ޑރ. މުހައްމަދު މުއިއްޒު

މީޑިއާ ކޮންޓްރޯލްކުރުން ގަބޫލެއް ނުކުރަން: ރައީސް

ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ މީޑިއާ އާއި ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް އޮތް އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލުމަށް ކޮމިޝަނެއް ހެދުމަށް އަމިއްލަ މެންބަރަކު މަޖިލީހަށް ބިލެއް ހުށަހެޅުއްވުމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރަކަށް ވާތީ އެއީ ސީދާ ސަރުކާރާ ގުޅުން ހުރި ބިލެއް ނޫނެވެ.

އަލަށް އުފައްދަން ހުށަހަޅާފައިވާ ކޮމިޝަން އެކުލަވާލުމަށް ބިލްގައި ހިމަނާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތަރު މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެމްބަރުންނާ އެކު ޖުމުލަ ހަތް މެންބަރުންގެ މައްޗަށެވެ.

މީގެއިތުރުން މި ބިލްގައި ބަޔާންކުރާ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރުވެސް ބިލްގައި ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

މިބިލާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.

"މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ބަންޑާރަނައިބު ހާމަކޮށްފައި ވަނިކޮށް އަމިއްލަ މެމްބަރެއް ލައްވައި އެކަމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެކެވެ،" ބަޔާނުގައިވެ އެވެ.