ދުނިޔެ

އެމެރިކާ އަތުލާފައި ހުރި އީރާންގެ ހަތިޔާރުތައް ޔުކްރޭނަށް

އެމެރިކާ ސިފައިން ކަނޑުމަތިން އަތުލާފައި ހުރި އީރާންގެ ހަތިޔާރުތަކެއް -- ރަޝިއާއާ ދެކޮޅަށް ބޭނުންކުރުމަށް ޔުކްރޭނަށް ފޮނުވަނީ އެވެ. މީގެ ތެރޭގައި ގިނައީ ހަބަރުތައް ބުނާ ގޮތުން އިރާނުން ކަނޑު ހުރަސްކޮށް ޔަމަނަށް ފޮނުވި ރައިފަލާއި ގްރެނޭޑެވެ.

ރިޕޯޓްތައެް ބުނާ ގޮތުން އެމެރިކާއިން މީގެ ކުރިންވެސް މިފަދަ ހަތިޔާރާއި ވަޒަން ޔުކްރޭނަށް ވަނީ ފޮނުވާފަ އެވެ.

ރަޝިއާއާ ދެކޮޅަށް ބޭނުންކުރުމަށް -- ހަނގުރާމައިގެ ހާލަތު މިހާރު އޮތް ގޮތުން، މިއީ އެކަށީގެންވާ ހަތިޔާރު ނޫން ކަމަށްވެސް އެމެރިކާ އެއްބަސްވެ އެވެ. ނަމަވެސް ޒަމާނީ ހަތިޔާރު ފޮނުވެންދެން، ދޭތެރެ ފޫބެއްދުމަށް ބޭނުންކުރެވިދާނެ ކަމަށް އެމެރިކާ ދެކެ އެވެ.

އެމެރިކާ ގަބޫލުކުރާ ގޮތުގައި ބައެއްގެ އަތުން އަތުލައިގަނެވޭ މުދަލާއި ވަސީލަތްތައް އެމެރިކާއަށް އަމިއްލަކުރެވިދާނެ އެވެ. އެފަދަ ތަކެއްޗަކީ ފަނާކުރަނިވި ބޭނުމަކު ގެންގުޅޭ އެއްޗެއްނަމަ ނުވަތަ ވައްކަންކޮށްގެން ހޯދާފައި ހުރި އެއްޗެއްނަމަ އެމެރިކާއަށް އެ އެއްޗެއް ނެގިދާނެ ކަމަށްވެސް އެ މީހުން ދެކެ އެވެ.

އީރާނުން ކަނޑު ހުރަސްކޮށް ޔަމަނަށް ފޮނުވާ ހަތިޔާރަކީ އަރަބި ގަލްފަށް ހަމަލާދޭން ހޫސީންނަށް ފޮނުވާ ހަތިޔާރެވެ. އެމެރިކާ ސިފައިން މިތަކެތި އަތުލައިގަންނަނީ ކަނޑުމަތިންނެވެ. މި ތަކެތީގެ އަސްލު ވެރިފަރާތަކީ އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އެވެ. މިއީ އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓްގައި އޮންނަ އަސްކަރީ ޖަމާއަތެކެވެ. މި ޖަމާއަތުގެ ވެރިއަކީ އީރާންގެ ސަރުކާރެވެ.

ޓެރަރިސްޓް ހަމަލާތަކަށް ބޯޑަރު ހުރަސްކޮށް ހަތިޔާރު އުފުލުމަކީ އދ ގެ ގަވާއިދުތަކާ ވެސް ހިލާފު ކަމެކެވެ. އަނެއްކޮޅުން ބައިނަލްއަގްވާމީ ކަނޑުތައް މެދުވެރިކޮށް އަދި މަދަނީ އުޅަނދުފަހަރުގައި ހަތިޔާރު އުފުލުމަކީވެސް ކުށެކެވެ.

އީރާނުން ހޫސީންނަށް ފޮނުވާ ހަތިޔާރު އާންމުކޮށް އުފުލަނީ މަދަނީ ސިފަ ޖައްސާފައި ހުންނަ އުޅަނދުފަހަރު ގައެވެ. އެއީ ބައެއް ފަހަރު މަސްބާނާ ބޯޓެއް ނުވަތަ މުދާ އުފުލާ ބޯޓެއް ކަމަށް ދައްކާފައި އޮވެ އެވެ.

އެމެރިކާ އަތުގައި ހުރި އީރާންގެ މިފަދަ ހަތިޔާރުތައް ޔުކްރޭނަށް ފޮނުވުމުގައި އޮތް އަނެއް ބޭނުންމަކީ، އީރާންގައި އުފައްދާ އަސްކަރީ ޑްރޯންތައް ރަޝިއާއަށް -- ޔުކްރޭނާ ދެކޮޅަށް ބޭނުންކުރަން ފޮނުވާތީ، ބަދަލުހިފުމެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމައިގައި އެއްވެސް ގައުމަކުން ރަޝިއާއަށް މަދަދުވެރިވުމަކީ އެމެރިކާ އެދޭ ގޮތެއް ނޫނެވެ. މި ނޫން ގޮތަކަށް އަމަލުކުރާ ގައުމުތަކާ މެދު އެމެރިކާ ދެކެނީ ދުޝްމަނުން ގޮތަށެވެ. މިހެންކަމުން ކޮންމެވެސް މާނައެއްގައި ހައްގު އަދަބު އެ ގައުމަކަށް ވާސިލުވާން ޖެހެ އެވެ.