ހައިކޯޓް

ބޮބީގެ މަރުގެ މައްސަލައިގެ އިސްތިއުނާފު އަނެއްކާވެސް ލަސްވެއްޖެ

މާލޭގައި މީގެ 12 އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ، އަބްދުލް މުހީތު (ބޮބީ) ކިޔާ ޒުވާނަކު މަރާލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް އަނެއްކާވެސް ލަސްވެއްޖެ އެވެ.

މިއީ މީގެ ފަސް އަހަރު ކުރިން ހައިކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގެ މިއަދު އޮތް އަޑު އެހުމުގައިވެސް މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީ ގޯޅިގަނޑު ތެރޭގައި ބޮބީ މަރާލި މައްސަލާގެ އަޑު އެހުން މިއަދުވެސް ކުރިއަށް ނުގެންދެވުނީ އިސްތިއުނާފު ކުރާ މީހުންގެ ފަރާތުން ދައުވާ ފޯމް ބަދަލު ކުރަން އެދުމުންނެވެ. އެ ދެ މީހުންނަކީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުއެވެ. އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވީ މެއި 2019، ގައެވެ. އޭރުއްސުރެ އެ ދެ މީހުން ތިބެނީ ޖަލުގައެވެ.

މި އަހަރު ކުރީކޮޅު މި މައްސަލައިގެ އަޑު އެހުމެއް ހައިކޯޓުގައި ބާއްވަން މަސައްކަތްކޮށް މައްސަލަ ކުރިއަށް ނުގެންދެވުނީ އެ މީހުންގެ ވަކީލުން ނެތިގެންނެވެ. ކުރިން ހަމަޖެހުނު ވަކީލަކު މައްސަލަ ދޫކޮށްލީ އެވެ.

ފަހުން މިދިޔަ މާޗު މަހު ހަމަޖެހުނު ވަކީލުންނާއެކު މިއަދު ޝަރީއަތުގައި އެދުނީ އިސްތިއުނާފު ފޯމް ބަދަލުކުރުމަށެވެ. އެހެންނަމަވެސް އެ ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް ޝަރީއަތުން ނިންމި އެވެ. އެހެންވެ މިހާރު އޮތް ގޮތަށް އިސްތިއުނާފަށް ތައްޔާރުވެފައިނުވާތީ، ދެން އޮންނަ އަޑުއެހުމަކަށް އިސްތިއުނާފު ކުރުން ފަސްކުރީ އެވެ.

މި މައްސަލަ ހައިކޯޓުގައި ބަލާ ފަނޑިޔާރުންގެ ބެންޗުވަނީ ބަދަލުވެފަ އެވެ. ހައިކޯޓުގައި މި މައްސަލަ މިހާރު ބައްލަވަނީ ފަނޑިޔާރު އަބްދުއްމާނިއު ހުސައިން، އިސް ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.