ހަބަރު

ޔާމީންގެ މަރު: ހެކި ބަސް ނަގަން ކޮންމެ ހަފުތާއަކު އަޑުއެހުމެއް

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ މިއަދު ފަށައި ހެކި ބަސް ނަގަން އަޑުއެހުންތައް ތާވަލުކޮށްފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މައްސަލާގެ އަޑުއެހުންތައް ކުރިން ގެންދިޔައީ ސިއްރުންނެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމާއެކު އަޑުއެހުންތައް ހުޅުވާލި އެވެ. މީގެކުރިން ހުޅުވާލައިގެން ދެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ އެވެ. އެއީ އިބްތިދާއީ މަރުހަލާގެ ދެ އަޑުއެހުމެކެވެ. މިހާރު މައްސަލަ ބައްލަވަނީ ގާޒީ އަލީ ރަޝީދު ހުސެއިންނެވެ.

މިއަދު މެންދުރުފަހު މި މައްސަލާގެ ޝަރީއަތުގެ މަރުހަލާގެ ފުރަތަމަ އަޑުއެހުން ބޭއްވި އެވެ. އެ އަޑުއެހުމުގައި ދައުލަތުންނާއި ދައުވާ ލިބޭ ހަ މީހުންގެ ފަރާތުން ވަނީ އިބްތިދާއީ ބަޔާން އިއްވާފަ އެވެ. ދައުލަތުން ވަނީ ހަ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވާކަން ފާހަގަކޮށްފަ އެވެ. މި މައްސަލާގައި 34 ޝަފަވީ ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ސިއްރު ހެކިން ވެސް ހިމެނެ އެވެ.

އިބްތިދާއީ ބަޔާން އިއްވަމުން ހަ މީހުންގެ ވަކީލުން ވެސް ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ހެއްކެއް ނެތްކަން ފާހަގަކޮށްފަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމުގެ ދައުވާ ކުރާއިރު އެމީހުން އެފަދަ އަމަލެއް ހިންގިކަން ކަށަވަރުވާ އެއްވެސް ހެއްކެއް ނެތްކަން ވަކީލުން ފާހަގަކުރި އެވެ. އެ މައްސަލަ ނުބަލާ ދައުވާ ބާތިލު ކުރުމަށް އެދޭ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވަނީ ދައުލަތުން އެ މައްސަލާގައި އިސްމާއިލް ރަޝީދާ ގުޅޭ ގޮތުން ދޮގު ހަދާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުން ސީސީޓީވީ ފުޓޫޖުން އިސްމާއިލް ރަޝީދު ކަމަށް ބެލެވޭ މީހާ، ސައިކަލެއްގައި ހައިޝަމް ޔާމީން ރަޝީދުގެ ގެ ކައިރިއަށް ގެނެސްދޭ ކަމަށެވެ. ނަމަވެސް އެ ވީޑިއޯ ބެލުމުން އެއީ ކަން ހިނގި ގޮތް ނޫންކަން އެނގޭ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ދައުލަތުން އިސްމާއިލް ރަޝީދު ކަމަށް ބެލެވޭ ކަމަަށް ބުނާ މީހާ ސައިކަލްގައި އަންނަނީ އެކަނި ކަން ވީޑިއޯއިން ސާފުކޮށް ފެންނަ ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ އެ މައްސަލާގައި އިސްމާއިލް ރަޝީދާ ގުޅުވައި ދޮގެއް ހަދާފައިވާތީ އިސްމާއިލް ރަޝީދުގެ ދައުވާ ކުރިއަށް ނުގެންގޮސް މައްސަލަ ނިންމާލަން މައުމޫން އެދުނެވެ. މައުމޫންގެ އެ ވާހަކަތަކަށް މިއަދު ދައުލަތުން ރައްދެއް ނުދެ އެވެ.

މިއަދު ދައުލަތުން ވަނީ ދެ ހެއްކަކު ކޯޓަށް ހާޒިރުކޮށްފަ އެވެ. އެއީ މައްސަލާގެ ސީންއަށް ދިޔަ ދެ ފުލުހެކެވެ. ނަމަވެސް މިއަދު އެ ދެ ފުލުހުންގެ ހެކި ބަސް ނަގަން ދިފާއީ ވަކީލުން އިއުތިރާޒު ކުރެއްވި އެވެ. އެއީ މިއަދު ހެކި ބަސް ނަގާނެކަން ކުރިން އަންގާފައި ނެތުމާއި އެކަމަށް ތައްޔާރު ނުވެ ތިބި ކަމަށް ވިދާޅުވެ އެވެ.

އެހެންވެ ގާޒީ އަލީ ރަޝީދު ނިންމެވީ ދެން އަންނަ އަޑުއެހުމެއްގައި ހެކި ބަސް ނަގަން ފެށުމަށެވެ. ގާޒީ ވަނީ އަށް އަޑުއެހުމަކަށް ބަހާލައިގެން ކޮންމެ ހަފުތާއަކު ވެސް އަޑުއެހުމެއް ބާއްވަން ނިންމަވާފަ އެވެ. އެގޮތުން އަށް އަޑުއެހުން ގާޒީ ތާވަލު ކުރެއްވި އެވެ. އެންމެ ފުރަތަމަ ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހެވެ. ދެން މި މަހުގެ 22 ވަނަ ދުވަހާއި 31 ވަނަ ދުވަހު އެވެ.

އޯގަަސްޓް މަހުގެ ހަތްވަނަ ދުވަހާއި 21 ވަނަ ދުވަހާއި 27 ވަނަ ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ސެޕްޓެމްބަރު މަހުގެ ތިން ވަަނަ ދުވަހަށާއި 10 ވަނަ ދުވަހަށް ފަހު ދެ އަޑުއެހުން ތާވަލުކުރި އެވެ. ގާޒީ ވިދާޅުވި ގޮތުގައި އެ ތާވަލަށް ހުރިހާ އަޑުއެހުމެއް ބޭއްވިއްޖަނަމަ މައްސަލާގެ ހުކުމް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކުރައްވާނެ އެވެ. ޝަރީއަތް އޮންނަ އަޑުއެހުންތައް ތާވަލުކޮށްގެން ކުރިއަށް ގެންދިޔުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.