފައިވަނީ މ. ކުރަހާގޭގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ޝީރީނާއި ނަޖާހު އުޅުމުގެ ތެރޭގައި ޝީރީނަށް ހަމަލާދީ ނަޖާހު އޭނާ މަރާލާފައިވާ ކަމަށެވެ.
މި މައްސަލާގައި ހަތަރު އަހަރު ދުވަހުގެ ޝަރީއަތަކަށްފަހު ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. ހައިކޯޓަށް ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. ހައިކޯޓުން ހުކުމް ކޮށްފައިވަނީ ނަޖާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 12 އަހަރަށް ޖަލަށްލުމަށެވެ.
ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ނަޖާހުގެ މައްޗަށް ކުރި ނަމަވެސް ސީދާ އެ ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ނުނިންމަ އެވެ. ނަމަވެސް ހައިކޯޓުގެ ހުކުމްގައި ވަނީ "ގަސްދުމަރާ ވައްތަރު މަރު" ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެވެ.
އޭގެއިތުރުން ޝީރީންގެ ވާރިސުންގެ ފަރާތުން ދިޔަ މާފު ނުކުރާހާ ހިނދަކު، ޝީރީންގެ ދިޔަ ދިނުން ނަޖާހުގެ މައްޗަށް ވާޖިބުވާނެ ކަމަށް ހުކުމްގައިވެ އެވެ. އެ ދިޔަ ލިބި ގަތުމަށް ޝީރީންގެ އާއިލާއަށް ދަށު ކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ. ޝީރީންގެ ދަރިއެއް ވެސް ހުރެ އެވެ.
ބޮޑު ފާފައަކުން ތައުބާވުމަށް އޮތް ކައްފާރާއަކީ ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުންކަން ހަނދާންކޮށްދީ، އެކަމަށް ނަޖާހުއަށް ހުކުމްގައި ނަސޭހަތްތެރިވެފައިވެސްވެ އެވެ. ޝީރީންގެ މަރުގެ މައްސަލައިގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ދިޔައީ 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.