ރައްޔިތުންގެ މަޖިލިސް

މީޑިއާ ކޮންޓްރޯލްކުރާ ބިލް އަނބުރާ ގެންދަން ހުށަހަޅައިފި

ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލް އަނބުރާ ގެންދަން ހުށަހަޅައިފި އެވެ.

މި ބިލްގެ ފުރަތަމަ ކިޔުން އިއްވާ މަޖިލީހަށް ތައާރަފުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ހަންނާން މީޑިއާގައި ވިދާޅުވީ އެ ބިލް އަނބުރާ ގެންދަން ހުށަހެޅުއްވީ އެއީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަމަށެވެ. މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތާއީދާ ނުލައި ބިލް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ހަންނާން ވިދާޅުވި އެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލް އަނބުރާ ގެންދަން ހަންނާން ހުށަހެޅުއްވިއިރު ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރަކަށް ވާތީ އެއީ ސީދާ ސަރުކާރާ ގުޅުން ހުރި ބިލެއް ނޫނެވެ.

އަލަށް އުފައްދަން ހުށަހަޅާފައިވާ ކޮމިޝަން އެކުލަވާލުމަށް ބިލްގައި ހިމަނާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތަރު މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެމްބަރުންނާ އެކު ޖުމުލަ ހަތް މެންބަރުންގެ މައްޗަށެވެ.

މީގެއިތުރުން މި ބިލްގައި ބަޔާންކުރާ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރުވެސް ބިލްގައި ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

މިބިލާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.

"މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީންވެސް ވަނީ މި ބިލާމެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ.