އީރާނުން ވަރަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ރަޝިއާއަށް ފޯރުކޮށްދީފި އެވެ.
މިއީ ބިމުން ބިމަށް ހަމަލާދޭން ބޭނުންކުރާ ވަރަށް ބާރުގަދަ ޒާތެއްގެ މިސައިލެއް ކަމަށް ހަބަރުތައް ބުނެ އެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ބައިވެރިން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރުމާ ގުޅިގެން -- ރަޝިއާއިން ވަނީ އަސްކަރީ އަދި ސަލާމަތީ ކަންކަމުގައި ކަމުކިޔުމަށް އީރާނާ އުތުރު ކޮރެއާ ފަދަ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށްފަ އެވެ.
ރަޝިއާއާއި އީރާންގެ ގުޅުމަށް އެމެރިކާއާ ބައިވެރިން ފާޑުކިޔައި ހަޖޫޖެހި ނަމަވެސް މިއީ މި ދެ ގައުމުގެ ގާތްކަން މަންޒަރުކޮށްދޭ ތަފްސީލީ މުއާމަލާތެކެވެ.
އީރާނުން ސަޕްލައިކުރި މިސައިލްތަކުގެ ތެރޭގައި ގިނައީ އެ ގައުމުގައި އުފައްދާ ފަތަހް-110 މަރުކާގެ މިސައިލްކަން ހަބަރުތަކުން އެނގެ އެވެ. މިއީ 300 އަދި 700 ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ހުރި މިސައިލްތަކެކެވެ.
ރަޝިއާއާ އީރާންގެ މި މުއާމަލާތްތައް ދުނިޔޭގެ ނޫސްތަކަށް ލީކުވެފައި އޮތް ނަމަވެސް މިކަމާ ބެހޭ ގޮތުން ވާހަކަދައްކަން މި ދެ ގައުމުން ކުރެ ގައުމަކުން ބޭނުމެއް ނުވެ އެވެ.
އީރާންގެ އަސްކަރިއްޔާއިން ވެސް ކޮމެންޓެއް ނުކުރި އެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން އަދި ދިފާއީ އިދާރާއާ ގުޅުން ހުރި އޮފިޝަލަކު ވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުމެއް ނުވި އެވެ.
ޔުކްރޭނުން ބުނާ ގޮތުން އީރާނުން ބެލިސްޓިކް މިސައިލް ރަޝިއާއަށް ފޯރުކޮށްދޭކަން އެ ގައުމަށް އެނގިފައެއް ނުވެ އެވެ. އަދި މިފަދަ ވިޔަފާރިއެއް ނުވަތަ މުއާމަލާތެއް އެ ދެ ގައުމުގެ ދެމެދުގައި ހިނގާކަން ވެސް އެނގިފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ ދެމިއޮތްހައި ދުވަހަކު އީރާނުން ރަޝިއާއަށް ހަތިޔާރު ސަޕްލައިކުރާނެ އެވެ. އަދި އުތުރު ކޮރެއާއިން ވެސް ރަޝިއާއަށް އަސްކަރީ އެހީތެރިކަން ދޭނެ އެވެ.
އީރާނުން މިހާތަނަށް ރަޝިއާއަށް ހަތިޔާރުގެ ހަތަރު ޝިޕްމަންޓެއް ފޮނުވާފައިވާ ކަމަށް އެ ގައުމުން ލީކުވެފައި ހުރި މައުލޫމާތުން އެނގެ އެވެ. އީރާންގެ އަސްކަރިއްޔާއާ ގުޅުން ހުރި ބައެއް މީހުން ވަނީ މިފަދަ މައުލޫމާތުތައް ހޯދައި ނޫސް އެޖެންސީތަކަށް ފޮނުވާފަ އެވެ.
އީރާނުން ހަތިޔާރާއި އަސްކަރީ ޑްރޯނުން ވިޔަފާރިކުރުމަކީ އދގެ ސަލާމަތާ ބެހޭ ކައުންސިލުން މަނާކޮށްފައި އޮންނަ ކަމެކެވެ.
ރަޝިއާއާއި އިރާންއާ ދެމެދު މިފަދައިން ކުރެވޭ މުއާމަލާތްތައް ހިންގަނީ ދުނިޔެއަށް ވަރަށް ސިއްރުން އަދި އޮޅުވާލައިގެންނެވެ.