ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމާބެހޭ މިނިސްޓްރީތަކުން ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މި ނިންމެވުން ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައަށް ބެއްލެވުމަށްފަހު އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމާއި މީޑިއާ ވިލެޖާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"މީޑިއާ ވިލެޖެއް އެކުލަވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަދި ހަމައެއާއެކު ތަފުސީލުކޮށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމާބެހޭ މިނިސްޓްރީތަކުން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ،" ނާޒިމު ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ މީޑިއާތަކަށް ހާއްސަ ވިލެޖަށް ބިމެއް ހޯދުމާއި އިންސާފުވެރި އުސޫލަކުން ބަހާނެ ގޮތާއި ބެހޭ ގޮތުން ކެބިނެޓްގައި އިއްޔެ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ނޫސްތަކަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެ އެކަމަށް ވައުދުވެވަޑައިގެންފަ އެވެ.