ރައްޔިތުން ވަޒީރުންނާ ސުވާލުކުރުމަށް ކުރިއަށް ގެންދާ "އަހާ"ގެ ތިންވަނަ ޕްރޮގްރާމު އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
އަހާގެ ތިންވަނަ ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.
ތިންވަނަ ޕްރޮގްރާމުގައި އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އޭއެޗް ޖެހުމަށްފަހު ހުސްތަންކޮޅެއް ދިނުމަށްފަހު ސުވާލު ލިޔެ 300 އަށް ސުވާލު ފޮނުވޭނެ އެވެ.
މިސިލްސިލާ ފުރަތަމަ ޕްރޮގްރާމު ބޭއްވީ މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހުގެ ރޭ މާލޭގެ ސަލްޓަންޕާކްގައި އާންމުކޮށް ހުޅުވާލައިގެންނެވެ. މި ޕްރޮގްރާމުގައި އެފަހަރު ބައިވެރިވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އަހާގެ ދެވަނަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންމެ ދެމަހަކުން އެއް ފަހަރު އަހާ ޕްރޮގްރާމު ބޭއްވުމަށް ނިންމަވާފަ އެވެ. މި ޕްރޮގްރާމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު ސީދާ ރައީސް ޑރ، މުއިއްޒު ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ނިންމަވާފަ އެވެ.