ޔުކްރޭނަށް ހަތިޔާރު ފޮނުވުމުގައި އިޚުތިޔާރު ކުރާނެ ގިނަ ގޮތްތަކެއް އެމެރިކާއަށް މިހާރު ނެތް ކަމަށް ފޮކްސް ނިއުސްއިން ބުނެފި އެވެ.
ރަޝިއާއާ ކުރިމަތިލައި ބާރުގަދަ ހަމަލާތައް މަތަކުރުމަށް ޔުކްރޭނަށް ބޭނުންވަނީ އެންމެ ޒަމާނީ ހަތިޔާރުކަން ފާހަގަކުރަމުން ފޮކްސް ނިއުސްއިން ބުނި ގޮތުގައި އެވަރަށް ހަތިޔާރު ފޮނުވަން ހަދައިގެން އެމެރިކާގެ ޒަރޫރަތު ނުފުއްދޭނެ ކަމަށެވެ.
އެހެންކަމުން ވޮޝިންގްޓަނަށް އޮތް ގޮތަކީ ޔުކްރޭނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދޭ މިންވަަރު ދަށްކުރުން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޔުކްރޭނަށް ބޭނުންވާ އަސްކަރީ ސާމާނުތަކުގެ ތެރޭގައި ހައިމާސް މިސައިލް ޑިފެންސް ސިސްޓަމް، ޖެވެލީން އެންޓި ޓޭންކް މިސައިލް، ސްޓިންގާ އެއާ ޑިފެންސް ސިސްޓަމް އަދި އެމް777 ހޮވިޒާ ހިމެނެ އެވެ.
ޔުކްރޭނަށް އަސްކަރީ އެހީ ފޯރިކޮށްދިނުމަކީ އެމެރިކާގެ ނިޔަތެއް ނަމަވެސް އެކަން އެގޮތަށް މިހާރު ކުރެވެން ނެތީ ރަޝިއާގެ އަމަލުތައް ހުރި ގޮތުން އެމެރިކާ އާއި ރަޝިއާ ސީދާ ހަނގުރާމަ ކުރަން ޖެހިދާނެތީ ކަމަށްވެސް ހަބަރު އޭޖެންސީތަކުން ބުނެ އެވެ.
އެމެރިކާއަށް ދަތިތަކެއް ހުރި ނަމަވެސް ކުރިން ރާވާފައި އޮތް ގޮތަށް ހުޅަނގުގެ ގައުމުތައް ގުޅިގެން ޔުކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
ޔުކްރޭނުން އެދިފައި ހުރި އަސްކަރީ ސާމާނު އަދި މިވަގުތަށް ފޮރުކޮށްދެވޭނެ ކަމަށްވެސް ޑިފެންސް ޑިޕާޓްމަންޓުން ބުނެ އެވެ. އެހެންނަމަވެސް، ހަނގުރާމަ ދިގުލައިގެން ދާނަމަ ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށް ބުރޫއަރާނެ ކަމަށް ވެސް ބުނެ އެވެ.
އެމެރިކާ މާބޮޑަށް ޔުކްރޭނާ ގާތްވެގެން އުޅެނީ 2014 ގައި ރަޝިއާ ސިފައިން ޔުކްރޭންގެ ކްރައިމިއާ ޖަހައިގަތް ފަހުންނެވެ. އަދި އެއަށްފަހު އަސްކަރީ ގޮތުން ޔުކްރޭން ބާރުވެރި ކުރުވުމަށް އެކި މާނާގައި ފޯރުކޮށްދިން އެހީގެ އަދަދު މިހާރު ވަނީ 20.3 ބިލިއަން ޑޮލަރަށް އަރާފަ އެވެ.