ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލް އަނބުރާ ގެންގޮސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިމަހުގެ 19 ވަނަ ދުވަހު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
މި ބިލް އަނބުރާ ގެންދިޔަކަން މަޖިލީހުގައި އިއުލާނުކޮށްފައިވާއިރު ބިލް އަނބުރާ ގެންދަން ހުށަހެޅުއްވި ކަމަށް ހަންނާން މީގެ ކުރިން މީޑިއާގައި ވިދާޅުވި އެވެ.
ހަންނާން މީޑިއާގައި ވިދާޅުވީ އެ ބިލް އަނބުރާ ގެންދަން ހުށަހެޅުއްވީ އެއީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަމަށެވެ. މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތާއީދާ ނުލައި ބިލް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ހަންނާން ވިދާޅުވި އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލް އަނބުރާ ގެންދަން ހަންނާން ހުށަހެޅުއްވިއިރު ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރަކަށް ވާތީ އެއީ ސީދާ ސަރުކާރާ ގުޅުން ހުރި ބިލެއް ނޫނެވެ.
މި ބިލްގައި ބަޔާންކުރާ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރުވެސް ބިލްގައި ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
މިބިލާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.