ހަބަރު

ޔާމީންގެ މަރު: ހައިޝަމްގެ ފިންގަޕްރިންޓް ދިމާވި، ބޭބެގެ މަރާމެދު ސުވާލު

ވަޅިން ހަމަލާތައް ދިނުމަށްފަހު ޔާމީން ރަޝީދު މަރާލި، ގޭގެ ލިފްޓް ކެމެރާއިން ނެގި ފިންގަޕްރިންޓް އެ މައްސަލާގައި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަޕްރިންޓްއާ ދިމާވާ ކަމަށް ދައުލަތުން ހުށަހެޅި ހެކިވެރިޔަކު މިއަދު ބުނެފި އެވެ. އެ ހެކިވެރިޔާއަކީ މައްސަލާގައި ފިންގަޕްރިންޓް އެނާލިސިސް ހެދި ފުލުހުންގެ އޮފިސަރު އަދުހަމް އަލީ އެވެ.

މިއަދު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދެ ހެކިވެރިޔަކު ހާޒިރުކުރި އެވެ. އޭގެ ތެރެއިން އެކަކަކީ އަދުހަމެވެ. އަދުހަމް ހެކިބަސް ދެމުން ބުނީ ކެމެރާއިން ނެގި ސާންޕަލްގައިވާ ފިންގަޕްރިންޓާއި ހައިޝަމްގެ ކަނާއަތުގެ ޝަހާދަތް އިނގިލީގެ ނިޝާންއާ އެއްގޮތްވާ ކަމަށެވެ. އެއްގޮތް 14 ސިފައެއް ފާހަގަކުރެވުނު ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފިންގަޕްރިންޓް ދިމާވާ ކަމަށް ރާއްޖޭގައި ނިންމަނީ އެއްގޮތް އަށް ސިފައެއް ފެނިއްޖެނަމަ އެވެ. އެހެންވެ 14 ސިފަ ދިމާވުމަކީ ފިންގަޕްރިންޓް ވަރަށް ބޮޑަށް އެއްގޮތްވުން ކަމަށް އަދުހަމް ބުންޏެވެ.

ފިންގަޕްރިންޓްގެ ސާންޕަލް ކެމެރާއިން ނެގީ ވެސް އަދުހަމެވެ. ފިންގަޕްރިންޓް ދިމާކުރުމަށް ފުލުހުންގެ ޑޭޓާ ބޭސްގައިވާ ހުރިހާ ފިންގަޕްރިންޓަކާ އަޅާ ކިޔެ އެވެ. ނަމަވެސް އެއްވެސް ފިންގަޕްރިންޓަކާ ދިމާލެއް ނުވެ އެވެ. އޭގެ ފަހުން ހައިޝަމް ހައްޔަރުކޮށް އޭނާގެ ފިންގަޕްރިންޓް ނަގައި މެނުއަލްކޮށް އަޅާ ކިޔާފައިވާނެ ކަމަށް އަދުހަމް ބުންޏެވެ. އެ މައްސަލާގައި ދެން ހައްޔަރުކުރި އެހެން މީހުންގެ ފިންގަޕްރިންޓް ވެސް އަޅާކީ ކަމަށާއި ނަމަވެސް އެހެން މީހެއްގެ ފިންގަޕްރިންޓާ ދިމާނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކެމެރާއިން އަދުހަމް ސާންޕަލް ނަގާފައިވީ ނަމަވެސް ޗެއިން އޮފް ކަސްޓަޑީގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އޭނާއެއް ނޫނެވެ. ސާންޕަލް ނެގި ކަމަށް ސޮއިކޮށްފައި އޮތީ ސީންއަށް އެޓެންޑްވި ސާޖެންޓް ސަރިއްޔާ ކިޔާ އޮފިސަރެކެވެ. ނަމަވެސް ފަހުން ސަރިއްޔާގެ ނަން ކަނޑާލުމަށްފަހު އަދުހަމް ވަނީ އޭގައި ސޮއިކޮށްފަ އެވެ. މިކަމާ ގުޅިގެން ހައިޝަމްގެ ވަކީލް އަހުމަދު ޔާމީން ގިނަ ސުވާލުތަކެއް އަމާޒުކުރި އެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން އަދުހަމް ބުނީ ސާންޕަލް ނެގީ އޭނާ ކަމަށާއި އެވިޑެންސް ކަލެކްޝަން ސެންޓަރަށް ގޮސް އޭނާ ޗެއިންގައި ސޮއިކުރީ ކަމަށެވެ.

މިއަދު ދެން ހެއްކެއްގެ ގޮތުގައި ހާޒިރުކުރީ ސަރިއްޔާ އެވެ. ސަރިއްޔާގެ ހެކި ބަސް ނެގުމަށް ވަކީލް ޔާމީން އިއުތިރާޒު ވެސް ކުރެއްވި އެވެ. އެއީ ޗެއިން އޮފް ކަސްޓަޑީގައި އޭނާގެ ނަން ކަނޑާލާފައި އޮތުމުންނެވެ. ނަމަވެސް އެ އިއުތިރާޒު މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ބަލައިނުގަތެވެ. އެފަދަ ހުށަހެޅުންތައް ހުށަހަޅަންޖެހޭނީ ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ އަޑުއެހުމުގައި ކަމަށް ގާޒީ ވިދާޅުވެ ހެކި ބަސް ނެގުމާއެކު ކުރިއަށް ވަޑައިގެންނެވި އެވެ.

ސަރިއްޔާއަށް ދައުލަތުން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ ޔާމީންގެ ހަށިގަނޑު ފެނުމާއެކު އޭނާ އެ ސީންއަށް އެޓެންޑްވި ކަމަށެވެ. ފިންގަޕްރިންޓް ކެމެރާއިން ނެގީ އަދުހަމް ކަމަށާއި އެއަށްފަހު އޭނާއާ ހަވާލުކުރީ އެ އެވިޑެންސް ސެންޓަރަށް ގެންދިޔުމަށް ކަމަށެވެ. އެހެންވެ އޭނާ ޗެއިން އޮފް ކަސްޓަޑީގައި ސޮއިކުރީ ކަމަށެވެ. ސާންޕަލް ނެގީ އޭނާ ކަމަށް ސޮއި ކުރެވުނީ އޮޅިގެން ސީދާ އޭނާ ނުބުނެ އެވެ. ނަމަވެސް އޭނާގެ ނަން ކަނޑާލާފައިވާކަން ފާހަގަކުރި އެވެ. އޭނާއާ ސުވާލުކުރުމަށް ވަކީލް ޔާމީން އިއުތިރާޒުވި އެވެ. އެއްވެސް ސުވާލެއް ނުކުރި އެވެ.

"ބޭބެގެ މަރަކީ އިއްތިފާގެއް ނޫން"

މިއަދުގެ އަޑުއެހުން ފެށުމާއެކު އެންމެ ފުރަތަމަ ހައިޝަމްގެ ފަރާތުން އެހެން ކަމެއް ވެސް ފާހަގަކުރި އެވެ. މިދިޔަ ހަފުތާގެ ތެރޭގައި އޭނާގެ ބޭބެ، ގެއެއްގެ ތެރޭގައި މަރުވެފައި އޮތްވާ ވަނީ ފެނިފަ އެވެ. އެއީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހެކިންނަށް ބިރު ދައްކާ ކަމަށް ދައުލަތުން ކޯޓުގައި ބުނި ދުވަސް ނޫން އަނެއް ދުވަހެވެ. އެހެންވެ އެކަމާ ހައިޝަމްގެ ކަންބޮޑުވުން އެބަ އޮތް ކަމަށް އޭނާގެ ވަކީލް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ އެއީ އިއްތިފާގެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ހައިޝަމްގެ ބޭބެގެ ޕޯސްޓްމޯޓަމެއް ހެދުމެއް ނެތި އެ މަރުގައި ޝައްކެއް ނެތް ކަމަށް ފުލުހުން ބުނެފައިވުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތަކަސް ހުކުމް އަޔަސް ގަބޫލެއް ނުކުރެވޭނެ"

މައްސަލާގައި ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވެސް ވަނީ ކަންބޮޑުވުމެއް ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކުރިއަށްދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވޭނީ ހަމައެކަނި ދައުވާ ލިބޭ މީހުންނަށް ކަމަށް ގަބޫލު ކުރެވިގެން ނުވާނެ ކަމަށާއި ދައުލަތުގެ އިދާރާތަކުން އެކަން ކުރަނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭ ކަމަށެވެ. ހެކިންނަށް ބިރު ދައްކާ ކަމަށް ޕްރޮސިކުއުޓާ ޖެނަރަލްގެ ފަރާތުން ބުނެ އެކަން މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުން އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ކޮންމެ ގޮތަކަށް ހުކުމް އަޔަސް އެއީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލު ކުރަން މީހުންނަށް އުނދަގޫވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ހަމީދު ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ކުރިއަށް ދަނީ އިންސާފުން ނޫން ކަމަށް ރިޔާސީ ކޮމިޝަނަށް ވެސް ގަބޫލު ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ. ހެކިންނަށް އިސްމާއިލް ރަޝީދު ބިރު ދައްކާފައިވާނަމަ އެކަން ތަހުގީގު ކުރެވެން ޖެހޭނެ ކަމަށާއި އަދި އޭނާއަށް ތުހުމަތު ވެސް ކުރެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާއަށް އެފަދަ ތުހުމަތެއް ކުރާ ކަމެއް ވެސް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ގާޒީ ދައުލަތާ ސުވާލު އަމާޒު ކުރެއްވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ހެކިންނަށް ބިރު ދައްކާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭގެ އިތުރަށް ފުލުހުން މައުލޫމާތެއް ދައުލަތަށް ވެސް އަދި ފޯރުކޮށްދީފައިނުވާ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެ ދުވަހު ވެސް އޮންނާނީ ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމެވެ. އެއީ މެޑިކަލް ދެ ރިޕޯޓަކާ ގުޅޭ ގޮތުންނެވެ. އޭގެ އިތުރަށް އަންނަ މަހުގެ 10 އަދި 13 އަށް ވެސް ވަނީ ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އޭގެ ފަހުން އޮންނާނީ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ.

މި މައްސަލާގައި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ތާއިފް، އިސްމާއީލް ރަޝީދުގެ އިތުރުން ދެން ދައުވާ ކުރަނީ މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.