ޔުކްރޭނުން ރަޝިއާގެ ދެ ވައިގެ ބަނދަރަކަށް ޑްރޯން ހަމަލާތަކެއް ދީފި އެވެ.
މިއީ ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް ފަހުން ޔުކްރޭންގެ ހަމަލާތަކެއް ރަޝިއާ ތެރެއަށް -- ދުރު ސަރަހައްދަކަށް އަމާޒުކުރި ފުރަތަމަ ފަހަރެވެ.
ޔުކްރޭނުން ހޯމަ ދުވަހު ޑްރޯން ހަމަލާތައް އަމާޒުކުރި ދެ ސިޓީ އަކީ ސަރާޓޮފް އާއި ރީއްޒައިން އެވެ. ޔުކްރޭނުން ހަމަލާދިން ދެ ވައިގެ ބަނދަރު އޮންނަނީ މި ދެ ސިޓީގަ އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން ރީއްޒައިން ސިޓީގައި އޮންނަ އަސްކަރީ ވައިގެ ބަނދަރު، ޖާގިލަވާ އޮންނަނީ ޔުކްރޭނުން ކޮންޓްރޯލް ކުރާ ސަރަހައްދުން ފެށިގެން 450 ކިލޯމީޓަރު ދުރުގަ އެވެ. އަދި ސަރާޓޮފް ސިޓީގައި އޮންނަ ވައިގެ ބަނދަރު، އެންގިލްސް އޮންނަނީ 550 ކިލޯމީޓަރު ދުރުގަ އެވެ.
މި ހާދިސާގައި އަސްކަރީ އޮފިސަރުންގެ ދެ މީހުން މަރުވެ އިތުރު ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
ރަޝިއާ ބުނާ ގޮތުން އަސްކަރީ ވައިގެ ބަނދަރުތަކަށް ގެއްލުން ލިބުނީ ޑްރޯން ވައިގެ ތެރޭގައި އޮއްވައި ރަޝިއާގެ މިސައިލް ޑިފެންސްތަކުން ގޮއްވާލުމުންނެވެ.
ޔުކްރޭނުން ފޮނުވި ޑްރޯން އުފައްދާފައި ވަނީ ސޯވިއެޓް ސަމާނުގެ އުޅަނދަކަށް ބަދަލު ގެނެސްގެން ކަމަށް ވާތީ އޭގެ ބޮޑެތި ބައިތައް ވައިގެ ބަނދަރަށް ވެއްޓި ރަޝިއާގެ ބޮންއަޅާ ދެތިން ބޯޓަކަށް ކުދި ގެއްލުން ލިބުނު ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
ރަޝިއާގެ އޮފިޝަލުން ބުނާ ގޮތުން ޔުކްރޭނުން ދިން ހަމަލާތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އެއްވެސް ބާވަތެއްގެ ހީނަރުކަމެއް ނާންނާނެ އެވެ. އަދި އަސްކަރީ އޮޕަރޭޝަންތައް މިހާރަށް ވުރެ ވާނީ ވަރުގަދަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ބަދަލުހިފުމުގެ ގޮތުން ޔުކްރޭންގެ ހަކަތަ ވިއުގައަށް ރަޝިއާގެ ޖެޓްތަކުން ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. އަދި ޔުކްރޭންގެ އަސްކަރީއްޔާއިން ބޭނުންކުރާ ރޭލު މަގެއް ގޮއްވާލައި ފައުޖުތައް ބައިބައިކޮށްފައި ވާނެ ކަމަށެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ރަޝިއާގެ އަސްކަރީ ވައިގެ ބަނދަރަށް ޔުކްރޭނުން ހަމަލާދިނުމުގެ ކުރިން އެމެރިކާގެ މެކްސާ ސެޓެލައިޓް ކުންފުނިން އެ އެއާޕޯޓްގެ ސެޓެލައިޓް ފޮޓޯތަކެއް ނެގި ކަމަށެވެ. އަދި ހަމަލާ ރާވައި މަގުދައްކާފައިވަނީ އެމެރިކާ ކަމަށެވެ.
ޔުކްރޭނުން ރަޝިއާގެ އަމާޒުތަކަށް މިހާރު ދެމުން ގެންދާ ހަމަލާތަކުގައި މުޅިންހެން ބޭނުންކުރަނީ އެމެރިކާގެ ޓެކްނޮލޮޖީ ކަމަށް ރަޝިއާ ބުނެ އެވެ.