ދުނިޔެ

ރަޝިއާގެ ހަމަލާތަކުގައި އީރާންގެ ޑްރޯނާއި މިސައިލް

ރަޝިއާ އާއި ކްރައިމިއާ ގުޅުވައިދޭ މައިމަގު -- ކްރައިމިއާ ބްރިޖް ގޮއްވާލީ ޔުކްރޭން ކަމަށް ބުނެ ބަދަލުގައި ޔުކްރޭންގެ އަވަށްތަކަށް ރަޝިއާ ދޭން ފެށި ހަމަލާތަކުގައި އީރާންގައި އުފައްދާފައި ހުރި މިސައިލާއި ޑްރޯން ބޭނުންކުރާ ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް މިފަރު އަމާޒުކޮށްފައި ވަނީ ހަކަތައް އުދައްދާ ކާރުޚާނާ ތަކަށާއި މަރުކަޒުތަކަށެވެ.

ޒެލެންސްކީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެނދުނު ވެގެން އައީ ބާރުގަދަ ގޮވުންތަކަކާ އެކު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮވައި ބާކީވެފައި ހުރި މިސައިލްތަކުގެ ބައިތައް އީރާނަށް ރައްދުވާ ކަމަށެވެ.

އާންމުންނަށް ބޭނުންވާ މުހިންމު ވަސީލަތްތައް -- ކަރަންޓާއި އަދި އެހެނިހެން ބާވަތްތަކުގެ ހަކަތައް އުފައްދާ ނިޒާމުތަކަށް މިސައިލްތައް އަމާޒުކުރުމަކީ ރަޝިއާ ގޮތް ދޫކުރަން ބޭނުންނުވާ ކަމުގެ ހެއްކެއް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

މީހުން ގިނަ އަވަށްތަކަށް ހަމަލާތައް އަމާޒުކުރުމުގެ ބޭނުމަކީ އާންމުންގެ މެދުގައި ނުތަނަވަސްކަން އިތުރުކުރުމާއި މަދަނީ ބިނާތައް މުޅިން ނަންތާލުމަށް ކަމަށެވެ.

ކްރައިމިއާ ބްރިޖަށް ދިން ހަމާގެ ބަދަލު ހިފަން ރަޝިއާ އޮތީ ބޭނުންވެފަ އެވެ. ބްރިޖަށް ހަމަލާދިނީ ޔުކްރޭން ކަމަކަށް އެ ގައުމަކުން ނުބުނެ އެވެ.

އެހެން ނަަމަވެސް، ޔުކްރޭންގެ އިސްވެރިން ކޮށްފައި ހުރި ޓްވީޓްތަކަަށް ބަލާއިރު ކްރައިމިއާ ބްރިޖަށް ދިން ހަމަލާ ރާވާފައިވަނީ ޔުކްރޭންގެ ތެރެއިން ކަމަށް ބެލެވެ އެވެ.

ރަޝިއާގެ އަސްކަރިއްޔާއިން މިފަހަރު ދޭން ފެށި ހަމަލާތައް ޔުކްރޭންގެ ވެރިރަށް ކިޔެވްއަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ. އޭގެ އިތުރުން ލިވިވްއަށް އަދި ޔުކްރޭންގެ އުތުރު އަވަށްތަކަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ.

ޔުކްރޭނަށް ރަޝިއާ ދޭން ފެށި ހަމަލާތައް އަނެއްކާ ވެސް ވަރުގަދަކޮށްފައި މިވަނީ ހަނގުރާމައިގެ ކުރީ ކޮޅު ރަޝިއާ ކޮންޓްރޯލްކުރި ބައެއް އަވަށްތައް ދޫކޮށް ރަޝިއާ ސިފައިން ދުރަށް ޖެހެމުން ދަނިކޮށް ކްރައިމިއާ ބްރިޖް ގޮއްވާލުމުންނެވެ.

ރަޝިއާއިން ދޫދެމުން ފަހަތަށް ޖެހުމުން ދިޔަ ނަމަވެސް ޔުކްރޭނުން އެކަމަށް ނުވިސްނައި މާބޮޑަށް ބާރުގެ ބޭނުންކުރަން ފެށުމަކީ ވެސް ޔުކްރޭނަށް ހެދިފައި އޮތް ވަރަށް ބޮޑު ގޯހެކެވެ.