ހަބަރު

ޔާމީން މަރާލަން ރޭވި ގޮތާއި ސަބަބު ސިއްރު ހެއްކަކު ކިޔައިދީފި

Jul 31, 2019
26

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރަން އޭނާގެ މަރުގެ ތުހުމަތުވާ ހަ ފަރާތުން ރޭވި ގޮތުގެ ތަފްސީލް މިއަދު ޝަރީއަތަށް ހާޒިރުކުރި ސިއްރު ހެކިވެރިޔާ ތަފުސީލްކޮށް ކިޔައިދީފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގައި ފަސް ހެކިވެރިންގެ ހެކިބަސް ނަގާފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ ނަގާފައިވަނީ ސިއްރު ހެކިވެރިއެއްގެ ހެކިބަހެވެ. އޭނާ ޝަރީއަތުގައި ވަނީ ޔާމީން މަރާލުމަށް ރޭވިގެންދިޔަ ހުރިހާ ކަމެއް ތަފުސީލުކޮށް ހިއްސާކޮށްފަ އެވެ.

ސިއްރު ހެކިވެރިޔާ ޝަރީއަތުގައި ކިޔައިދިން ގޮތުގައި، ޔާމީން ރަޝީދު މަރަން ފުރަތަަމަ މަޝްވަރާ ކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން ފޮޓޯ މައުރަޒެއްގައި ކީރިތި ގުރުއާނަށް ފުރައްސާރަ ކޮށްފައިވާ ކަމަށްބުނެ ފުރުގާން މިސްކިތުގައި ފުރަތަމަ ފަހަރަށް އެ ހަމީހުން ބައްދަލު ކޮށްފައިވެ އެވެ. އަދި ހައިޝަމް ވަނީ ދީނަށް ފުރައްސާރަ ކުރާ މީހުން މަރަންޖެހޭ ކަމަށާއި އެފަދަ މީހުން މަރާނެ ކަމަށް ބުނެފަ އެވެ.

އޭނާ ބުނީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވީ ހައިޝަމް ކަމަށާއި އެ ދުވަހުގެ ފަހުން އެންމެންގެ އުޅުން ބަދަލު ކުރަން ވެސް އޭނާ އެންގި ކަމަށެވެ. އަދި ހައިޝަމް އިސްވެ ހުރެ ހުރިހާ ކަމެއް ރޭވި ކަމަށާއި އެކި ފަހަރު މަތީން ފުރުގާން މިސްކިތާއި ތޮއިބާ މިސްކިތާއި ހައިޝަމްގެ ގޭގެ ކޮޓަރީގައި ބައްދަލުކޮށްފައިވާ ކަމަށެވެ.

އިތުރު ކަންކަން ފާހަގަ ކުރަމުން ސިއްރު ހެކިވެރިޔާ ކިޔައިދިން ގޮތުގައި، ޔާމީން ރަޝީދު މަރާލަން އިތުރު އެހެން ފަރާތްތަކުން ވެސް އެހީތެރިވި އެވެ. އެގޮތުން ފޯނާއި ސައިކަލް ފަދަ ތަކެތި އެފަރާތްތަކުން ފޯރުކޮށްދިނެވެ. ނަމަވެސް އެއީ ކޮން ބައެއްކަން އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.

ސިއްރު ހެކިވެރިޔާ ބުނީ، ޔާމީން މަރާލުމުގެ އަމަލީ މަަސައްކަތްތައް ފެށިގެން ދިޔައީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހައިޝަމާއި އެންމެ އިސްކޮށް ދެވަނަ އަށް މަސައްކަތް ކުރަން ޒިޔާދު އިހްތިޔާރު ކޮށް އެކަމުގައި ބައިވެރިކުރި ކަމަށާއި ޔާމީންގެ މަރާލުމުގައި އޭނާވެސް ބައިވެރިވި ކަމަށެވެ.

އޭގެ ފަހުން މަސައްކަތްތައް ފެށިގެން ދިޔައީ އޭޕްރީލް މަހުގައި ކަމަށާއި އެކި ގޮތް ގޮތުން ހައިޝަމަށް ޒިޔާދު އެހީތެރިވެފައިވާ ކަމަށާއި ނަމަވެސް ޔާމީން މަރާލި ރޭ އޭނާ އެތަނުގައި ނުހިމެނޭ ކަމަށެވެ. އެހެން ދިމާވީ އޭނާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށްވެސް ބުންޏެވެ.

ޒިޔާދުގެ ފަޔަށް ގެއްލުންވެ، ކޮރުޖަހާފައި އުޅެނިކޮށް ޔާމީން މަރާލުމުގެ ހަތަރު ވަރަކަަށް ދުވަސް ފެނުނު ކަމަށާއި ޒިޔާދުގެ ފަޔަށް އަނިޔާވުމުން ހައިޝަމްއާއެކު އެންމެ އިސްކޮށް މަސައްކަތް ކުރަން ދެން ހަމަޖެއްސީ ޒިހާން ކަމަށާއި އޭނާ ޔާމީން މަރާލަން ބައިވެރިވި ކަމަށްވެސް ސިއްރު ހެކިވެރިޔާ ބުންޏެވެ.

ސިއްރު ހެކިވެރިޔާ ވަނީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ފުލުހުން އާންމުކުރި ފޮޓޯތަކުގައި ފެންނަ ފަރާތްތައް ވެސް ތަފްސީލްކޮށް ކިޔައިދީފަ އެވެ. އެގޮތުން ކަޅުކުލައިގެ އެއްޗެއް ލައިގެން ހުރީ ހައިޝަމެވެ. ދެވަނަ އަށް ހުރީ ޒިހާނެވެ. އެއީ ޒިހާންކަން އޭނާގެ ބޮޑީ ލެންގްއޭޖުންނާއި އެހެނިހެން ކަންކަމުން އިނގޭ ކަމަށްވެސް ބުންޏެވެ.

އެމައްސަލާގައި ތުހުމަތުވާ އިސްލާއިލް ރަޝީދު އިނީ ބޭރުގައި ކަމަށް ސިއްރު ހެކިވެރިޔާ ބުންޏެވެ. އޭނާވެސް ހުރިހާ މަޝްވަރާތަކުގައި ބައިވެރިވެފައިވާ ކަމަށާއި ބާކީ ތިބި ހަސަން ޝިފާޒާއި މުހައްމަދު ދިފްރާން ހަރަކާތްތެރިވީ ޔާމީން ރަޝީދަށް ފާރަލުމުގެ މަސައްކަތުގައި ކަަމަށެވެ. އެގޮތުން ޔާމީން ރަޝީދު މަރާލީ ރޭ 2:00 ޖެހި އިރު ދިފްރާން އެ ސަރަހައްދުން ފެނިފައިވާ ކަމަށާއި ނަމަވެސް ޝިފާޒް އެރޭ ނުފެންނަ ކަމަށެވެ. އަދި ހަމަ އެރޭ 2:00 ޖެހި އިރު ޔާމީން ރަޝީދުވެސް އެގޭ ކައިރިން ފެނިފައިވާ ކަމަށް ވެސް ސިއްރު ހެކިވެރިޔާ ބުންޏެވެ.

ސިއްރު ހެކިވެރިޔާގެ ހެކިބަހަށް ފަހު ދަތުލަތުގެ ވަކީލުންގެ ފަރާތުން ވަނީ އެހުރިހާ ކަމެއް އިނގުނު ގޮތާއި އަޑުއެހީ ކޮންތަނެއްގައި ހުރެގެންތޯ ސުވާލުކޮށްފަ އެވެ. އެސުވާލުތަކަށް ޖަވާބު ދެމުން ސިއްރު ހެކިވެރިޔާ ބުނީ، ތުހުމަތުވާ މީހުން ޔާމީން ރަޝީދު މަރާލާފައި ވަނީ އޭނާއަކީ ދީނަށް އިސްލާމް ދީނަށް ފުރައްސާރަކުރާ މީހަކަށް ވާތީ ކަމަށެވެ. އެހުރިހާ އެއްޗެއް އޭނާގެ ކަންފަތަށް އަޑުއިވިފައިވާ ކަމަށެވެ. އަދި ބޭއްވި މަޝްވަރާތަކުގައި އޭނާ ހުރީ އެމީހުން ދައްކާ ވާހަކަތައް އަޑުއިވޭ ހިސާބުގައި ކަމަށެވެ.

ދިފާއީ ވަކީލުންގެ ގިނަ ސުވާލުތަކަށް ޖަވާބެއް ނުދިން

ދައުލަތުގެ ސުވާލުތަކަށްފަހު ދިފާއީ ވަކީލުން ވަނީ ވަރަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. ނަމަވެސް އެންމެ ބޮޑަށް ތުހުމަތުވާ ހައިޝަމްގެ ވަކީލު އެއްވެސް ސުވާލެއް ކޮށްފައެއް ނުވެ އެވެ. ހައިޝަމްގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ، ހެކިވެރިޔާއާ ސުވާލު ކުރަން ބޭނުންުނުވާ ކަމަށާއި އެއީ ގާނޫނާ ހިލާފަށް ނެގޭ ހެކިބަހެއް ކަމަށެވެ.

ނަމަވެސް އެހެން ދިފާއީ ވަކީލުން ވަނީ ސިއްރު ހެކިވެރިޔާއާ ސުވާލުކޮށްފަ އެވެ. އެގޮތުން ޒިހާންގެ ވަކީލް އަބުދުﷲ ހަސީން ވަނީ އެ ވާހަކަތައް އަޑުއިވުނު ގޮތާއި އެތަންތަނުގައި ސިއްރު ހެކިވެރިޔާ ހުރި ހައިސިއްޔަތާމެދު ސުވާލު ކޮށްފަ އެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން ސިއްރު ހެކިވެރިޔާ ބުނީ، މިސްކިތުގައި ހުރީ މިސްކިތައް އަރާ މީހެއްގެ ހައިސިއްޔަތުން ކަމަށާއި ނަމަވެސް ހުރި ހިސާބެއް ނުބުނެވޭ ކަމަށެވެ. އަދި ހުރީ އަޑު އިވޭ ހިސާބުގައި ކަމަށްވެސް ބުންޏެވެ.

ބާކީ ތިބި ވަކީލުންވެސް ވަރަށް ގިނަ ސުވާލުތައް ކުރައްވާފައި ވެއެވެ. އެގޮތުން އެޖަމާއަތުގައި ހިމެނޭތޯއާ ފުލުހުން ދުވަހަކުވެސް އެ މައްސަލާގައި ހައްޔަރު ކޮށްފައިވޭތޯއާ ސިއްރު ހެކިވެރިޔާއާ ގުޅުންހުރި ގިނަ ސުވާލުތަކެއް ކުރި އެވެ. ނަމަވެސް ސިއްރު ހެކިވެރިޔާގެ ޖަވާބަކަށްވީ ޝަރީއަތުގައި ތިބި ދައުވާ ލިބޭ ފަރާތްތަކާއިބެހޭ ގޮތުން ސުވާލު ކުރުމަށާއި އޭނާއާ ގުޅޭގޮތުން ސުވާލު ނުކުރުމަށެވެ. ނުވަތަ އެ ސުވާލަށް ކުރިން ޖަވާބުދީފައިވާ ކަމަށާއި އިތުރަށް ޖަވާބުދޭން ނުޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ގިނަ ދިފާއީ ވަކީލުން ވަނީ އޭނާ އަކީ ހެކިބަސް ނެގުމަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށާއި ހެކިބަސް ނަގަން ޖެހޭ މީހެއްތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ކަމަށެވެ. އަދި ބައެއް ވަކީލުން ވަނީ ސިއްރު ހެކިވެރިޔާ ދޮގު މައުލޫމާތުދޭ ކަމަށްވެސް ތުހުމަތުކޮށް އެކަން ބަން ވެސް އެދުނެވެ.

ސިއްރު ހެކިވެރިޔާއާ އެންމެ ފަހުން ސުވާލު ކޮށްފައި ވަނީ ހުސައިން ޒިޔާދުގެ ވަކީލް އަބުދުﷲ ޝާއިރެވެ. އޭނާ ކުރެއްވި ސުވާލުތަކަކީ ޒިޔާދު ދަންނަތާ ކިހާ ދުވަހެއްވެއްޖެތޯ އާއި ޔާމީން ރަޝީދު މަރަން އޭނާ ބުނިތޯ އެވެ. އަދި އެމަޝްވަރާތައް ކުރިއަށް ދިޔައިރު އެ ސަރަހައްދުގައި ހުރީ އިއްތިފާގަތުންތޯ ވެސް ސުވާލުކޮށްފައި ވެއެވެ.

އެ ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނީ، ޒިޔާދު ދަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް ސީދާ ކިހާ ދުވަހެއް ކަމެއް ބުނެދޭން ނޭނގޭ ކަމަށެވެ. އަދި ޒިޔާދު ވަނީ "އެކަހަލަ މީހުން މަރަށް ޖެހޭ" ކަމަށް ބުނެފައި ކަމަށެވެ. އަދި "އެއީ ދީނަށް ފުރައްސާރަކުރާ މީހުން" ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ އިތުރަށް ބުނީ، ބައްދަލުވުން ތަކުގައި ދެއްކި ވާހަކަތައް އިވުނީ އަޑުއިވޭ ހިސާބުގައި ހުރުމުން ކަމަށެވެ. އަދި ހައިޝަމް ގޭގެ ކޮޓަރީގައި ބޭއްވި ބައްދަލުވުމުގައި ވެސް ހުރީ އޭނާއަށް އަޑުއިވޭ ހިސާބުގައި ކަމަށެވެ. ހުރި ހިސާބާއި ހުރިތަން ހާމައެއް ނުކުރެ އެވެ.

މިއަދުގެ ޝަރީއަތުގައި އިތުރު ހަތަރު ހެކިވެރިންގެ ހެކިބަސް ނަގާފައިވެ އެވެ. އެގޮތުން ނަގާފައިވަނީ ހައިޝަމް އާއި ޒިހާން އެގްޒާމިން ކުރި ފުލުސް މީހާގެ ހެކިބަހާއި އެންމެ ފުރަތަމަ ސީންއަށް ދިޔަ ދެ ފުލުހުންގެ ހެކިބަހާއި އެއިމާރާތުގައި އިން ބޮތްކެއް އެގްޒަމިން ކުރި ފުލުހެއްގެ އެވެ.

މިއަދުގެ ޝަރީއަތް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ނިންމާލައްވާފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމުމަށްފަހު އެވެ. އެދުވަހުވެސް އޮންނާނީ ހެކިވެރިންގެ ހެކިބަސް ނެގުން ކަމަށް ގާޒީ ވިދާޅުވި އެވެ.