ކްރިމިނަލް ކޯޓް

ފިލައިގެން އުޅުނު ފައިހްގެ ތަހުގީގު ދިގުލާތީ ގާޒީގެ ކަންބޮޑުވުން، ބަންދަށް 45 ދުވަސް ދީފި

Nov 8, 2023

މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު (26 އ)އާ ދެކޮޅަށް ކުރިއަށް ގެންދާ ތަހުގީގު ނުނިމި ދިގުލާފައިވާތީ ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ތަހުގީގު ނިންމަން އަންގައި 45 ދުވަހުގެ މުއްދަތަކަށް ފައިހް ބަންދުގައި ބަހައްޓަން އަމުރުކޮށްފި އެވެ.

ފުލުހުން ފައިހް ހައްޔަރުކުރީ އޭނާ ހޯދަން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އާންމުކޮށް އިއުލާންކުރުމުން މަހެއްހާ ދުވަހު ފިލައިގެން އުޅުމަށްފަހު މިއަހަރުގެ މާޗް 21 ވަނަ ދުވަހުގެ ރޭ އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވެ ފުލުހުންނާ ހަވާލުވުމުންނެވެ. އޭނާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައިވެސް އެ ދުވަސްވަރު ފުލުހުން ތިން މީހަކު ހައްޔަރުކުރި އެވެ.

ފައިހްގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މާލޭގެ ކްރާސާ ފިހާރަ ތެރޭގައި މީހަކު މަރާލުމުގައި ބައިވެރިވުމެވެ.

ކްރާސާ ފިހާރަ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހުގެ ރެ އެވެ. ޒަހަމްވި މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ފެބްރުއަރީ 27 ވަނަ ދުވަހުގެ ހެނދުނު 6:45 ހާއިރު އެވެ.

ކްރިމިނަލް ކޯޓުން ފައިހް ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައިވާ ގޮތުން ހެކީގެ ގޮތުގައި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖާއި އިންޓެލިޖެންސް ރިޕޯޓާއި ޑީއެންއޭ ތަހުލީލު ރިޕޯޓް ހުށަހަޅާފަ އެވެ.

ފުލުހުންގެ ބަންދުގައި މިހާރުވެސް ހުރި ފައިހްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ ތަހުގީގާއި ޝަރީއަތުގެ މަރުހަލާތައް ނިމެންދެން ފައިހް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށް އެެދިފަ އެވެ.

ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާތާ އަށް މަހަށްވުރެ ގިނަވެފައިވާތީ އާއި ތަހުގީގު ނިމޭނެ ދުވަހެއް ބުނަން ފުލުހުންނަށް އަދިވެސް ނޭނގޭތީވެ ތަހުގީގު ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު ވަނީ ތަހުގީގު ނިމޭނެ ވަކި ދުވަހެއް ނޭނގި ވަކި މުއްދަތެއް ނެތް ގޮތަށް މީހަކު މީހަކު ބަންދުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައި ތަހުގީގާއި ޝަރީއަތް ނިންމުމަށް އިސްތިސްނާއީ ހާލަތެއް ދިމާނުވާނަމަ 45 ދުވަހުގެ މުއްދަތެއް ދީފައިވާތީ އެ އުސޫލަށް އަމަލުކުރަން ގާޒީ ވަނީ ފުލުހުންނަށް އަންގަވާފަ އެވެ. އަދި ގާނޫނުގައި ތަހުގީގު ނިންމުމަށް ދީފައި އޮންނަ 45 ދުވަހުގެ މުއްދަތަށް ބަލައި ގާޒީ ނިންމެވީ ފައިހް 45 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.