ހަބަރު

ޒުހާ މަރާލި ސުމޮން 15 އަހަރަށް ޖަލަށް

މާލޭ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުން ހައްވާ ޒުހާގެ މަރާ ގުޅިގެން ދައުވާ ކުރި ބަންގްލަދޭޝްގެ ސުމޮން މިއާ 15 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލަނީ އެނގިހުރެ މީހަކު މަރާލި ކަމުގެ ދައުވާ އެވެ. ދައުވާގައި ބުނަނީ ހައްވާ ޒުހާގެ ކަރުގައި ސުމޮން ކަނާއަތުން ހިފާ، ޒުހާ މަރާލާފައިވާ ކަމަށެވެ.

ސުމޮން ވަނީ ޝަރީއަތުގެ މަޖިލީހަށް އެކަމަށް ފުރަތަމަ އެއްބަަސްވި އެވެ. ނަމަވެސް ޒުހާ މަރާލާފައިނުވާނެ ކަމަށާއި އޭނާގެ ކަރުގައި ހިފީ އޭނާގެ ފައިސާތައް ފޭރެން އުޅުމުން ކަމަށް ފަހުން އޭނާ ބުނެ، ދައުވާއަށް އިންކާރުކުރި އެވެ.

މިއަދު އެ މައްސަލާގައި އިއްވި ހުކުމްގައި ބުނީ ސުމޮންގެ އިއުތިރާފު އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އެގޮތަށް ނިންމީ މީހެއްގެ ހައްގު ހިމެނޭ ކަމެއްގައި އިއުތިރާފުވުމަށްފަހު އިއުތިރާފު އަނބުރާ ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެވެ.

ޒުހާ މަރުވެފައިވަނީ އޭނާގެ ކަރުގައި ހިފުމުން ނޭވާ ހާސްވެގެންކަން ޑޮކްޓަރުންގެ ލިޔުންތަކުން އެނގޭ ކަމަށާއި އެހެންކަމުން އެއީ ގަސްދު މަރެއް ކަމަށް ހުކުމްގައިވެ އެވެ. އަދި ޒުހާގެ ކަރުގައި ހިފާ އޭނާ މަރާލީ ސުމޮންކަން ޝަރީއަތަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ސުމޮންގެ މައްޗަށް ކުށް ސާބިތުވިއިރު ޒުހާގެ މަންމަ ވަނީ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ ސުމޮންއަށް އަދަބު ކަނޑައެޅުމުގައި އެކަމަށް ރިއާޔަތްކުރި އެވެ.

ދައުލަތުން ބުނެފައިވަނީ ސުމޮން ކުރި ކުށަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވަނީ 10 އަހަރުގެ ޖަލު ހުކުމެއް ކަމަށާއި ނަމަވެސް އޭނާ ކުށްކުރި ގޮތަށް ބަލައި އަދަބުގެ ދަރަޖަ ދެ ދަރަޖަ މަތިކޮށް 15 އަހަރަށް ހަދަން ޖެހޭ ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ހުކުމް ކުރެއްވީ ސުމޮން 15 އަހަރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށެވެ. އަދި ކައްފާރާއެއްގެ ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެ މަހު ރޯދަ ހިފުމަށް ވެސް ސުމޮން މިއާގެ މައްޗަށް ހުކުމްކުރި އެވެ.