މިފްކޯ

އެސްޓީއޯ ދަށުން ވަކިކޮށް މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އަލުން ކަނޑައަޅުއްވައިފި އެވެ.

މިފްކޯއަށް މިބަދަލު ގެނައިކަން ސަރުކާރުގެ ފަރާތުން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެން ކަމަށެވެ. އެމަނިކުފާނު ވަނީ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމުކުރައްވައި، އެ ކޯޕަރޭޓިވް އަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށްވެސް ނިންމަވާފަ އެވެ.

މިފްކޯ ބަނގުރޫޓްވުމާ ހަމައަށް ގޮސްފައި ވަނިކޮށް އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 26، 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އޭރު އެ ކުންފުނީގައި 300 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މިފްކޯއަށް ގެނައި ބަދަލާ އެކު އެ ކުންފުނީގައި އޮތީ އެސްޓީއޯގެ 99.99 ޕަސަންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓް ހިއްސާ އެވެ.