ފުއާދު ތައުފީގު

ފުއާދަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

ދިވެހިރާއްޖެއިން ކިންގްޑަމް އޮފް ތައިލެންޑަށް ކަނޑައެޅުއްވި އާ ސަފީރު މއ. ތަޅަމުދިގެ، ފުއާދު ތައުފީގު މަގާމަށް އައްޔަންކުރައްވާ ފަތްކޮޅު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުއާދަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ފުއާދު ސަފީރު ކަމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ. ފުއާދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.

ފުއާދު ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް ފުއާދު އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގައި ފުއާދުގެ ދައުރު ހަމަވީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.

ފުއާދު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާތާ 35 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް އިދާރާ އަކީވެސް އިލެކްޝަންސް ކޮމިޝަން އެވެ.

ތަފާސްހިސާބުގެ މަސައްކަތުގައި ރާއްޖޭގައި އެންމެ ފާހަަގަކުރެވޭ ބޭފުޅުންގެ ތެރޭގައި ފުއާދު ހިމެނޭއިރު އޭނާ އަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ބޭފުޅެކެވެ.