(31 މާރިޗު 2025 އާ ގުޅޭ)
ނުތަނަވަސްކަމުގެ ތެރެއިން ރަހާގެ ހިތަށް ހަމަޖެހުމެއް ލިބުނުކަމުގެ އިޙްސާސް ކުރެވުނެވެ. ވާކިފްގެ އަޅާލުން ފެނި އެވެ. އެހާ ގާތްކޮށް އެހާމެ އޯގާތެރިކަމާއެކު ރަހާ ހޭހަންކުރާން ވާކިފް އުޅުނު ހަނދާނެއް އޭނާ ނުވެ އެވެ. އެފަދަ ވަގުތެއް ވެސް ވާކިފަށް ނުލިބެ އެވެ. ވާކިފް ދިއްކޮށްލި ދެވަނަ ސަމްސާ ވެސް ބޯލުމަށް ރަހާ އަނގަޖެހި އެވެ. އެނދު އަރިމަތީ ހުރި ކަބަޑުގެ މަތިން ފޯނު ވައިބްރޭޓްވާން ފެށީ އެވަގުތެވެ. އެ ދިމާއަށް ވާކިފްއާއި ރަހާއަށް ބަލާލެވުނީ އެއްފަހަރާ އެވެ. އެތަނުގައި އޮތީ ވާކިފްގެ ފޯނެވެ.
ވާކިފް ފޯނު ނަގައި ވާހަކަދައްކަން ފެށި އެވެ. އޭނާގެ ވާހަކަތަކުން އެ ގުޅީ އޮފީހުންކަން ރަހާއަށް ދޭހަވި އެވެ. އެ ކޯލަށް ޖަވާބު ދީފައި ބޭއްވިތާ ދިހަވަރަކަށް މިނެޓު ނުވަނީސް އަނެއްކާ ކޯލެއް އަތުވެއްޖެ އެވެ. މިފަހަރު ވެސް ވީ އޮފީހުން ގުޅި ކޯލަކަށެވެ. އޭނާ ދައްކަމުން ދިޔައީ އޮފީހުގެ މަސައްކަތާއި ބެހޭ ވާހަކަތަކެވެ. އޭނާ ބަލަން ހުރި ލިޔެކިޔުންތައް މެއިލް ކުރުމަށް ވެސް ވާކިފް ބުނަމުން ދިޔަ އެވެ.
"ކިތައް ކަންތަކުގައި ކިތައް މީހުން ގުޅައިފި. ވާކިފް އޮފީހަށް ދިޔަސް އަހަރެންގެ މައްސަލައެއްނެތޭ. ގޮސް ކަންކަން ނިންމާލާފައި އާދޭ." ވާކިފް ކޯލެއް ނިންމާލި ވަގުތު ރަހާ ބުންޏެވެ.
"އެކަމަކު އަހަރެން ބުނިން ދޯ ރަހާ ކައިރީ މިއަދު ގޭގައި މަޑުކޮށްލާނީއޭ. މަސައްކަތްތަކާމެދު ރަހާ ނުވިސްނާ. އަހަރެންނަށް މެނޭޖްކުރެވޭނެ. ދެން ނާންނާނެ ފޯނެއް. މި ނިއްވާލީ." ވާކިފް ފޯނު ނިއްވާލި އެވެ.
"ފޯނު ނިއްވާލުމަކީ ހައްލެއް ވެސް ނޫން. މުހިންމު ނޫނިއްޔާ އޮފީހުން ވެސް ނުގުޅާނަން." ރަހާ ބުންޏެވެ.
"އެންމެ ރަނގަޅުތަ އަހަރެން ދިޔަސް." ވާކިފް އަހާލީ ހުއްދައަކަށް އެދޭ ފަދައިންނެވެ. އެއާއެކު ރަހާ ބޯޖަހާލައިފި އެވެ.
"އަހަރެން ދިޔަޔަސް މި ސޫޕް ވާނެ ހުސްކޮށްލަން. ބޭސް ގެނެސް ސައިޑް ކަބަޑުމަތީ ބަހައްޓާފައި ދާނީ. ކައިގެން ބޭސް ކާލާތި އިނގޭ. ރަނގަޅަށް ނިދާލާފައި ތެދުވަނިކޮށް ހުން މަޑުވެދާނެ." ވާކިފް ބުންޏެވެ. ދެން ވެސް ޖަވާބެއްގެ ގޮތުން ރަހާ ހަމައެކަނި ބޯޖަހާލީ އެވެ.
ރަހާގެ އަތަށް ސޫޕްތަށި ލައިދީފައި ވާކިފް އެނދުގެ މަގަތުން ތެދުވި އެވެ. އޭނާ ރަސްމީ ހެދުމަށް ބަދަލުކޮށްލައި އޮފީހަށް ދާން ތައްޔާރުވި އެވެ. ފަހު ކަމަކަށް އަތުކުރީގައި ގަޑި އަޅާލުމާއެކު އަވި އައިނު ނަގައިފި އެވެ. ރަހާއަށް ބަލާލުމަށްފަހު ދަނީ ކަމުގައި ބުނެ ކޮޓަރިން ވާކިފް ނުކުތީ އެވެ.
ކުލިނިކަށް ދާންވީ ވަގުތު ޖެހުނު އިރު ވެސް ވާކިފަށް ގެއަކަށް ނާދެވުނެވެ. ރަހާ އެ ގަޑީގައި ވާކިފަށް ގުޅާލި އެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެ އެވެ. ދެވަނަ ފަހަރަށް ގުޅުމަކީ ރަހާ މިހާރު ކުރަން ބޭނުންވާކަމެއް ނޫނެވެ. ތިންހަތަރު ފަހަރަށް ވާކިފަށް ގުޅައި އޭނާއަށް މެސެޖުތަކެއް ނުކުރިޔަސް ރަހާ ގުޅިކަން ވާކިފް ފޯނު ބަލައިފިނަމަ އެނގޭނެތާ އެވެ. އަމިއްލަ ހިތަށް އުނދަގޫކޮށް ބޭކާރު ޚިޔާލުތައް ކުރާނޭ ފުރުޞަތު އަމިއްލަ ނަފްސަށް ދޭން ރަހާ ނޭދެ އެވެ. އެހެންވެ އާދައިގެމަތިން އޭނާ ދާފަދައިން ކުލިނިކަށް ދިޔައީ އެކަންޏެވެ.
އިޝާ ނަމާދުކޮށްގެން ކާއެއްޗެއް ކެވޭ ގޮތެއް ރަހާއަށް ނުވި އެވެ. އެހެންވިޔަސް އޭނާ ޖޫސް ފޮދެއް ބޯލި އެވެ. އެނދަށް އަރައި އޮށޯތީ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތިގެންނެވެ. އެހެން އޮއްވާ އޭނާއަށް ނިދުނީ އެވެ. ހޭލެވުނީ މެންދަމުގެ ވަގުތުގަ އެވެ. ރަހާއަށް ފުރަތަމަ ވެސް ބަލާލެވުނީ ފޯނުން ގަޑި އެވެ. ދެން އޭނާގެ ނަޒަރު ދަތުރުކޮށްލީ އެނދުމައްޗަށެވެ.
"ވާކިފް ނާންނަނީތަ؟." ރަހާއަށް ހިތާހިތުން އަހާލެވުނެވެ.
މަޑުމަޑުން އެނދުން ތެދުވެ އޭނާ ފާޚާނާއަށް ވަނެވެ. ރަހާ ފާޚާނާކޮށްލައިގެން ނުކުތީ ކޮޓަރިން ބޭރަށެވެ. ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަނީގެ ދޮރު ހުޅުވާފައި ހުއްޓާ ރަހާއަށް ފެނުނީ ދެނެވެ. ހަލުފިޔަވަޅުގައި އެ ދިމާއަށް ރަހާ އައެވެ. ބެލްކަނީގައި އެއް އަތުން ހިފަހައްޓާލައިގެން ގޭތެރެއަށް ފުރަގަސްދީގެން ހުރީ ވާކިފް އެވެ. ފެނިގެން ދިޔަ ދުންތަކުން ވާކިފް ކުރަނީ ކީއްކަން ރަހާއަށް ނަގައިގަންނަން އެނގުނެވެ. އޭނާ އައިސް ވާކިފްގެ ކައިރީ ހުއްޓީލި އެވެ.
"ސިނގިރޭޓު ނުބޯށޭ އަހަރެން ބުނަމެންނު." ރަހާ ބުންޏެވެ.
"ރަހާ... ހޭލެވުނީތަ؟." ވާކިފް އަވަހަށް ބެލްކަނީގެ އެއްފަރާތުގައި ހުރި މޭޒުގެ މަތީ ބަހައްޓާފައިވާ އަޅިކެނޑިއަށް ސިނގިރޭޓު ނިއްވާލައިފި އެވެ.
"ކަމެއްވީތަ؟. ވާކިފް އާންމުކޮށް ތިހެން ސިނގިރޭޓު ރޯކޮށްގެން ހުންނާނީ ކޮންމެވެސް ބޮޑު ފިކުރެއްކުރާން ޖެހިގެން. އަހަރެން ކައިރީ ބުނެބަލަ. ކޮންކަމަކާ ތި ވިސްނަނީ؟." ރަހާއަށް ފިރިމީހާގެ އާދަތައް އެނގޭތީ ބުނެވުނެވެ.
"ޑޯންޓް ވޮރީ އަބައުޓް އިޓް. މަސައްކަތާ ގުޅުން ހުރި ކަމެއް އެއީ. ރަހާ އެކަމާ ވިސްނާ ބޯގޮއްވާނެކަމެއްނެތް." ވާކިފް ބުންޏެވެ. އަދި އޭނާގެ ނަޒަރު ރަހާއަށް ސީދާކޮށްލި ހިނދު ބޮޑު ސިހުމެއް ލިބިގެން ދިޔަ އެވެ. ކަންބޮޑުވުމާއި ހާސްކަމާއެކު އޭނާ ރަހާގެ ނަން ކިޔާލި އެވެ.
"ތިޔޮއް ނޭފަތުން ލޭފައިބަނީ." ރަހާގެ ނޭފަތާއި ދިމާލުން އަތް އަޅަމުން ވާކިފް ބުންޏެވެ.
ރަހާ ގޮވައިގެން ވާކިފް އައިސް ފާޚާނާއަށް ވަނެވެ. ރަހާގެ ހެދުމުން މޭމަތީގައި ވެސް ލޭ ތިކި ޖެހި ހަޑިވެފައި ހުއްޓެވެ. އިރުކޮޅަކު އުޅެގެން ރަހާގެ ނޭފަތުން ލޭ އައުން ހުއްޓުނެވެ. ވާކިފް ނިކަން އަވަހަށް ޓިޝޫކޮޅަކުން ރަހާގެ ނޭފަތް ކައިރިން ފެން ފުހެދީ ސާފުކޮށްދޭން ފެށި އެވެ.
"ކީއްވެތަ ހަމަހުރެފައި ކުއްލިއަކަށް ނޭފަތުން ލޭ އަންނަނީ؟. ޑަކްޓަރަށް ގޮސްފައި ނާހަންތަ އެމީހުން ކައިރީ." ވާކިފްއަށް ބުނެވުނީ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެ އެވެ.
"ވައި ނުސާފުވީމަހެން ހީވަނީ. ރޯގާވެފައި އަބަދު ހުންނަނީ." ރަހާ ހަޤީޤަތް ސިއްރުކުރި އެވެ.
"ވައި ސާފުކޮށްދޭ އެއްޗެއް ގެއަށް ހޯދާނަން. މާދަމާ އެކަމާ އުޅޭނަން. ހެދުން ވެސް ހަޑިފައި ތިހުރީ. ހިނގާ ޗޭންޖުކޮށްލަން." ވާކިފް ވާހަކައިގައި ރަހާގެ ހެދުން ބާލުވަން ކައިރިވެލި ހިނދު ކުއްލިއަކަށް ރަހާއަށް ޖެހެވުނީ ދުރަށެވެ. އޭނާއަށް ހަށިގަނޑުގައި ހުރި ނިޝާންތައް ފެންނަން ރަހާ ބޭނުންނުވަނީ އެވެ. ހަޤީޤަތް ނޭނގި ހުރި ވާކިފްއަށް ނަގައިގަނެވުނީ ގޯސްކޮށެވެ.
"އަހަރެން ޗޭންޖުކޮށްލައިގެން މި ނުކުންނަނީ." ރަހާ އަވަސްއަވަހަށް ބުންޏެވެ.
"ސެންޓާ އެއްޗެހި ވެސް ރަހާ ބޭނުންނުކުރަނީތަ؟. އަހަރެން ހޯދާ ދީފައި ހުންނާނީ. މުޅި މީހާ ގައިން ދުވަނީ ފާޑެއްގެ ވަހެއް. ލޭ ވަސް އަބަދު ދުވާހެން ވެސް ހީވޭ. އަހަރެންނަށް ވަރަށް އުނދަގޫވޭ. ނުބުނަން ހުރެފައި ވެސް މިބުނީ އެހެންވެ." ވާކިފް މިހެންބުނެ ފާޚާނާއިން ނުކުންނަން ހިނގައިގަތީ ދަތްކުނޑިވިކާލައިގެން ހުރެ އެވެ. ޔަޤީނުން ވެސް އޭނާ އެ ދަނީ ހިތްހަމަނުޖެހިފައި ހުރެކަން އެނގޭހާވެ އެވެ.
ފާޚާނާގެ ދޮރު ވާކިފް ލައްޕާލުމުން ހިމޭންކަމުގައި ހުރެ ރަހާ ހެދުން ބަދަލުކޮށްލި އެވެ. ފެންމާގަނޑު ދޫކޮށްލައި އޭގެ ދަށަށް އޭނާ ވަނެވެ. އެހެންޏާ ސާފުނުކުރާ ވަރަށް ސައިބޯނި ލައިގެން ހަށިގަނޑު ސާފުކުރާން އޭނާއަށް މަސައްކަތް ކުރެވުނީ ބޭއިޚްތިޔާރުގަ އެވެ. ފިރިމީހާގެ ދުލުން ބޭރުވި ލަފުޒުތަކުން ރަހާގެ ފާރުވެފައިވާ މޭ އިތުރަށް ޒަޚަމްވެ ލޭ އޮހޮރިގަތް ފަދަ އެވެ. އެކަމުގެ އަސަރު އޭނާގެ ދެ ލޮލުން ފާޅުވެގެން އައެވެ. އޮހެމުންދިޔަ ފެނާ އެކުވަމުންދިޔަޔަސް އެ ކަރުނައިގައިވާ ހޫނުކަމާއި ދިލަ ރަހާއަށް އިޙްސާސް ކުރެވެ އެވެ.
"މިހާރު އަހަރެންނޫން ކޮންމެ މީހަކު ވެސް ފެންނާނީ ޝައުގުވެރި މީހެއްގެ ގޮތުގައި. ބޭކާރު މީހަކަށް ވެގެން މިދަނީ އަހަރެން. މީ އަހަރެންނަށް ހުރިގޮތްތަ؟." ރަހާގެ ހިތަށް އަރަމުންދިޔަ އެވެ.
ރަހާ ފާޚާނާއިން ނުކުތްއިރު ކޮޓަރިތެރޭ ވާކިފްއެއް ނެތެވެ. އޭނާ ރީތިވެލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. ވާކިފް ފެންނަން ނެތުމުން އިތުރު ނުތަނަވަސްކަމެއް ރަހާއަށް ލިބުނެވެ. އެ ގަޑީގައި ވާކިފް ބޭރަށް ދާނޭ ރަހާ ހިޔެއްނުކުރެ އެވެ. ދެރަވެފައި ސޯފާގައި ރަހާ އިންދާ ކުއްލިއަކަށް އެޕާޓްމެންޓް ދޮރު ހުޅުވާލާފައި ވާކިފް ވަންތަން ރަހާ ދުށްޓެވެ.
"ކޮންތާކަށް ދިޔައީ؟." ސޯފާއިން ތެދުވަމުން ރަހާ އަހާލި އެވެ. އެހިނދު ވާކިފްގެ އަތުގައި އޮތް ކޮތަޅު ދައްކާލި އެވެ.
"ގޭގައި އެއްވެސް އެއްޗެއް ހަދާފައި ނެތީމަ އެނގިއްޖެ ރަހާ ނުކައިކަން ހުރީ. ކާއެއްޗެއް ހޯދަން ނުކުތީ." ވާކިފް ބުންޏެވެ. އޭނާ ބަދިގެއަށް ވަންނަން ދިއުމުން އޭނާގެ ފަހަތުން ރަހާ ވެސް އައެވެ.
* * * * *
ދޮރޯށިން ވަންނަން ކީޓެގް ޖައްސާލި ވަގުތު ވާކިފްގެ ފޯނު ވައިބްރޭޓްވާން ފެށި އެވެ. އޭނާ ގެއަށް ވަނީ ފޯނުކޯލަށް ޖަވާބުދެމުންނެވެ. އަނެއްކޮޅުން އޭނާއާ ދެއްކި ވާހަކައިން ވާކިފްގެ ފިޔަވަޅު މަޑުޖެހުނެވެ.
"ކީކޭ؟. އެ ޕްރޮޖެކްޓްގެ ހުރިހާކަމެއްހެން ގާތްގަނޑަކަށް ނިމިއްޖެ. ވަރަށް މަދު ދެތިންކަމެއް ހުރީ ނިންމަން ޖެހޭ. ވީ ޖަސްޓް ހޭވް ޓު ޓައި ސަމް ލޫޒް އެންޑްސް. މޭޔަރުގެ ދަރި ޖުމާނު ނެތްތަ؟. އޭނާ އިންނަން އުޅޭ ކުއްޖާއަށް ބޯންމެރޯ ހަމަޖެހުނީމަ އަހަރެންނަށް ގުޅި. އަހަރެން ކައިރީ އަންނަން ބުނެފައި އޮތީ. އޭނާއަށް ކޮންގްރާ ކިޔަންދާންވާނެ. އެކަމުގައި އަހަރެންނަށް އެހީއެއް ބޭނުންވާނެ. އޭތް، ދެން ބާއްވަނީ. ގެއަށް މިއައީ. އެހެން އިރަކުން ކޮފީއަކުން ދިމާކޮށްލަމާ." ވާކިފް ފޯނުން ވާހަކަދައްކަން ހުރެފައި ކޯލު ދިގުވެދާނޭ ހީވުމުން ގަސްދުގައި ކުރުކޮށްލީ އެވެ.
އެޕާޓްމެންޓަށް ވާކިފް ވަންއިރު އެ ތަނުގައިވީ ފަޅުކަމެވެ. އޭނާ އައިސް ކޮޓަރިއަށް ވަނީ ރަހާ ކޮޓަރީގައި އޮވެދާނޭ ހީކޮށެވެ. ނަމަވެސް ގޭތެރެއިން އޭނާއަށް ރަހާއެއް ނުފެނުނެވެ.
"ބޭރަށް ދިޔައީތަ؟." ވާކިފްއަށް ރަހާ ނުފެނުމުން ހިތާހިތުން ބުނެލެވުނެވެ.
އޮފީސް ހެދުން ބަދަލުކޮށްލައިގެން ވާކިފް ކޮޓަރިން ނުކުތެވެ. އޭނާ ބަދިގެއަށް ވަދެ ކޮފީއެއް ހަދައިގެން އައިސް ސިޓިންރޫމު ސޯފާގައި އިށީނެވެ. ސޯފާތައް މެދުގައި ހުރި ތިރި ކޮފީމޭޒު މަތީގައި ކަރުދާސް ކޮތަޅެއް ހުރިކަން ވާކިފްގެ ލޮލުގައި އަޅައިގަތީ ދެނެވެ.
"ރަހާ ޝޮޕިންކުރަން ދިޔައީތަ؟. އަހަރެންނަށް ވަގުތުވީމަ އަވަހަށް މިއައީ ރަހާ ގޭގައި އިންނާނެކަމަށް. އޭނާއާއެކު ވަގުތު ހޭދަކުރަން ގަސްތުކޮށް." ވާކިފް އަމިއްލަ ހިތާ ވާހަކަދައްކަމުން ކޮފީ ޖޯޑު ބަހައްޓާފައި އެ ކަރުދާސް ކޮތަޅު ނަގައިފި އެވެ. އެ ކޮތަޅުގެ ތެރެއިން އޭނާއަށް ފެނުނީ ރުމާލަކާއި ފިނިއިރު ބޭނުންކުރާ ފަދަ ސްކާފެކެވެ. އެއަށް ބަލާލުމުން އެއީ އާ އެއްޗެހި ނޫންކަން އެނގޭހާވެ އެވެ. ވާކިފް ސުވާލު އުފެދުނެވެ. އެއީ އޭނާގެ އެއްޗެއް ނޫންކަން ޔަޤީންވާއިރު އެއީ ރަހާގެ އެއްޗެއް ނޫނޭ އޭނާގެ ހިތަށް އެރި އެވެ. އަނެއްކޮޅުން އޭނާއަށް ވަހެއް ދުވާހެން ހީވެ ސްކާފް ގެނެސް ނޭފަތާ ކައިރިކޮށްލެވުނެވެ.
"ފިރިހެން ސެންޓެއް... ހޮސްޕިޓަލްތަކުން ދުވާކަހަލަ ވަހެއް ވެސް އެބަހުރި." ވާކިފްގެ ހިތް ބުންޏެވެ. އެއާއެކު ކުއްލިއަކަށް ވާކިފްގެ ދެ ލޯ ބޮޑެވެލައިފި އެވެ. ހީވީ ކަމެއް ހަނދާންވެގެން ސިކުނޑީގައި ބޮތްކެއް ދިއްލުނު ހެންނެވެ.
* * * * *
އެކަހެރިކޮށް އެކަނިމާއެކަނި ގޮނޑިބަރީގައި ރަހާ އިނެވެ. ހިނގައިގަންނާނޭ ވަރެއް ނެތިފަ އެވެ. އެ ދިމާލުން ބަލިމީހަކު ނުފެނުނަސް ދޭތެރެއަކުން ނަރުސް ކުއްޖަކު ދާތަން ފެނެ އެވެ. ރަހާ ގަސްދުގައި އެދިމާއަށް އައިސް އެ އިނީ މީހުން މަދުވާނޭކަން އެނގިހުރެ އެވެ. ހަށިގަނޑުގައި ވަރުޖެހިލީމާ ޓެކްސީއެއްގައި ގެއަށްދާން އޭނާ ގަސްދުކޮށްގެންނެވެ. ބަނޑުގައި ދެ އަތް ވަށާލައިގެން ގުދުވެ ރަހާ އިނެވެ. ކައިރިން ފިޔަވަޅުގެ އަޑު އިވުނެވެ. ރަހާއަށް ފުރަތަމަ ވެސް ފެނުނީ އޭނާގެ ކައިރީ މަޑުކޮށްލި މީހާގެ ބޫޓެވެ. އޮފީސް ކަޅު ފަޓުލޫނާއި އަރާފައި ހުރި ކަޅުބޫޓެވެ.
"މިތާ ނީނދެ ހިނގާ އަހަރެންނާއެކީ. އަހަރެންގެ ކެބިންގައި ރެސްޓްކޮށްލާފައި ދާނީ." ޒަރަކް ވާހަކަދެއްކި އެވެ. އިސްއުފުލާ ބަލާލުމެއްނެތި ރަހާ ދެ ފަރާތަށް ބޯހުރާލީ ޒަރަކްއަށް އިންކާރުކުރާ ފަދައިންނެވެ.
"ރަހާ... ޔޫ ނީޑް ރެސްޓް." ޒަރަކް މަޑުމަޑުން ތަކުރާރުކޮށްލި އެވެ. ދެން ވެސް ރަހާ ދާކަށް ބޭނުމެއްނުވި އެވެ.
ކުއްލި ސިހުމަކާއެކު ރަހާއަށް އަޑެއް ލައްވާލެވުނީ ޒަރަކް އޭނާގެ އަތުގައި ހިފައި ކޮޅަށް ނެގީމަ އެވެ. ޒަރަކްގެ ހަރަކާތް ނުހަނު އަވަހެވެ. އޭނާގެ އަތްދަނޑިމައްޗަށް ރަހާ އުފުލާލުމާއެކު ހަލުވިފިޔަވަޅުގައި ޒަރަކް ހިނގައިގަނެއްޖެ އެވެ.
"އިޓްސް އެން އެމަޖެންސީ." ނަރުސްކުއްޖަކު ފެންނައިރަށް ޒަރަކް ތަންކޮޅެއް ހަރުކޮށް ބުނެލައިފި އެވެ. އެ ކުއްޖާ ހައިރާންކަމުގައި ސުވާލު އުފެދިފައި ހުއްޓާ ޒަރަކް ހަލުވި ފިޔަވަޅުގައި ގޮސް ގެއްލިއްޖެ އެވެ.
އެހެން ހުރަސްކުރި ޑަކްޓަރ ނީޝާއަށް އެ މަންޒަރު ފެނުނީ އިއްތިފާގަކުންނެވެ. އޭނާ ހުއްޓި ބަލަން ހުރީ ނިކަން ގަޔާވެފައި ބަލަން ހުރި ފަދައަކުންނެވެ. ޒަރަކް ދިޔައީ ކޮންދިމާއަކަށްކަން ލަފާކުރާން ނީޝާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އަވަސްވެލީ ޑަކްޓަރ އިޖާޒަށް އެ ޚަބަރު ހޫނުކަމާއެކު ފޯރުކޮށްދޭން ދާށެވެ.
"ޑަކްޓަރ..." ސޯފާގައި ރަހާ އިނދެފައި ގޮވާލި އެވެ. އޭނާގެ ކައިރީ ޒަރަކް އިނެވެ. އެހެންނަމަވެސް މިފަހަރު ރަހާގެ އަޑު ނީވޭ ކަމަށް ހެދީ ޒަރަކް އެވެ. ދެތިން ފަހަރު ރަހާ ޑަކްޓަރއޭ ގޮވާލުމުން ވެސް ޒަރަކް ޖަވާބެއް ނުދިނުމުން އެންމެންފަހުން ޒަރަކްގެ ނަމުން އޭނާ ގޮވާލައިފި އެވެ. ޒަރަކް ހޫން ލައްވާލީ ދެނެވެ.
"ޒަރަކް ޕްލީޒް. ތިހާވަރަށް ކެއާނުކޮށްފާނަންތަ؟." ރަހާއަށް ބުނެވުނެވެ. ޒަރަކް އެ ވާހަކަތަކަށް ވަކިއެއްޗެއް ނުބުނެ ހިމޭނުން އިނީ އެވެ.
"ކުރީން ދުވަހު އަހަރެން ހީކަރުވާތީ އަޅުވާދިން ސްކާފާއި ނޭފަތް ސާފުކޮށްލަން ދިން ރުމާކޮޅު ގެންނަން ނަގާފައި ވެސް މިއައީ ހަނދާންނެތި ނުލާ. މާދަމާ ޑިއުޓީގައި އުޅޭނަމަ އެ ގެނެސްދޭނަން." ރަހާ ބުންޏެވެ. ޒަރަކް ދެން ވެސް ވާހަކަނުދެއްކީމާ ރަހާ އޭނާއަށް ފަރުވާތެރި ބެލުމަކުން ބަލާލި އެވެ. ޒަރަކް އިސްއޮބާލައިގެން އިންގޮތުން އޭނާ ކޮންކަމެވެސް ކަމަކާ ދެރަވެފައި އިންހެން ރަހާއަށް ހީވާންފެށި އެވެ.
"ޒަރަކް، ކަމެއްވީތަ؟." ރަހާ އަހާލި އެވެ. ޒަރަކް ޖަވާބެއްނުދީނަމަ އޭނާ ލައިގެން ހުރި ހުދު ކޯޓުގެ އަތްކުރީގައި ރަހާ ހިފާލައި ދަމާލި އެވެ. އެއާއެކު ޒަރަކް ދަތްކުނޑިވިކާލައި ދެ ލޯ މަރާ ބާރުކޮށްލުމާއެކު އިހުނަށްވުރެ ބޮޑަށް އިސްޖެހިތަން ރަހާ ދުށްޓެވެ..
"ޓެލް މީ." ރަހާ މަޑުމަޑުން ބުންޏެވެ.
"އައި އެމް ސޮރީ." ޒަރަކް ބުނެލި އެވެ. އަދި އޭނާ ކުއްލިއަކަށް ރަހާ ގެނެސް އަތުގެތެރެއަށްލައި ބައްދާލުމާއެކު ތަކުރާރުކޮށް މަޢާފަށް އެދެން ފަށައިފި އެވެ. ރަހާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޒަރަކްގެ ނަމުން އޭނާ ގޮވާލައި ވީ ކީއްތޯ އަހަންފެށި އެވެ. އަދި ޒަރަކް ދުރުކޮށްލަން ރަހާ ދެ އަތުން މަޑުމަޑުން ކޮއްޕާލި އެވެ.
"ބޯންމެރޯ... ރަހާއާ ގުޅޭ ބޯންމެރޯއެއް އަހަރެންނަށް ލިބުނު. އެކަމަކު އެމަޖެންސީކޮށް އެ ބޯންމެރޯ އެހެންމީހަކަށް ހަމަޖައްސައިފި. ޕޮލިޓިކަލް ނުފޫޒު... ޓެސްޓްގެ ނަތީޖާ ލިބުނުއިރު އެ ބޯންމެރޯ އަތުން ގެއްލިއްޖެ." ޒަރަކް ބުންޏެވެ.
"އެވަރު ކަމަކާތަ ތިހާ ދެރަވީ. އަހަރެން ހީކުރީ ޒަރަކްއަށް ކަމެއްވީކަމަށް. އެކަމާ އަޅާނުލާ. އަހަރެންނަށްވުރެ އޭނާއަށް އޭގެ ބޭނުން މުހިންމުވީމަ ކަމަށް އެވާނީ. އެމީހަކަށް ރޯދިކުރެއްވި އެއްޗެއް ދޯ އެމީހަކަށް ލިބޭނީ." ރަހާ ބުންޏެވެ. ރަހާއާ ދުރަށް ޖެހިލައި ޒަރަކް ބަލާލީ އެ ވާހަކަތައް ޤަބޫލުނުކުރެވިގެންނެވެ.
"ނޫން. މީހާގެ މަޤާމާއި ނުފޫޒުން ހޯދާ އެއްޗިއްސަކީ ގަދަކަމުން ހޯދާ އެއްޗެއް. އޭނާ ބޭނުންވެގެންނެއްނޫން. އޭނާގެ ލޯބިވެރިޔާއަށް ހޯދީ." ޒަރަކްގެ ވާހަކަދެއްކި ގޮތުން އޭނާ އެކަން ހިނގައިދިޔަ ގޮތާމެދު އެއްގޮތަކަށް ވެސް ޤަބޫލުނޫންކަން ދޭހަވެ އެވެ.
"އެހެންވިއްޔާ އަދި މާ ރަނގަޅު. ކިހާ ލޯބިވާތީ އެވަރުގެ ކަމެއް ކޮށްދޭނީ. މި ޒަމާނަކީ އިނދެގެން އުޅޭ މީހާއަށް ވެސް ބަލިވީމާ ބަލަން ބުރަވެގެން އުޅޭ ޒަމާނެއް." ރަހާ ފިނިގޮތަކަށް ބުނެލި އެވެ.
"އަހަރެން ދޮންބެ ކައިރީ އާދޭސްކުރާނަން. އަހަރެންނަށް އެ ޑޯނާ ހަމަޖައްސައިދޭން އެދޭނަން. ކޮންމެވެސް ގޮތެއް އޮންނާނެ." ދޫކޮށްލަން ބޭނުންނުވާ ފަދައިން ޒަރަކް ބުންޏެވެ.
"ޑަކްޓަރ... ނޫން. އެހެން ހަދާނެކަމެއްނެތް. އެކަކު ކައިރީ ވެސް ޒަރަކް އާދޭސްކުރާނެކަމެއްނެތް. އަހަރެންނަށް އޯކޭ. އަހަރެން މީ ޚާއްޞަ މީހެއްނޫން. ޒަރަކްގެ އެހެން ބަލި މީހުން ފަދަ ބަލިމީހެއް. އަހަރެންގެ ނަސީބުގައި މިކަމަށް ޝިފާ ލިބެން އޮތްނަމަ އެކަން އެގޮތަށް ވާނެކަން އަހަރެން ޤަބޫލުކުރަން. އެހެން ނުވިޔަސް ޝަކުވާއެއްނެތް. އެއީ ﷲގެ މިންވަރުފުޅު." ރަހާ ބުންޏެވެ.
"ތީ އަހަރެންގެ އެހެން ޕޭޝަންޓުން ފަދަ ޕޭޝެންޓެއްނޫން. އަހަރެންނަށް ރަހާ ފެންނަނީ އެގޮތަކަށްނޫން. އިޙްސާސް ކުރެވޭގޮތް ވެސް ތަފާތު. މިހާ ބޮޑަށް އަޅާލެވެނީ އެހެންވެ. އަމިއްލައަށް ތީ ޚާއްޞަ މީހެކޭ ހީނުވިޔަސް... އަހަރެންނަށް ރަހާ ވަރަށް ޚާއްޞަވެއްޖެ." ޒަރަކް ވާހަކަދައްކަމުން ރަހާގެ މޫނުގެ ދެ ފަރާތުން ކޯތާފަތުގައި ދެ އަތުން ހިފަހައްޓާލި އެވެ.
(ނުނިމޭ)