(04 އެޕްރީލް 2025 އާ ގުޅޭ)
"ތީ އަހަރެންގެ އެހެން ޕޭޝަންޓުން ފަދަ ޕޭޝެންޓެއްނޫން. އަހަރެންނަށް ރަހާ ފެންނަނީ އެގޮތަކަށްނޫން. އިޙްސާސް ކުރެވޭގޮތް ވެސް ތަފާތު. މިހާ ބޮޑަށް އަޅާލެވެނީ އެހެންވެ. އަމިއްލައަށް ތީ ޚާއްޞަ މީހެކޭ ހީނުވިޔަސް... އަހަރެންނަށް ރަހާ ވަރަށް ޚާއްޞަވެއްޖެ." ޒަރަކް ވާހަކަދައްކަމުން ރަހާގެ މޫނުގެ ދެ ފަރާތުން ކޯތާފަތުގައި ދެ އަތުން ހިފަހައްޓާލި އެވެ.
އަޖައިބުވެފައިވާ ބެލުމަކުން ޒަރަކްއަށް ބަލަހައްޓައިގެން ރަހާއަށް އިނދެވުނީ އެވެ. ޒަރަކް ދައްކާ ވާހަކަ ޤަބޫލުކުރާން ދަތިވެގެންނެވެ. ޒަރަކްއަށް އޭނާ ކަމުދާންވީ ކޮންގޮތަކުންބާއޭ ރަހާގެ އަމިއްލަ ނަފްސާ ސުވާލުކުރެވެނީ އެވެ.
"ރަހާ. އައި ލައިކް ޔޫ. އައި ރިއަލީ ލައިކް ޔޫ... މިހެންވާކަށް އަހަރެން ވެސް ބޭނުމެއްނޫން. ގަސްދެއް ވެސް ނެތް. އެކަމަކު ނޭނގެ. އަހަރެންގެ މި އިޙްސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވުނު. މިހެން މި ވާހަކަތައް ހާމަކުރީމަ ރަހާ ނުރުހުންވެދާނޭތީ އަހަރެން ހުރީ ބިރުން. އެންމެ ބޮޑަށް ވިސްނުނު އެއްކަމަކީ ރަހާ ފަރުވާ މެދުކަނޑާލަފާނެ ކަމުގެ ބިރު." ޒަރަކް ބުންޏެވެ.
"މާބޮޑަށް އަހަރެންގެ ހާލާމެދު ހަމްދަރުދީ ވެވެނީ. ތި ކުރެވޭ ފީލިންގްސްއަކީ ހަޤީޤަތެއްނޫން. ޒަރަކްއަކީ ތިކަހަލަ ވާހަކަދައްކާވަރަށްވުރެ މާ ވިސްނޭ މީހެއް." ރަހާއަށް ފެންނަ މަންޒަރު ޤަބޫލުނުކުރެވިގެން ބުނެވުނެވެ.
"އަހަރެން ވެސް ހީކުރީ ތިހެން. މި ފީލިންގްސްއަށް އަހަރެން ވެސް ދިނީ ހަމްދަރުދީގެ ނަން. އެކަމަކު މީ ހަމައެކަނި ހަމްދަރުދީއެއްނޫން. އެއަށްވުރެ މި އިޙްސާސްތައް ފުންވެފައި ވަރުގަދަވެއްޖެ. މަސައްކަތުގެ ޚިޔާލުތަކުން ފުރިފައި ހުންނަ އަހަރެންގެ ސިކުނޑި މިހާރު ކުރާ ޚިޔާލަކީ ރަހާގެ ޚިޔާލު." ޒަރަކްގެ ހިތުގައި ރޯވެ ކުރިފަޅަމުން އަންނަ އިޙްސާސްތައް ރަހާއަށް ހާމަކޮށްދެވޭތޯ އޭނާ މަސައްކަތް ކުރި އެވެ.
"އައި ތިންކް ދެޓްސް އިނަފް." ކުއްލިއަކަށް ރަހާ ކޮޅަށް ތެދުވި އެވެ. އޭނާގެ އަތުގައި ހިފަން ޒަރަކް އުޅުނު ހިނދު ރަހާ ފަހަތަށް ފިޔަވަޅު އަޅާލަމުން އަތް ދުރުކޮށްލީ ނިކަން އަވަހާ އެވެ. އޭނާ ދެން ބެލީ ޒަރަކްގެ ކެބިންއިން ނުކުމެގެން ދާށެވެ.
"ރަހާ! ރަހާ!. ޕްލީޒް މަޑުކޮށްބަލަ." ރަހާ ހުއްޓުވަން ޒަރަކް އުޅުނެވެ. ނަމަވެސް އޭނާ އިތުރަށް މަޑުކުރާން ގަސްދުނުކުރާކަން ރަހާގެ ޢަމަލުތަކުން ދޭހަވެ އެވެ.
"އައި މޭ ބީ އިން ދަ ރޯންގް. ބަޓް ޕްލީޒް... ރަހާ... އިހަށް މަޑުކުރޭ. މިވަގުތު ރަހާގެ ހަށިގަނޑު ވަރަށް ވީކް. އަހަރެން ހިނގައިދާނަން. ރަހާ މިތާ ރެސްޓްކުރަން މަޑުކުރޭ." ޒަރަކްގެ އަޑުގައިވީ އާދޭހެވެ. ރަހާ އެނާގެ އަޑު އަހާކަށް ބޭނުމެއްނުވި އެވެ. އޭނާ ކެބިންގެ ދޮރުން ނުކުމެނުކުމެ ހުއްޓާ ޒަރަކް އައިސް ދޮރުފަތުގައި ހިފި އެވެ.
"އަހަރެންނަށް ރަހާ ކަމުދޭ. އެ ވާހަކަ ބުނުން އެއީ އަހަރެން ކުރި ގޯސްކަމެއްތަ؟. އަހަރެން ކަހަލަ މީހަކަށް ރަހާ ކަމުގޮސްގެން ނުވަނީތަ؟. އަހަރެން ބުނާ އެއްޗެއް ޤަބޫލުނުކުރެވެނީތަ؟. ނޫނީ އަހަރެންވީމަ ރަހާ އަޑުއަހަން ބޭނުންނުވަނީތަ؟." ޒަރަކްއަށް ބުނެވުނެވެ.
ރަހާ އެއްވެސް އެއްޗެއް ނުބުނެ ކުރިޔަށް ހިނގަމުން އައެވެ. އޭނާގެ ފަހަތުން ޒަރަކް އައެވެ. ކުލިނިކުގެ ދޮރުން ރަހާ ބޭރަށް ނުކުތުމުން އޭނާގެ ފަހަތުން ޒަރަކް ވެސް ނުކުތީ އެވެ. ބޯކޮށް ވާރޭވެހެމުންދާކަން ދެ މީހުންނަށް ވެސް އެނގުނީ ދެނެވެ. ރަހާގެ ފިޔަވަޅު މަޑުޖެހުމުން ޒަރަކް ވެސް ކުލިނިކުގެ ދޮރުމަތިން އެއްފަރާތްވެލައި އަސްކަނިދަށުގައި މަޑުކޮށްފި އެވެ. ރަހާ ފޯނު ނަގައި ޓެކްސީއެއް ހޯދުމުގައި އުޅުނެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ޒަރަކް ހިމޭންކަމާއެކު ހުއްޓެވެ. ރަހާ ފޯނު ތިރިކޮށްލީ ގޮތުން ހީވަނީ އޭނާއަށް ޓެކްސީއެއް ނުލިބުނީ ހެންނެވެ.
"ޑަކްޓަރ ޒަރަކް. ދެވަނަ ފަހަރަށް އަހަރެން ކައިރީ ތިކަހަލަ ވާހަކައެއް ނުދައްކައްޗޭ. ހެދުނު މިސްޓޭކެއް ކަމަށް ބަލާ އަހަރެން މިފަހަރު މަޢާފުކޮށްފިން. ތީ ގޯސްމީހެކޭ އަހަރެން ނުބުނާނަން. އެންޑް އިޓްސް ނޮޓް ދެޓް ޔޫ އަރ ނޮޓް ގުޑް އިނަފް. ޔޫ އަރ އެކްޗުއަލީ ޓޫ ގުޑް. އަހަރެންގެ ޚިޔާލުތަކުން ޒަރަކްއަށް މުސްތަޤްބަލެއް ނުފެންނާނެ. އަމިއްލަ މުސްތަޤްބަލް ނަގާލަން ނޫޅޭ." މާޔޫސްކަމާއެކު ޒަރަކްއަށް ބަލާލަމުން ރަހާ ބުންޏެވެ.
"އިތުރު ވާހަކައެއް ރަހާ ދައްކާނެކަމެއްނެތް. ވާރެއާ ތިއޮއް ތިމެނީ. މިކޮޅަށް އާދޭ. ފިންޏަކީ ރަހާގެ ދުޝްމިނެއްކަން އެނގެއެއްނު. މިތާ މަޑުކުރޭ. އަހަރެން މި އަންނަނީ ކާރު ނަގައިގެން. އަހަރެން ރަހާއަށް މަޖުބޫރެއް ނުކުރާނަން. އިފް ޔޫ ވޯންޓް ޔޫ ކެން ރިޖެކްޓް މީ. އެކަމަކު މި ވާރޭގައި އަހަރެން ރަހާ ގެއަށް ލައިދޭނަން ހިނގާ." ރަހާގެ އަތުގައި ހިފައި އަސްކަނިދަށަށް ގެންނަމުން ޒަރަކް ބުންޏެވެ. އަދި އޭނާ ދުވެފައި ކަހަލަ ގޮތަކަށް ނައްޓާލީ ކާރު ޕާކުކޮށްފައި އޮތް ދިމާއަށް ދިއުމަށެވެ.
ޒަރަކްއާއެކު ކާރުގައި ރަހާ އިނެވެ. ކާރު ދަތުރު ކުރަމުންދިޔައީ ރަހާއަށް އެނގޭ މަގުތަކުންނެވެ. ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ނައްތާލީ ޒަރަކް އެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ރަހާ ބަލާލީ ޒަރަކް ގޮވާލީމަ އެވެ.
"އައިމް ސޮރީ. މީހެއްދެކެ ލައިކްވެވުމަކީ ކުށެއްކަމަށް އަހަރެން ނުދެކެން. އެކަމަކު އަހަރެން ޤަބޫލުކުރަން ހުއްދައެއްނެތި އެހާ ގާތްކޮށް ރަހާގެ ގައިގާ އަތްލުމަކީ ކުށެއްކަން." ޒަރަކް ބުންޏެވެ.
"އަހަރެންނަށް ޒަރަކްގެ ގާތްކަން އިޙްސާސް ކުރެވޭ. އަޅާލާވަރު އެނގޭ. ހަޤީޤަތުގައި އަހަރެން ވެސް ރަނގަޅެއްނޫން. މީހެއްގެ ގާތްކަމާއި އަޅާލުމަށް ބޭނުންވެފައި ހުރީ. އެކަން ޒަރަކްގެ ފުށުން ލިބުމުން އެކަމަށް ދަހިވެތިވި. އެހެންވިޔަސް އަހަރެންގެ އަތަކު ބަދަލުގައި ދޭނެ އެއްވެސް އެއްޗެއްނެތް. އަހަރެން އެދޭފަދައިން އަހަރެންނާމެދު ޢަމަލުތައް ބަހައްޓާނޭ މީހަކު ލިބުނަސް އެމީހަކީ އަހަރެންނަށް އަޅާލާ އޯގާތެރިއަކަށް ވިޔަސް އެ އިޙްސާސްތަކުގެ ބަދަލެއް އަހަރެންނަކަށް ނުދެވޭނެ." ޒަރަކްއާ ހަތަރުކަޅި ހަމަކޮށްގެން އިނދެ ވާހަކަދައްކަން އުނދަގޫވެގެން ރަހާ އިސްޖަހާލައިގެން އިނދެ ވާހަކަދެއްކި އެވެ.
"އަހަރެން ރަހާއާ މެދު ރަނގަޅަށް ކަންތައް ކުރަމުން އައީ އަމިއްލަ ބޭނުމެއް އޮވެގެންނެއްނޫން." ޒަރަކް ބުންޏެވެ.
"ޒަރަކް... ބަލާބަލަ. ނުފެނޭތަ؟. އަހަރެންގެ ސިފައަށް އައިސްފައި ބަދަލު. އަހަރެންގެ ހަށިގަނޑުގައި ވެސް އެއްވެސް ތާޒާކަމެއްނެތް. އަހަރެންގެ ކިބައިން ހާސިލްވާން އޮތީ ކޮންއުފަލެއް؟. ކޮންހިތްހަމަޖެހުމެއް އަހަރެން ކަހަލަ އަންހެނަކަށް ހޯދާ ދެވޭނީ."
ރަހާގެ ވާހަކަތަކުން ޒަރަކްއަށް ހުންގާނުގައި ބާރަށް ހިފާލެވުނެވެ. އޭނާއަށް ރަހާގެ ވާހަކަތައް ކަމަކަނުދިޔަ އެވެ. ޒަރަކްގެ މަޤްޞަދަކީ ރަހާގެ ހަށިގަނޑު މިލްކުކުރުމެއްނޫނެވެ. އެހެންނަމަވެސް ރަހާގެ ވާހަކަތަކުން ޒަރަކްއަށް ނަގައިގަނެވުނީ އެފަދައިންނެވެ.
"ރަހާ ހީކުރަނީ އަހަރެންނަށް ރަހާގެ ހާލު ނޭނގޭ ކަމައްތަ. އަހަރެންނަށްވުރެ ރަނގަޅަށް މިވަގުތު ރަހާ އެނގޭނެ މީހަކު އެބަހުރިތަ؟. ޖިސްމުގެ ހިތްހަމަޖެހުން އެކަނިތަ ހިތްހަމަޖެހުމަކަށްވަނީ. އަހަރެން މިއުޅެނީ އެގޮތަށް ރަހާ ބޭނުންވެގެންނޭ ހީވަނީތަ؟." ޒަރަކްގެ އަޑުގައި ވެސް ހިސާބެއްގެ ހިތްހަމަނުޖެހުންވި އެވެ.
ޒަރަކްގެ ވާހަކައަށް ރަހާއަށް ރައްދެއް ނުދެވުނެވެ. ދަތުރުގެ ބާކީބައިގައި ޒަރަކް ވެސް ހިމޭންކަން ޚިޔާރުކުރީ އެވެ.
* * * * *
އެޕާޓްމެންޓަށް ވަން ރަހާއަށް ފައިވާން ކަބަޑު ކައިރިން ވާކިފްގެ ބޫޓު ފެނުނެވެ. އޭނާ ގޭގައި އުޅޭކަން އެނގުނީ އެހެންވެ އެވެ. ބޫޓު ނަގައި ކަބަޑުގެ ތެރެއަށް ލާފައި ރަހާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. އެވަގުތު ކޮޓަރިން ވާކިފް ނުކުތެވެ. އޭނާގެ އަތުގައި ކަރުދާސްތަކެއް ހުއްޓެވެ. ހީވަނީ އޮފީސް މަސައްކަތެއް ކުރަން އިނދެފައި ނުކުތީ ހެންނެވެ.
"ކޮންތާކަށް ގޮސްފައި ތިއައީ؟." ފަރުވާތެރި ބެލުމަކުން ރަހާއަށް ބަލަން ހުރެ ވާކިފް ވަގުތުން ސުވާލު ކުރި އެވެ. އޭނާ ކަމަކާ ނުރުހުންވެފައިކަން ހުރީ ރަހާއަށް ނަގައިގަނެވުނެވެ. ރަހާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ވާކިފް އަނެއްކާ ވެސް ސުވާލުކުރި އެވެ.
"ދަބަސް ނުލާތަ ދިޔައީ؟." ވާކިފް އެއްސެވެ. އެއާއެކު ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން ރަހާއަށް އަމިއްލަ ކޮނޑުގައި އަތް ޖައްސާލެވިއްޖެ އެވެ. އޭނާ އަތްދަބަސްނުލާ ބޭރަކަށް ނުނިކުންނާނެ އެވެ. އެއާއެކު ހަނދާނަށް އައީ ޒަރަކްގެ ސޯފާގައި އޭނާ އިށީން ވަގުތު އަތްދަބަސް އޭނާގެ އަތުން އަތުލައި ޒަރަކްގެ މޭޒުމަތީ އޭނާ އޭތި ބެހެއްޓިކަމެވެ. އެ ދެމެދުގައި ކަންތައް ހިނގައިދިޔަ ގޮތުން ރަހާ އަވަހަށް ނުކުންނަން ހަދައިގެން އަތްދަބަސް މަތިން ހަނދާންނެތުނީ އެވެ.
"ހާދަ ކުރިން މިއަދު ތިއައީ؟. އެއްޗެއް ކައިފިންތަ؟." ރަހާއާ ކުރި ސުވާލަށް ޖަވާބަށް ދޭން ޖެހިލުންވީވަރުން އޭނާ އެހެން ވާހަކައެއް ދެއްކި އެވެ. ދަތްކުނޑިވިކާލުމާއެކު ވާކިފް ކުއްލިއަކަށް އަތުގައި ހުރި ކަރުދާސްތައް ރަހާއާ ދިމާއަށް ހޫރާލައިފި އެވެ. އެހިނދު ރަހާގެ މޫނާއި ގައިގާ ޖެހިފައި އެކި ގަނޑު އެކި ދިމާއަށް އުދުއްސައިގަނެއްޖެ އެވެ. ކަންބޮޑުވުމާއެކު ރަހާއަށް ހިންދިރުވާލެވުނެވެ. ވާކިފް އިންތިހާއަށް ރުޅި އައިސްފައި ހުރިކަން ދޭހަވެ އެވެ.
"އަދި އެއްފަހަރު މި އަހަނީ... ކޮންތާކުން ތިއައީ؟. ބޭގް ނުލާތަ ދިޔައީ؟." ހަރުކަށި އަޑަކުން ވާކިފް ބުންޏެވެ.
"ކުލިނިކަށް ދިޔައީ. ހަނދާންނެތި ބޭގް އެތަނުގައި ބައިންދާފައި އާދެވުނީ." ރަހާ ބުންޏެވެ. އެހެންވިޔަސް ވާކިފްއަށް އެ ވާހަކަ ޤަބޫލުކުރާން ދަތިވީ ކީއްވެކަމެއް ނޭނގެ އެވެ.
"ކޮފީމޭޒުމަތީ ހުރި ކޮތަޅުގައި އެއީ ކާކުގެ ރުމާލަކާއި ސްކާފެއް." ވާކިފް އަނެއްކާ ވެސް ސުވާލެއް ކުރި އެވެ.
"ޑަކްޓަރގެ." ރަހާ މަޑުމަޑުން ބުންޏެވެ.
"ތިމާގެ އެއްޗެހި ޑަކްޓަރުގެ ކައިރީ ބަހައްޓާފައި އޭނާގެ އެއްޗެހި މިގޭގައި. ހާދަބޮޑު އިއްތިފާގެކޭ ދޯ. އޭނާއާއެކީ މިހުރިހާ އިރު އުޅެފައިތަ ތިއައީ؟. ހަމަ ކުލިނިކުގަތަ؟. ދެމީހުން އެކީގައި ހުރިހާކަމެއް ކުރަން ތިބީ އެތާގެ ވާޑުގައިތަ؟. ނޫނީ ރެސްޓިން އޭރިޔާގައިތަ؟... ނޫނީ މިގޭގަ އަހަރެން ނިދާ އެނދުމަތީތަ؟... އެކަނިވެރިކަން ފިލުވާލީތަ؟. ރަހާ ތިހާ ކުޅަދާނަވާނޭ ހިތަކަށްނާރާ. ތި ދަރަޖައަށް ވެއްޓިގަންނާނޭ ވެސް ހިޔެއްނުކުރަން." ވާކިފްގެ ރުޅިގަނޑު ފަޅައިގެންދިޔަ ކަހަލަ އެވެ.
"ހުއްޓާލާ!... ކޯއްޗެއް އެނގިގެން ވާކިފް ތިވަރުގެ ތުޙުމަތެއް އަހަރެންގެ ބޮލުގައި ތި އަޅުވަނީ. އެހެންނޫނަސް ތިމާ މީހާ ތީ ވަރަށް ރަނގަޅަށް އުޅޭ މީހެއްތަ. އަހަރެންނާ ދިމާއަށް ތިކަހަލަ އެއްޗެއް ގޮވަން ވާކިފްއަށް އޮތީ ކޮންހައްޤެއް؟. ވާކިފް އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ. އަހަރެންނަށް ދުވަހަކުވެސް ބޭވަފާތެރިވާވަރުކަމެއް ކޮށްފައެއް ނޯންނާނޭކަމަށް ހުވާކުރާން ކެރޭނެތަ؟. ހީކުރަނީ ވާކިފްގެ އެއްވެސް ކަމެއް އަހަރެންނަށް ނޭނގޭތީ ކަމަށްތަ އަޅާނުލާ އެއްޗެކޭ ނުބުނެ ހުންނަނީ. އަހަރެންމީ އެއްޗެއް ނުވިސްނޭ ގަމާރު މޮޔައެއް ކަމައްތަ ވާކިފް ހީކުރަނީ؟... ހީވަނީ ދޯ ވާކިފް އުޅޭހެންނޭ އަހަރެން ވެސް އުޅެނީ." ރަހާގެ ވާހަކަ ހުއްޓުނީ އޭނާގެ ކޯތާފަތަށް އިޙްސާސްވެގެން ދިޔަ ވާކިފްގެ އަތްތިލައިގެ ހޫނުކަމުންނެވެ. ވީ ތަދާއެކު ދިލައެއްގެ އިޙްސާސް ރަހާއަށް ކުރެވުނެވެ.
"ދެން ތި އަނގައިން އެންމެ ލަފުޒެއް ވެސް ބޭރުކޮށްބަލަ." ރަހާގެ ކޮލުގައި ހިފައި ފިތާލަމުން ވާކިފް ބުންޏެވެ. ތަދުވެގެން ރަހާއަށް ވޭނީ އަޑެއް ލައްވާލެވުނެވެ.
"އަހަރެން ބޭރުތެރޭން ކަމެއްކުރިއްޔާ ކުރާނީ ރަހާއާ ހެދި. މިގޭ ހަތަރުފާރު ތެރޭގައި މައިތިރިވެގެން ނުހުރެވިގެން ތިއުޅެނީ ކިހިނެއްވެގެން. އެކަނިވަނީތަ؟. މަށަށް ތި އެކަނިވުން ފިލައިދޭން ރަނގަޅަށް އެނގޭ. ހީކުރަނީ ނުކުރޭނެކަމައްތަ؟. ތި ހަށިގަނޑުގައި އެހެން މީހަކު އިނގިލިކުރި ޖައްސާލިޔަސް ބިރުގަންނާނެ ވަރު މިފަހަރު އަހަރެން ކުރާނަން. އެހެންމީހަކަށް ބޭނުންނުވާވަރު ކޮށްލާނަން." ވާކިފްގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެވެ. ރަހާގެ އަތުގައި ހިފާ ދަމަމުން އޭނާ ގޮވައިގެން ވާކިފް ކޮޓަރިއަށް ވަދެ ދޮރުޖެހީ އެހާމެ ބާރަށެވެ. ބަލިކަށިވެފައިވި ހަށިގަނޑުގައި އެއްވެސް ވަރެއްނެތުމުން ވާކިފްގެ ވަކިތަކުގައި ރަހާ ގައިދުވީ ނުހަނު ފަސޭހައިންނެވެ.
(ނުނިމޭ)