ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެއް ތުހުމަތު ކުރެވިފައި ވަނިކޮށް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އިސްމާއީލް ސުހައިލްއަށް ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.
ސުހައިލް އައްޔަންކުރައްވާފައިވަނީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށެވެ.
ސިޔާސީ މަގާމަށް ސުހައިލް އައްޔަންކުރައްވާފައި މިވަނީ އޭނާއަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ނިމުމުން ކަމެއް އެނގިފައެއް ނުވެ އެވެ.
އެފްއެސްއެމްގެ ތެރޭގައި ހިންގާފައިވާ ތެލުގެ ބޮޑު ވައްކަމާއި ހިޔާނާތުގެ އަމަލުތަކާ ގުޅިގެން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސުހައިލް އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މި މައްސަލައިގައި ފުލުހުންގެ ހާއްސަ ޓީމުތަކުން ވަނީ 10 މީހުންނާ ސުވާލުކޮށް، ދެ ގެ އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށް މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ އެކެއްގެ ބޭންކު އެކައުންޓުގައި 21 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.