އުތުރު ކޮރެއާ

އަނެއްކާވެސް އުތުރު ކޮރެޔާއިން ރަޝިޔާއަށް ސިފައިންނާއި ހަތިޔާރު ފޮނުވަނީ

ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެއާ އިން އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ތައްޔާރުވަމުންދާ ކަމަށް ދެކުނު ކޮރެއާއިން ތުހުމަތުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްސް (ޖޭސީއެސް) އިން ބުނާ ގޮތުގައި އުތުރު ކޮރެއާ އިން މިހާރު ވެސް 240 އެމްއެމްގެ ރޮކެޓު ލޯންޗަރުތަކާއި 170 އެމްއެމްގެ އަމިއްލައަށް ޕްރޮޕެލްކުރާ ބަޑިތައް ރަޝިއާ އަށް ފޯރުކޮށްދީފައިވެ އެވެ.

މިދިޔަ މަހު ހަތިޔާރު ތަޖުރިބާ ކުރުމަށްފަހު އިތުރު ސުއިސައިޑު ޑްރޯންތައް ރަޝިއާއަށް ފޮނުވުމަށް އުތުރު ކޮރެއާއިން ތައްޔާރުވަމުންދާ ކަމަށްވެސް ޖޭސީއެސްއިން ހާމަކޮށްފައިވެ އެވެ.

ޖޭސީއެސްއިން އިތުރަށް ބުނި ގޮތުގައި ސުއިސައިޑް ޑްރޯން ފޮނުވުމަކީ އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން މި ވަގުތަށް އެންމެ އިސްކަންދެއްވާ މަސައްކަތެވެ. އަދި ރަޝިއާއަށް އެ ޑްރޯންތައް ފޮނުވުމުގެ ނިޔަތް އުތުރު ކޮރެޔާއިން ކުރިން ފާޅުކޮށްފައިވާ ކަމަށްވެސް ޖޭސީއެސްއިން ބުނެފައިވެ އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ ޓީވީން ބުނާ ގޮތުގައި ވައިގެ މަގުން ބޭނުން ކުރާ މިފަދަ އެތައް ހަތިޔާރެއް ތައްޔާރު ކުރުމަށް ކިމް އަމުރު ކުރައްވާފައިވެ އެވެ. އަދި އަސްކަރީ ތައުލީމު އިތުރަށް ހަރުދަނާ ކުރުމަށްވެސް އަންގަވާފައިވާ ކަމަށް ބުނެ އެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާއާއި ޔޫކްރޭނުން ބުނާ ގޮތުގައި އުތުރު ކޮރެއާގެ 12,000 އަށް ވުރެ ގިނަ ސިފައިން ރަޝިއާއާ އެކު ހަނގުރާމައިގައި ހަރަކާތްތެރިވެ އެވެ.

ޖޭސީއެސްއިން ބުނާ ގޮތުގައި އޭގެ ތެރެއިން 1,100 ސިފައިން ހަނގުރާމައިގައި މަރުވެފައި ނުވަތަ ޒަހަމްވެފައިވެ އެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއަކުން ބުނެފައިވަނީ އުތުރު ކޮރެއާގެ 100 ސިފައިން މަރުވެފައިވާ ކަމަށާއި އިތުރު 1,000 ސިފައިން ކޫރްސްކް ސަރަހައްދުގައި ޒަހަމްވެފައިވާ ކަމަށެވެ.