ހަބަރު

މައުމޫންގެ ނުރުހުން: ހުކުމް އިންސާފުވެރި ކަމަށް ގަބޫލެއް ނުކުރާނެ

ދައުލަތުގެ އަމަލުތައް ބަހައްޓާ ގޮތުން ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކޮންމެ ގޮތަކަށް ހުކުމް ކުރިމިނަލް ކޯޓުން ކުރި ނަމަވެސް އެ ހުކުމް އިންސާފުވެރި ކަމަށް ރައްޔިތުންނަށް ގަބޫލެއް ނުކުރެވޭނެ ކަމަށް އެ މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލާގައި ދައުވާ ލިބޭ އެކަކު ކަމަށްވާ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު މިހެން ވިދާޅުވީ މައްސަލާގައި ހިމެނޭ ދައުލަތުގެ ހެކިންނަށް ބިރު ދައްކައި އިންޒާރު ދެމުން އަންނަ ކަމަށް ޕްރޮސިކުއުޓާ ޖެނަރަލްގެ ފަރާތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބުނެފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ ކުރިއަށްދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވޭނީ ހަމައެކަނި ދައުވާ ލިބޭ މީހުންނަށް ކަމަށް ގަބޫލު ކުރެވިގެން ނުވާނެ ކަމަށާއި ދައުލަތުގެ އިދާރާތަކުން އެކަން ކުރަނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭ ކަމަށެވެ. ހެކިންނަށް ބިރު ދައްކާ ކަމަށް ޕްރޮސިކުއުޓާ ޖެނަރަލްގެ ފަރާތުން ބުނެ އެކަން މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުން އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ކޮންމެ ގޮތަކަށް ހުކުމް އަޔަސް އެއީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލު ކުރަން މީހުންނަށް އުނދަގޫވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ހަމީދު ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ކުރިއަށް ދަނީ އިންސާފުން ނޫން ކަމަށް ރިޔާސީ ކޮމިޝަނަށް ވެސް ގަބޫލު ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ. ހެކިންނަށް އިސްމާއިލް ރަޝީދު ބިރު ދައްކާފައިވާނަމަ އެކަން ތަހުގީގު ކުރެވެން ޖެހޭނެ ކަމަށާއި އަދި އޭނާއަށް ތުހުމަތު ވެސް ކުރެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާއަށް އެފަދަ ތުހުމަތެއް ކުރާ ކަމެއް ވެސް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ގާޒީ ދައުލަތާ ސުވާލު އަމާޒު ކުރެއްވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ހެކިންނަށް ބިރު ދައްކާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭގެ އިތުރަށް ފުލުހުން މައުލޫމާތެއް ދައުލަތަށް ވެސް އަދި ފޯރުކޮށްދީފައިނުވާ ކަމަށެވެ.

އެ ކަންބޮޑުވުން މައްސަލާގައި ވަކާލާތު ކުރައްވާ އެހެން ވަކީލުން ވެސް ފާހަގަ ކުރެއްވި އެވެ. މައްސަލާގައި ހިމެނޭ ދިފްރާންގެ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވީ މައްސަލަ ސެންޝޭނަލް ވެގެން ދިޔުމަކީ ދައުވާ ލިބޭ މީހުންގެ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.

މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ބައެއް ހެކިންނަށް ބިރު ދެއްކުމުގެ އިތުރުން ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށެވެ. އަދި ބައެއް ހެކިވެރިން މިހާރު ހެކި ބަސް ދޭން ބޭނުން ނުވާ ކަމަށެވެ.

ދައުލަތުން ޖުމްލަ ގޮތެއްގައި އެ ވާހަކަ ދައްކައި އެކަން ކުރި ވަކި މީހެއްގެ ނަން ފާހަގަ ނުކުރާތީ އެ ދުވަހު ވެސް ވަކީލުން ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން ހެކިންނަށް ހަމަލާ ދެނީ ކޮން ބައެއްކަން ސާފުނުކޮށް އެ ވާހަކަ ދެއްކުމުން އެކަން ދައުވާ ލިބޭ އެންމެންނާއި ދިފާއީ ހުރިހާ ވަކީލުންނަށް ނިސްބަތްވެގެންދާކަން ވަކީލުން ފާހަގަ ކުރެއްވި އެވެ.

ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ ކުރަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.