ޑރ. މުހައްމަދު މުއިއްޒު

ރައީސަށް ޒުވާނުންގެ ލަފާ އަރުވަން ޔޫތު އެޑްވައިޒަރީ ބޯޑެއް

ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އެކުލަވާލުމަށް ނިންމަވައިފި އެވެ.

މި ބޯޑު އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައަށް ބެއްލެވުމަށްފަހު އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވި ގޮތުގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑަކީ 15 މެންބަރުންގެ މައްޗަށް އެކުލަވާލެވޭ ބޯޑެކެވެ.

ބޯޑުގައި މެންބަރުން ހިމެނޭ ދާއިރާތައް

  • ގައުމީ ޔުނިވާސިޓީޓަކުގައި ކިޔަވާ ދަރިވަރުން.
  • ގައުމީ ފެންވަރުގެ އެތުލީޓުން.
  • ސާނަވީ ސްކޫލުތަކުން ހޮވާލެވޭ ދަރިވަރުންގެ މެންބަރުން.
  • ޒުވާނުންނަށް ހިދުމަތްކުރުމަށް އެކަށައެޅިފައިވާ އެންޖީއޯތަކުގެ ތެރެއިން ހޮވާލެވޭ ވަކި އަދަދެއްގެ މެންބަރުން.
  • ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ މީހުންގެ ތެރެއިން ހޮވާލެވޭ ވަކި އަދަދެއްގެ މެންބަރުން.

މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވެގެންދާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

ނާޒިމު ވިދާޅުވި ގޮތުގައި މި ބޯޑުގައި ތިބޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

މީގެ އިތުރުން ކޮންމެ ތިން މަހުން އެއްމަހު ރައީސުލްޖުމްހޫރިއްޔާ ބޯޑު ޗެއާ ކުރައްވާނެ ކަމަށާއި އެހެން ބައްދަލުވުންތަކުގައި ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅުއްވާ ވަކި މެންބަރެއް ކަމަށް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވި ގޮތުގައި މި ބޯޑުން ރައީސަށް އަރުވާ ލަފާތަކާއި ގުޅޭ ގޮތުން ކެބިނެޓް ފެންވަރުގައި މަޝްވަރާ ކުރާނެ އެވެ.

"މި ބޯޑުގެ ޒުވާނުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ލަފާތައް ކެބިނެޓް ލެވަލްގައިވެސް މަޝްވަރާ ކުރެވޭ ގޮތަށް އަދި ޒުވާނުންނާއި ގުޅޭ ބައެއް ކަރުދާސްތަކުގައި އެ ކޮމިޓީގެ މަޝްވަރާ ހޯދުމަށް ވަނީ ނިންމާފަ،" ނާޒިމު ވިދާޅުވި އެވެ.

މީގެ އިތުރުން ޒުވާނުންނާއި ތިމާވެށީގެ ކަންކަމާއި ގުޅޭ ގޮތުން ދުނިޔޭގެ ފެންވަރުގައި ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ބައެއް ބައްދަލުވުންތަކުގައި އެ ބޯޑުގެ މެންބަރުން ބައިވެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ދައުލަތުގެ މުހިންމު ރަސްމިއްޔާތުތަކާއި ސަރުކާރުގެ މުހިންމު ބައްދަލުވުންތަކުގައި ބޯޑުގެ ޝާމިލުވުން އޮންނާނެ ގޮތަކަށް އިންތިޒާމު ކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށް ނާޒިމު ވިދާޅުވި އެވެ.