ވާހަކަ

ދެ މަރު

ސައިކަލުގައި އައިސް އަހަރެން މަޑުކޮށްލީ އާ ސަހަރާގެ ހުޅަނގަށް އޮތް ވައިދެރި ހިނގުން މަގުގަ އެވެ. ފުނިޖެހިފައި އޮތް ސައިކަލުގެ ސަފަށް ބަލަމުން އަންނަނިކޮށް މަގަށް ނެރުމަށް ސައިކަލެއް ފަހަތަށް ޖަހާތަން ފެނުނެވެ. އެ ހުސްވި ޖާގައަށް އެހެން މީހަކު އަރައިގަތުމުގެ ކުރީން އެ ދޭތެރެއަށް އަހަރެން އަވަހަށް ސައިކަލު ވައްދާލައި ޕާކުކޮށްލައިފީމެވެ. ސައިކަލުން ފޭބުނު ގޮތަށް ހަލުވި ހިނގުމުގައި އައީ އާ ސަހަރާއަށް ވަންނާށެވެ. އޭރު ސަހަރާގެ ދޮރުމައްޗާއި ތަބުރޭޒީ ހިނގުން އެއްކޮށް މީހުންނާއިގެން ފުރިފައޭ އޮތީ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"ސާޖިދު!..." އެއްވެފައި ތިބި މީހުންގެ މޫނަށް ބެލުމެއްނެތި އަހަރެން ދޮރުން ވަންނަން ދިމާކޮށްލުމުން ވައަތްފަރާތުން ކޮނޑުގައި މީހަކު ޖަހާލައި އަހަރެންގެ ނަމުން ގޮވާލައިފި އެވެ. އެނބުރިލީއިރު ގާތުގައި ހުރީ ޝުހާދެވެ.

"ޚަބަރު ލިބުނު އިރު ހުރީ ނަރުދޫގަ، ވަގުތުން ލޯންޗު ހަމަޖައްސައިގެން އާދެވުނުއިރު މީ" އަހަރެން ލަސްވީ ސަބަބު އޮޅުން ފިލުވައިދިނުމަށް އަވަސްވެގަތީމެވެ. ފަހަރެއްގައި ވެސް ޝުހާދު އެއްޗެއް ހީކޮށްފާނޭ ކަމަކަށް ނޫނެވެ. އޭނާއަކީ އަހަރެންގެ ރަޙުމަތްތެރީންނާއި ޢާއިލާގެ ތެރެއިން ވެސް ދުށް އެންމެ ތެދުވެރި ދީންވެރި މީހާއެވެ. އޭނާގެ ބައްޕަ ފަދައިންނެވެ.

"ބޮއްތަ ބުނި ސާޖިދު ރަށުން ބޭރުގައޭ ހުރީ، އަދި ލަހެއްނުވޭ... ދެންމެ މޫނޫ ދައްކަން ފެށީ" ޝުހާދު އަހަރެން ގޮވައިގެން ސަހަރާގެ ތެރެއަށް ވަނެވެ. ވަކި ހިސާބަކުން އަހަރެންނަށް ހުއްޓުން އެރީ ސަހަރާގެ ތެރެއިން ފެނުނު ބައެއްގެ ސަބަބުންނެވެ. ނިކަން އަވަހަށް ޝުހާދާ ދިމާއަށް ބަލާލީމެވެ. އޭނާއަށް އަހަރެން ބުނަން އުޅުނު އެއްޗެއް އެނގުނީ ކަންނޭނގެއެވެ. އަހަރެންގެ މުލައްދަނޑީގައި ހިފާލައި މީހުންތަކުގެ ތެރެއިން އެއްފަރާތްވެލި އެވެ.

"ރަޝީދުބެ ވެސް ނިޔާވެއްޖެ، ސަހަރާއަށް ގެނައީ ދެންމެ... އެގޭ ފުރުޤާނާއި ދާނިޝް ފެނިގެން އަހާލީމާ އަނގައިން ނުބުނަން ތިބެފައި ވެސް ބުނެފި" މަޑުމަޑުން ޝުހާދު ބުންޏެވެ.

އަހަރެންނަށް ހުރެވުނީ އަޖައިބުވެ އަންތަރީސްވެފައެވެ. އަހަރެން މޫނު ދުށުމަށް އައީ ޝުހާދުގެ ބައްޕަ، ވާހިދު ނިޔާވެގެންނެވެ. ވާހިދާއި އަހަރެންގެ މަންމައަކީ ދެބެންގެ ދަރީންނެވެ. ވާހިދުބެއަކީ ޞާލިޙު މީހެކެވެ. އަމިއްލަ މަސައްކަތުން ބޮޑު ވިޔަފާރިއެއް ކޮޅަށް ޖަހައި، މާލޭގެ އެންމެން ދަންނަ "ވާޑު ބޮޑު ސޭޓު" އެވެ. ޢައިލާއަށް ހެޔޮ މީހެއްކަން އަހަރެންނަށް ޔަގީންކުރަން އެނގެނީ، އަހަރެންގެ ހުވަފަތް ވެފައި އިން މަންމަގެ ދަރީންނަށް ޓަކައި ވާހިދުބެ ކުރި ޚަރަދާއި އަމިއްލަ ދަރީން ފަދައިން އަހަރެމެންނަށް ވާހިދުބެގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމުގެ އަތެވެ. އަހަރެންނާއި ޝުހާދުއާ ދެމެދު ރަޙުމަތްތެރިކަމުގެ ގާތް ގުޅުމެއް އުފެދުނީ ޢާއިލާގެ ތެރެއިންނެވެ. ވާހިދުބެގެ ފިރިހެން ދަރިއަކަށް ހުރީ ހަމައެކަނި ޝުހާދު އެކަންޏެވެ. ދެން ތިބެނީ އަންހެން ތިން ބެއިންނެވެ. އަހަރެންގެ މަންމަގެ ތިބީ އަހަރެންނާއި އަންހެން ކޮއްކޮއެއް އެކަންޏެވެ. މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނަސް ޢާއިލާއަށް ވަގުތުދޭން ވާހިދުބެ އަބަދުވެސް އިސްކަންދެއެވެ. އަހަރެންނާއި ޝުހާދު ޒުވާނުންނަށްވެ މީހަކާ އިންފަހުން ވެސް ބަދަލުނުވި އެއްކަމަކީ ވާހިދުބެއާއެކު ފަތިސް ނަމާދަށް ދިއުމާއި ހުކުރަށް ދިއުމެވެ. ވާހިދުބެއަކީ ނުބައި މީހެކޭ ބުނާ އަޑެއް މީހެއްގެ ފަރާތުން ވެސް ނާހަމެވެ. ފައިސާ ގިނަވެ ތަނަވަސްކަން އިތުރުވާވަރަކަށް އެހީތެރިކަން ބޭނުންވެފައި ތިބި ނިކަމެތީންނަށް އެހީތެރިވާލެއް ގިނައެވެ. އަދި ދަރީންނަށް ވެސް މީހުންނަށް ހެޔޮކޮށް ހިތުމަށް ނަޞޭޙަތްތެރިވެއެވެ.

މިއަދު ތެޅެމުން ފޮޅެމުން އަހަރެން ސަހަރާއަށް އައީ ބައްޕަނެތް ދުވަހު ބަފައެއްގެ ލޯބި އަހަރެންނަށް ދީ މީހަކަށް ހެދި މީހާގެ އަޖުލު ހަމަވެ މިފަނާވަނި ގޮވެއްޗާ ވަކިވެގެންދާހިނދު އެންމެ ފަހު ފަހަރަށް އޭނާގެ މޫނު ދުށުމަށް ބޭނުންވެގެންނެވެ. ނަމަވެސް ފެނުނު މަންޒަރުން ސަހަރާ ތެރޭގެ މާޙައުލު މުޅިން ބަދަލުވެފައިވާކަން ފާހަގަވެއްޖެއެވެ. ނިޔާވެގެން ސަހަރާއަށް ދެން ގެނެވިފައި އޮތް ރަޝީދަކީ ވާހިދުބެއާއެކު ވިޔަފާރީގައި އުޅުނު އެންމެ ގާތް އެކުވެރިޔާ އެވެ. ނަމަވެސް އެ ދެމެދުގައި އޮތް ގުޅުން ކެނޑި އެއްބަޔަކު އަނެއްބަޔަކާ އަނގައިން ނުބުނާތާ ހަމަސް ވެއްޖެ އެވެ. ޖެހުނު ކުންޏަކީ ވިޔަފާރީގެ މައްސަލައެވެ. ވާހިދުބެ ގާތުގައި އުޅެފައި ރަޝީދު ވިޔަފާރީގައި ވާހިދުބެއަށް އޮޅުވައިލާ މަކަރު ހެދީ އެވެ. އެކަމުގައި ރަޝީދުގެ ކުދީން ވެސް ބައިވެރިވިކަން އަހަރެން ވެސް ދެނަހުރީމެވެ. ވާހިދުބެ ކުރި އިތުބާރުގެ ފައިދާ އޭނާ ނިކަން ފުރިހަމައަށް ނެގިއެވެ. މިހާރު ވެސް ކޯޓުގައި ރަޝީދުގެ މައްޗަށް ކުރެވޭ ދަޢުވާތައް އެބައޮތެވެ. ވާހިދުބެގެ އެއް ވިޔަފާރީގައި ހުޅުޖަހައި މައި ބޮޑު ވިޔަފާރި ގޭގެ ރަޖިސްޓްރީ ބަދަލު ކުރީއެވެ. އެ ހުރިހާ ކަމަކަށް ދެންވާނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެހެންވިޔަސް އެކަމާ ޝުހާދުއާ ވާހަކަ ދައްކަން އެއީ އެންމެ މުނާސަބު ވަގުތު ނޫންކަން އަހަރެންނަށް އެނގޭތީ އެ ޚިޔާލުތަކުން އެއްފަރާތް ވެލީއެވެ. އޭރު ޝުހާދާއެކު އަހަރެމެންގެ ޢާއިލާގެ މެންބަރުން ތިބި ހިސާބަށް ވެސް އާދެވިއްޖެއެވެ.

"ސާޖިދު!..." ޝުހާދުގެ މަންމަ، އަނީސާ އަހަރެންގެ މުލައްދަނޑީގައި ފިރުމާލައި އަތުގައި ހިފާލީ ފެންކަޅިވެ ރޮވޭ ހާލުގައެވެ. އެ މަންމަގެ ގާތުގައި ހިތްވަރުގެ ބަސްބުނުމަށް އަހަރެންގެ އަންހެން ކޮއްކޮއާއި މަންމަގެ އިތުރުން އަންހެނުން ހުއްޓެވެ. އެ މީހުންނާއެކު ޝުހާދުގެ ތިން ކޮއްކޮއާއި އޭނާގެ އަންހެނުން ވެސް ހުއްޓެވެ.

"އަނީސައްތައާއި މަންމަމެން ވަދެފިންތަ؟" އަހަރެން އަހާލީމެވެ. އެހިނދު އަހަރެންގެ މަންމަ ބޯޖަހާލިއެވެ.
އަހަރެންނާއި ޝުހާދު އެކުގައި ވާހިދުބެގެ މޫނު ދުށުމަށް ވަނީމެވެ. ސާލާން ގޮވާލުމާއެކު މޫނު ފެންނަ ހިސާބު ބޯ ކައިރީ މަޑުކޮށްލީމެވެ. ވާހިދުބެ ހީވަނީ ފުން ނިންޖެއްގައި އޮތް ހެނެވެ. މޫނު ފެންނަނީ އަލިކޮށެވެ. ނިތްކުރީގައި އަޅުކަމުގެ ރަމްޒެއްގެ ގޮތުން ލެވިފައިވާ ކުރަ ފެންނަން ހުއްޓެވެ. ހީވަނީ ދެންމެދެންމެ ހިނިތުންވެލާ ފާނޭ ހެންނެވެ. ކުރިއަށް ހިނގައިގަންނަން އެނގުނީ ޝުހާދު ގޮވާލީމައެވެ. ވާހިދުބެއާއެކު ހޭދަކުރެވުނު ދުވަސްތަކުގެ އެކިއެކި ހަނދާންތައް ކުއްލިއަކަށް ސިކުނޑިއަށް ބޮނޑިވެގަތެވެ. ހިތްވަރު ކުރި ނަމަވެސް ހިތަށް ކުރެވުނު އިޙުސާސް ލޮލުން ވެސް ފާޅުވެއްޖެއެވެ. ކަރުނަ ފުހެލާފައި އަހަރެންނަށް ހިނިތުންވެލެވުނީ ވާހިދުބެގެ މޫނުން ފެނުނު ހިތްހަމަޖެހުމުގެ އަސަރު ލޯކުރިމަތިން ސިފަވުމުންނެވެ. ޝުހާދުގެ ކޮއްކޮމެންނާއި އަހަރެންގެ މަންމަގެ މޫނުން ވެސް ދުށީ ކަރުނައާއެކު ވެސް ފަނޑު ހިނިތުންވުމެއް ކޮންމެ މީހެއްގެ މޫނުގައި ވީތަނެވެ.

އަސުރު ނަމާދަށްފަހު ވާހިދުބެގެ މައްޗަށް ކަށުނަމާދު ކުރުން އޮތެވެ. ރަޝީދުގެ ކަށުނަމާދު އޮތީ އޭގެ ފަހުގައެވެ. އަހަރެންނާއި ޝުހާދު އޭނާގެ މޫނު ދުށުމަށް ދިޔައީމެވެ. އެކަމަށް އިސްނެގީ ޝުހާދެވެ. ވާހިދުބެ އެގޮތް ބޭނުންވާނޭ ކަމުގައި ޝުހާދު ބުނީއެވެ. އަހަރެންގެ ހިތަށް މައްޔިތަކު ފެނި ބިރުވެރިކަން ވަން ވަގުތަކަށް ރަޝީދުގެ މޫނު ބަލަން ވަން ވަގުތު ވާނެއެވެ. ދެ ލޯ ރަނގަޅަށް ނުލެއްޕި ހުރުމުގެ ސަބަބުން ލޮލުގައިވަނީ ކަފައަޅާ ނިވާކޮށްފައެވެ. މޫނު ހީވަނީ ވިހައެއް ކެވިގެން ހަމުގެ ކުލަ ބަދަލުވެފައި އޮތް ހެނެވެ. ދަތްދޮޅި އައްސާފައި އޮތްއިރު ވެސް އަނގަ އޮތީ އެއްފަރާތަށް ދަމައިގަނެފައެވެ. އެކަމުގެ ސަބަބުން މާގިނައިރު ޤަބުރު ނުބާއްވައި އަވަހަށް މޫނު އަޅައިފިއެވެ. އެތަނަށް އެއްވެފައި ތިބި މީހުން އެކަމާ ގުޅިގެން ތަފާތު ވާހަކަތައް ދައްކައި ހެދިއެވެ. ނަމަވެސް އަހަރެންނާއި ޝުހާދު އެކަމާ މެދު އެއްވެސް ވާހަކައެއް ނުދައްކަމެވެ. ރަޝީދުގެ ދަރީން ވަރަށް ދެރަވެގެން ރޮއެ ހަދާތަން ފެނުނެވެ. ކަށުނަމާދަށްފަހު ވަޅުލަންދެން ތިބެފައި އަހަރެންނާއި ޝުހާދު ސަހަރާއިން ނުކުތީ އެވެ.

"އޭތް!... ސައިކު ހުންނާނީ އެ ކޮޅުގަ" ސަހަރާއިން ނުކުތް ގޮތަށް އަހަރެން ބުނީމެވެ.
"އަހަރެން މިއަންނަނީ ސައިކު ނަގައިގެން" ޝުހާދު ބުންޏެވެ. އަހަރެން ބޯޖަހާލައިފައި އަހަރެންގެ ސައިކަލު ޕާކުކުރި ދިމާއަށް އައީމެވެ.

ދެމީހުން ސައިކަލުގައި ނުކުތީ ބޮޑުތަކުރުފާނު މަގަށެވެ. ދެ މީހުން ވެސް ދާން ޖެހެނީ ހެންވޭރަށެވެ. ދެ މީހުން ދުއްވަމުން އަންނަތާ އިރުކޮޅެއްފަހުން ޝުހާދު ގޮވާލި އެވެ. އަހަރެން ބަލާލުމުން އޭނާ ވާހަކަދައްކަން ފެށިއެވެ.

"ބައްޕައަށް ވަގުތު ޖެހިއްޖެކަން އެނގޭ ކަހަލަ... ފަތިސް ނަމާދަށް ތެދުވެ ގޭގެ އެންމެންނަށް ގޮވަން އައީ ވެސް ބައްޕަ، އަހަރެންނާއެކު މިސްކިތަށް ދިޔައީ، ނަމާދުން ގެއަށް އައިސް ޤުރުއާން ތަރުޖަމާ ކިޔަން އިނީ ސިޓިންރޫމުގައި، ހުރިހާ ކުދީން ގާތު މިއަދު ބުނީ ބައްޕަ ކިޔާވާ ނިމެންދެން މަޑުކޮށްލަ ދޭންވީނޫން ހޯ... ސާޖިދު... ކަލޭ ނެތީމަ އެ ވާހަކަ ވެސް ދެއްކި، ބޮއްތަ ބުނީ އިރުއޮއްސޭންވާއިރަށް ސާޖިދު ހުންނާނީ މާލޭގައޭ، ބައްޕަ ބުނީ، ތިމަންނަގެ ދެވަނަ ފިރިހެން ދަރިފުޅު އަންނާނޭކަން އެނގެޔޭ، ފަތިހު ހިނގައިދިޔަ ކަންތައްތައް އަހަރެންގެ ސިކުނޑީގައި ހަރުލާފައި ވާކަހަލަ... އެއްގޮތަކަށް ވެސް ހަނދާނުން ފުހެވިގެނެއް ނުދިޔަ، އަލް އިމްރާނު ސޫރަތުގެ 185 ވަނަ އާޔަތް ކިޔާ ނިންމާލުމާއެކު ބުނަނީ ރަޝީދުގެ މައްޗަށް އޮތް ދަޢުވާއެއް އޮތްނަމަ ބައްޕަ ބޭނުން ވަނީ އެ ދަޢުވާއެއް ކޯޓުން ނެގުމަށޭ، އަދި އޭނާ ގާތަށް ޢާއިލާގެ އެއްވެސް ކުއްޖަކު ޝަކުވާއާއިގެން ނުދިޔުމަށް، އޭނާގެ މައްޗަށް ހިތްހެޔޮ ކުރުމަށް، ދަރަންޏެއް އޮތްނަމަ އެ ދަރަންޏަށް މަޢާފު ދިނުމަށް، ބައްޕަ އަހަރެމެންގެ މައްޗަށް ކުރި އެންމެ ފަހުގެ ވަސިއްޔަތް އެއީ" ޝުހާދު ބުންޏެވެ. އަހަރެންނަށް އޭނާ އަޅައިގެން އިން އަވިއައިނުގެ ސަބަބުން ލޯ ނުފެނުނު ކަމުގައި ވިޔަސް އޭނާގެ މޫނުން ކަރުނައިގެ އަސަރު ފުހުނުތަން ދުށީމެވެ.

"ﷲގެ ކުޅަދުން ވަންތަކަން، ޣައިބުވާކަންތައް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެ، ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ތެރެއިން އެކަކަށް ވެސް އެކަމަކާމެދު އިންކާރުނުކުރެވޭނެ ކަމަކީ މަރުކަން ކަށަވަރު، ވަކިވެގެން ދިޔައީ އަހަރެމެންނާ ދުރުބައެއްނޫން، ދެ މަރު ދުށްއިރު ދިރިތިބީންނަށް ޙިކުމަތްތަކެއް އެކަމުގައިވި، ނުހައްޤުން އަތުލެވުނު އެއްޗެއްގެ ފައިދާ ނުކުރި ތަނުގައި އުޚުރަވީ ހަޔާތާ ކުރިމަތިލާން ޖެހޭއިރު އެކަމަށް ތައްޔާރުވެވުނީ ކިހާ ވަރަކަކަށް ކަމެއް ވެސް ނޭނގުނު، ދުނިޔޭގެ އުފަލާއި ތަނަވަސްކަމާއި ރީތި ނަން ހޯދުމުގައި ހޭބޯނާރާ އުޅެއުޅެ ހުއްޓާ މަރަށް ހާޟިރު އެ ކުރެވުނީ، ކޮންމެ ގޮތެއް ވިޔަސް ވާހިދުބެގެ ވަސިއްޔަތާ އަހަރެމެން ޚިލާފުވެގެން ނުވާނެ، ޝުހާދު!... ދެ މަރު އައި ހިނދު އެކަކު ވަނީ އެ މަރަށް ތައްޔާރުވެފައި، އެހެންނަމަވެސް އަނެކަކު އެ ދިޔައީ ދުނިޔެ ބޭނުންވެފައި ވަނިކޮށް" މިއަދު އަހަރެންނަށް ފެނުނު ކަންތައްތަކާމެދު ވިސްނަމުން އަހަރެން ބުނެލީމެވެ. -- ނިމުނީ