މެންދަމު ދޭއް ޖެހީއެވެ. އިރާކޮޅު ވިއްސާރަވި ގޮތަށް ކެރިގަނޑު ހައްތަހާ ދިޔައީ ބޯކުރަމުންނެވެ. ދޭތެރެއަކުން ވިދާލާ ވިދުވަރުން މުޅި މާޙައުލު އެކީ އަލިކޮށްލައެވެ. ޖަހާލައި ގުގުރީގެ އަޑު ބާރުކަމުން ކަންފަތް ބައްވާހާ ވެއެވެ. ކޮޓަރީގެ އިރުމައްޗާ ދިމާއަށް ހުރި ފާރުގެ މެދަށްވާހެން ޖައްސާފައި ހުރި "ކިންގް ސައިޒް" އެނދުގައި އަހަރެން އޮތީމެވެ. ނިދޭތޯ އެހެން އޮންނަތާ ތިންގަނޑިއިރު ވެއްޖެއެވެ. އެންމެފަހުން ތެދުވެއްޖައީމެވެ. އެނދުގެ އަރިމަތީ އިށީނދެލައިގެން އިނދެ ވައަތްފަރާތު ހުރި ތިރި ކަބަޑުގެ މަތީ ބޭއްވި ސިނގިރޭޓު ފޮށިން ސިގިރޭޓެއް ނަގައި ރޯކޮށްލީމެވެ. އަދި ތެދުވެގެން އައިސް މަޑުކޮށްލީ ކޮޓަރިން ބެލްކަންޏަށް ނުކުމެވޭ ގޮތަށް ހުރި ބިއްލޫރި ދަމާ ދޮރުގެ ކުރިމަތީއެވެ. އެ ދޮރު ނިވާ ކުރުމަށް ހުރި ފަރުދާ އޭރު ވެސް ހުރީ އެއްފަރާތަށް ކަހާލެވިފައެވެ.
ސިނގިރޭޓުގެ ދުންތައް ކޮޓަރިން ބޭރުކޮށްލުމަށް އަހަރެން ދޮރުފަތް ކުޑަކޮށް ކަހާލީމެވެ. ވާރޭގެ ސަބަބުން ބެލްކަނީގެ މަގާ ވީ ފަރާތް އޮތީ ތެމިފައެވެ. ހިމޭންވެފައި އޮތް އެ ދަންވަރު ބަޔަކު އުޅޭކަމުގެ އަޑުއިވުނީ ދެނެވެ. އަހަރެން ދިރިއުޅެނީ ދިހަ ބުރީގެ އިމާރާތުން އަހަރެންނަށް ލިބިފައިވާ ބައިގައެވެ. އެއީ އިމާރާތުގެ އަށްވަނަ ފަންގިފިލާއެވެ. ތެމުނަސް ހެޔޮކަމަށް ބެލްކަންޏަށް ނުކުމެ ވަށައިގެން ހޯދާލީމެވެ. ފެނުނީ އިމާރާތަށް ވަންނަ ދޮރުމަތީ ޕިކަޕެއް މަޑުކޮށްލާފައި އޮތްތަނެވެ. އޭގެ ކައިރީ ހަތަރު މީހުން އުޅޭތަން ފެނުނެވެ. ފޮށިތައް ބާލައި އެތެރެއަށް ވައްދަނީއެވެ. ގޭގެ ކޮންމެވެސް ބަޔަކަށް ކުއްޔަށް އައި ބައެކޭ ހިތަށް އެރިއެވެ. އެނބުރި ކޮޓަރިއަށް ވަނީ އެހެންވެއެވެ. ސިނގިރޭޓު ހުލިވިއިރު ހިސާބެއްގެ ހިތްހަމަޖެހުމެއް ނަފްސަށް ލިބުނުހެން ހީވިއެވެ. ނިދުނީ ދެނެވެ.
އަހަރެންނާއި އަހަރެންގެ އެއްބަނޑުއެއްބަފާ ބޭބެ ރިޟްވާންއާ ދެ މީހުންނަކީ ގްރެޕިކްސްއާއި އެނިމޭޝަންގެ މަސައްކަތް ކުރާ ކުންފުންޏެއް ހިންގާ ބައެކެވެ. ރާއްޖޭގެ ގިނަބަޔަކު ދަންނަ ކުންފުންޏެވެ. އުމުރުން ނަވާރަ އަހަރުގައި އަހަރެން އެ މަސައްކަތުގެ ތެރެއަށް ވަން ގޮތަށް އަދިވެސް އެއީ އަހަރެން އެންމެ ކުރާހިތްވާ މަސައްކަތެވެ. މިހާރު އުމުރުން ތިރީސް އަށް އަހަރު ވެއްޖެއެވެ.
ހެނދުނު ހަތެއްޖެހި އިރު ހޭލައިގެން އަހަރެން ތައްޔާރުވީ އޮފީހަށް ނުކުންނާށެވެ. ކޮފީ މެޝިނުން ތައްޔާރުވެފައި ހުރި ކޮފީ ޖޯޑު ނަގައި އެއްކޯވަރުން ބޯލީމެވެ. އަނގައިގެ ތެރެއަށް ފެތުރިގަތް ހިތިކަން ވަގުތުން ސިކުނޑި ހޭލައްވާލައި ތާޒާ ކުރުވައިފިއެވެ. އެ ޖޯޑު ސިންކަށް ލާފައި އަހަރެން އެޕާޓްމެންޓުން ނުކުތީއެވެ. އެވަގުތު ހޯލްވޭއިން މީހަކު އަންނަހެން ހީވެ ބަލާލި ވަގުތު އަންހެނަކު ފެނުނެވެ. އިސްއޮބާލައިގެން ހުރި ގޮތުން ހީވަނީ އޭނާއަށް އަހަރެން އެތަނުގައި ހުރިކަން އެނގޭތީ ނުބަލަން އަމިއްލަ ނަފްސަށް މަޖުބޫރުކޮށްގެން ހުރިހެނެވެ. ވައަތުގައި ކުޑަކުއްޖެއްގެ ތޮތްޕަކާއި އަވިއައިނެއް އޮތެވެ. ކަނާއަތުގައި ތަޅުދަނޑި ފައްޗެއް އޮތެވެ. އޭނާ އައިސް މަޑުކޮށްލީ އަހަރެންގެ އެޕާޓްމެންޓުގެ ކުރިމައްޗަށް ހުރި އެޕާޓްމެންޓާ ދިމާއަށެވެ. އެ މޫނުގައި ދަންނަ ވައްތަރު ޖެހީ ގާތަށް އައީމައެވެ. އަޖައިބުވީ ވަރުން ދެބުމަ ހިއްލާލެވި ލޯ ބޮޑުކޮށްލެވުނެވެ. އާގަމަވެ އަނގަ ހުޅުވިފައި ހުއްޓާ އޭނާ ތަޅުދަނޑިފަތި ދޮރަށް ހަރާލައިފިއެވެ.
"ލައިލާ" އަޑުއައީ އަހަރެންގެ ހިތުގެ އެންމެ ފުނުންނެވެ. ސާފުވައިރޯޅިއެއް ފަދަ ހިމޭންކަމާއެކު އޭނާގެ ކަންފަތާ ހަމައަށް ފޯރައިފިކަން ޔަގީންވީ އޭނާ ފަސްއެނބުރި ބަލާލުމުންނެވެ. ހަތަރުކަޅި ބައްދަލުވުމުން އަހަރެންނަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ލައިލާ ނިކަން އަވަހަށް އިސްޖަހާލީއެވެ. އެ މޫނުން ފެނުނީ ހާސްކަމެވެ.
"ރީހާން އުޅެނީ މިތާތަ؟" ލައިލާ އަހާލި ގޮތުން ހީވީ އެއީ އޭނާ ގަޔާނުވާ ކަމަކީ ހެނެވެ. އަހަރެން ހޫން ލައްވާލީމެވެ. އަދި ފަރުވާތެރިކަމާއެކު ލައިލާގެ ނިވާކޮށްލެވިފައިވާ ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ނަޒަރު ހިންގާލީމެވެ.
"ދަނީ..." ލައިލާ ނިކަން އަވަހަށް ބުނެލިއެވެ. އަދި ތަޅުވަޅަށް ޖަހާފައި ހުރި ތަޅުދަނޑި އަނބުރާލައި އެޕާޓްމެންޓުގެ ދޮރުފަތް ހުޅުވާލައި އެތެރެއަށް ދެމިގަނެއްޖެއެވެ. އަހަރެންނަށް އެއްޗެއް ބުނާނޭ ފުރުޞަތު ނުދީއެވެ.
އޮފީހަށް އައިސް ވަނުމާއެކު ބޭބެ ރިޟްވާން ގޮވާލިއެވެ. އޭނާގެ މޭޒުދޮށުގައި އަހަރެން އައިސް އިށީނުމުން ބުނެލިއެވެ.
"ރީހާންމެން ބައިގައި ހުރި އެޕާޓްމެންޓް ކުއްޔަށް ދޫކޮށްލައިފިން އިނގޭ، ހިސާންގެ ފްރެންޑެއް އެތަނުގައި ހުންނަނީ، އޭނާ އެމީހުން ގެނައީ ވެސް، އަހަރެން ހުރީ ރީހާންއާ އެމީހުން ބައްދަލުކޮށްދޭން، އެކަމަކު ކުއްލި ގޮތަކަށް ހިސާން އެ މީހުން ގެނައީ، އެގްރިމެންޓު ވެސް އޭނާ ހަދައި ފައިސާ ވެސް ހުރީ ޓްރާންސްފާ ކޮށްފައި... އަހަރެން ދެކޮޅު ނުހެދީ ހިސާންގެ ރަޙުމަތްތެރިއަކަށްވެފައި އަނެއްކާ އެކަނި އުޅޭ ދެމައިންނަށްވީމަ" ރިޟްވާން ބުންޏެވެ. އަހަރެން އުޅޭ ތަނުގައި ހުހަށް ހުންނަ އެޕާޓްމެންޓް ކުއްޔަށް ދޭން ރިލްވާނާ ހަވާލުކުރީ ޚުދު އަހަރެންނެވެ. ކަނޑައެޅި ޝަރުތަކަށްވީ ގިނަބަޔަކު އުޅެގެންނުވާނޭކަމެވެ. ބަރާބަރަށް އަހަރެންނަށް ކުލި ލިބެންވާނޭކަމެވެ. ނަމަވެސް އެތަނަށް އަންނާނީ ލައިލާކަމެއް ނުދެނަހުރީމެވެ. ހިސާންއަކީ ރިޟްވާނުގެ އަންހެނުންނެވެ. ލައިލާއަކީ ހިސާންގެ ރަޙުމަތްތެރިއެއްކަން މި އެނގުނީ އަދިކިރިޔާއެވެ. މަޑުމަޑުން ބޯޖަހާލައި "ރަނގަޅު" ކަމަށް އަހަރެން ބުނީމެވެ.
އޮފީސް ނިންމާފައި އަހަރެން ގެއަށް އައިސް އެޕާޓްމެންޓަށް ވަނުމުގެ ބަދަލުގައި ލައިލާ އުޅޭ ބައިގެ ދޮރާ ދިމާއަށް ބަލަން އިރުގަނޑު ހުރެފައި އެތެރެއަށް ވަނީމެވެ. ލައިލާއާއި އަހަރެން މި ބައްދަލުވީ ދިހަ އަހަރު ފަހުންނެވެ. ލައިލާ ފެނުމުން އަހަރެންނަށް ބަޔާންކުރާން ދަތި ގޮތްތަކެއްވީ އޭނާއަކީ އަހަރެންގެ ފުރަތަމަ ލޯތްބަށްވީމައެވެ. އޭރުގެ ލައިލާއާއި މިހާރު އަހަރެންނަށް މިފެނުނު ލައިލާ ވަރަށް ތަފާތެވެ. ފަންސަވީސް އަހަރުގެ ލައިލާގެ އަޖައިބުވާފަދަ ރީތި ބުޅި އިސްތަށިގަނޑެއް އޮންނާނެއެވެ. ހަށިގަނޑުގެ ބައްޓަން އޭނާއަށްވުރެ ފުރިހަމަ އަންހެންކުއްޖަކު އަހަރެން ނުދެކެވެ. ނަމަވެސް މިހާރު އޭނާ ހުރީ ޝޯލްއަކުން ބޯނިވާކޮށްފައެވެ. ހަށިގަނޑުގެ ލޫޅާފަތިކަން ގެއްލި ފަލަވެފައެވެ. ކަކުލާ ހަމައަށް އަންނަ ދިގު ގަމީސް ހުރިލެއް ދޫކަމުން ވަކިން ފަލަކަމަށް އޭނާ ދައްކައެވެ. އަހަރެންނަށް އޭނާއާ ފުރަތަމަ ބައްދަލުވީ އަހަރެންގެ ބައްޕަގެ ގެ ހަދަންވެގެން ކުއްޔަށް ބަދަލުވި ދުވަސްކޮޅު އެ ގޭ ދޮށުންނެވެ. ހިމަ ގޯޅިގަނޑަކުން ނުކުންނާތީއެވެ. އޭނާއާ އެކުވެރިކަން އުފެދި ލޯބި ހުށަހެޅީ އަހަރެންނެވެ. ނަމަވެސް އޭނާ ބޭނުންވާ ފަދަ ޒުވާނަކަށް އަހަރެންނުވިއެވެ. ލައިލާ އެދޭ ފަދަ ޒުވާނެއްގެ ގައިގާ ހުންނަންޖެހޭނީ ކޮންކަހަލަ ސިފަތަކެއްތޯ އަހަރެން ސުވާލު ވެސް ކުރީމެވެ. ނަމަވެސް އޭނާ އެ ސުވާލަށް ޖަވާބެއް ނުދިނެވެ. މަޑުމަޑުން އަހަރެންނާ ދުރުވީއެވެ. އަހަރެން ވެސް އޭގެ ދުވަސްކޮޅެއް ފަހުން ގެ ހެދިގެން ގެއަށް ބަދަލުވީއެވެ. އެހެންވިޔަސް ލައިލާ މަތިން ހަނދާންނައްތައެއް ނުލެވުނެވެ. އޭނާގެ ބޯކޮޅު ބަލަމުން ހިނގަނިކޮށް ލައިލާ ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީއެވެ. ކައިވެނި ވެސް ކުރީއެވެ. އެހިސާބުން އަހަރެން ލައިލާގެ ޚަބަރު ބެލުން ހުއްޓާލީއެވެ.
ހަފްތާއެއް ފަހެވެ. މާޒީގެ ޚިޔާލުތަކުން ހިތުގައި ވަޅުޖެހިފައި އޮތް ޖަޒުބާތުތައް ހިލިއްޖެއެވެ. ބޭބެގެ ވާހަކަތަކުން އަހަރެންގެ ހިތަށް އުނދަގޫވެއްޖެއެވެ. އެކަނިއުޅޭ ދެމައިންނޭ ބުނީމައެވެ. ލައިލާގެ ފިރިމީހާއާއި ޢާއިލާ ކޮބާބާއެވެ. މިއަދު ވެސް އޮފީހުން އައިސް އެތައް އިރަކު ދޮރުމަތީ ހުރެވުނީ މި ޚިޔާލުތަކަށް ގެއްލިފައެވެ. އަހަރެންގެ ގާތަށް ލައިލާ ގެނެސްދިނީ ތަޤުދީރެވެ. އެހެންވެ ދެއަތްއުރާލައިގެން ސުވާލުތައް ސިކުނޑީގައި ފުނިޖައްސައިގެން ހުރުމަކުން ފައިދާއެއް ނުކުރާނޭކަން އެނގޭތީވެ ކުރިޔަށް ފިޔަވަޅު އެޅީމެވެ. ލައިލާ އުޅޭ ބައިގެ ދޮރުގައިވި ބެލްޖަހައިފީމެވެ. ދެފަހަރަކު ފިތަށް އޮބާލިފަހުން ދޮރުހުޅުވާލިއެވެ. ދޮރުފަތުގެ އެތެރެއިން ޗޭނުކޮޅު އަޅުވާފައި ހުރުމުން އެއްކޮށް ދޮރުހުޅުވިގެނެއް ނުދެއެވެ. އެ ދޭތެރެއިން ބަލަން ހުރީ ލައިލާއެވެ.
"ރީހާން" ލައިލާ މިފަހަރު ވެސް އަހަރެންގެ ނަން ކިޔާލީއެވެ. އިތުރު އެއްޗެއް ނުބުންޏެވެ.
"އެތެރެއަށް ވަނުމަށް ދަޢުވަތެއް ނުދޭނަންތަ؟ އެކުވެރިކަން ވެސް ހަނދާންނެތުނީތަ؟" އަހަރެން ކުޑަކޮށް ހިނިއައިސްފައި ހުރެ ބުނީމެވެ. ލައިލާ އިރުކޮޅަކު ބަލަން ހުރެފައި ދޮރުފަތުގެ ޗޭނުކޮށް ނައްޓާލިއެވެ.
"ވަދޭ... އަދި މިއުޅެނީ ހަމައަކަށް ނޭޅިގެން" ލައިލާ މިހެން ބުނިއިރު އޭނާގެ އަޑު ވެސް ބަދަލުވެފައިވާހެން ހީވިއެވެ.
ސޯފާގައި އިށީނީ އަހަރެން އަމިއްލައަށެވެ. ލައިލާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެތެރެއިން ކުޑަ ފިރިހެން ކުއްޖަކު ދުވެފައި ނުކުތެވެ. އަހަރެން ފެނި ވަގުތުން ހުއްޓި ބަލަންފެށިއެވެ. އެއީ ދަރިފުޅުތޯ އެހުމުން ލައިލާ ބޯޖަހާލިއެވެ.
"ލައިލާ... އަހަރެން ފެނުނީމާ އުނދަގޫވަނީތަ؟" ލައިލާގެ ހިމޭންކަން ފެނި އަހަރެން ސުވާލުކުރީމެވެ. ލައިލާ ޖަވާބެއް ނުދިނެވެ. ހިމޭނުން ހުރެފައި ދެން އިވުނީ ނޭފަތް އެތެރެއަށް ދަމާލިއަޑެވެ. އޭނާ ރޮނީއެވެ. އަހަރެން ތެދުވެގެން އައިސް ލައިލާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދީމެވެ.
"އަހަރެންނަށް އެހުނީ އަހައިގެންނުވާނޭ އެއްޗެއްތަ؟" އަނެއްކާ ވެސް އަހަރެން ސުވާލުކުރީމެވެ. ނޫނެކޭ ބުނުމަށް ލައިލާ ދެފަރާތަށް ބޯހޫރުވާލިއެވެ.
"މި ވީ ދެއަހަރު އަހަރެންގެ ހަނދާނުން ނުފިލި މީހަކީ ތީ، ރީހާންއާ މެދު އަހަރެން ކަންތައްކުރިގޮތާމެދު އަބަދު ވިސްނެނީ" ރޮވިފައި އިނދެ ލައިލާ ބުންޏެވެ. އިތުރު ހައިރާންކަމެއް އަހަރެންނަށް ލިބުނެވެ.
"ކީއްވެ އަހަރެންނާމެދު ވިސްނެންވީ" އަހަރެން އެހީމެވެ.
"ރީހާންގެ ލޯބި އަހަރެން ޤަބޫލުނުކުރީ ލޫތްއާ ގުޅެން ބޭނުންވެފައި ހުރިވަރުން، އޭނާ ކަމުދިޔަވަރުން، އޭނާ ރީތިވެފައި ސްމާޓްކަމުން، ރީހާން އަހަރެންނާ ހެދި އުޅުނުވަރު އެނގޭއިރު ވެސް އެއިން އެއްވެސް ކަމެއް އޭރު މުހިންމުނުވީ، ރީހާންގެ އެއްވެސް ކަމެއް އެނގޭކަށް އަހަރެންގެ ކުޑަ ވެސް ޝައުގުވެރިކަމެއްނެތް... މިތަނުގެ އެގްރިމެންޓުގައި ސޮއިކުރިއިރު ތަނުގެ ވެރިފަރާތުގެ ނަމަކަށް ރީހާން އޮތުމުން، ސިފަވީ ތި ސޫރަ... އެކަމަކު ހިޔެއްނުކުރަން މީގެ ދިހަ އަހަރުކުރީން އަހަރެންނަށް ލޯބި ހުށަހެޅި ރީހާންއަށް ވެދާނޭ" ލައިލާ ދައްކާ ވާހަކައެއް އަހަރެންނަށް މާބޮޑަކަށް ދޭހައެއްނުވިއެވެ. އޭނާ މަޑުކޮށްލާފައި އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.
"އަހަރެންނާ ކައިވެނިކުރިތާ ގިނަ ދުވަހެއްނުވެ ލޫތު ވަޒީފާއިން ކަނޑާލައިފި، އޮފީހުގެ ފައިސާގެ މައްސަލައެއްގައި، ބަންދުކުރާ ހިސާބަށް ކަންތައް ދިއުމުން އެ ފައިސާ އަނބުރާ ދައްކައިދިނީ އޭނާގެ ޢާއިލާ މީހުން، ލޫތުގެ ރީތިކަމަކީ ހަމައެކަނި ބޭރުފުށުގެ އޮފެއްކަން އެނގުނީ ކައިވެނީގެ ފަހުން، އޭނާގެ ޢާއިލާއާއި އަހަރެންގެ ޢާއިލާ ވެސް ތިބެނީ ލޫތު ދެކެ ނުރުހިފައި، ވަޒީފާއަކަށް ނުގޮސް އަހަރު ދުވަހު ހުރެފައި ދިޔައީ ރިސޯޓަކަށް، އެތަނުން އޭނާ ރައްޓެހިވީ ސްޕާގައި އުޅޭ ނޭޕާލު ކުއްޖަކާ، އޭރު އަހަރެން ބަނޑު ވެސް ބޮޑުވެއްޖެ، އަހަރެންނާއި ޢާއިލާގެ މީހުންނަށް ވެސް ނޭނގި އޭނާ މާލެ އައިސް އެ އަންހެންކުއްޖާއާއެކު އުޅެފައި އަނެއްކާ އެނބުރި ރިސޯޓަށް އެބަދޭ... އެކަން އެނގުނީ ޢާއިލާމީހެއްގެ ރައްޓެއްސެއް ބުނީމަ... ދަރިފުޅު އުފަންވީ ދިރިއުޅުން ހަމަނުޖެހުމެއްގައި ވަނިކޮށް، އަހަރެންގެ މަންމައާއި ބައްޕައާއި ދޮންތަ ތިބެނީ ލަންކާގައި، އަހަރެންގެ ފަރާތުގައި އަޅާލާނޭ މީހަކު ނެތް، ލޫތުގެ ދަރިއަކު ހުއްޓެއްކަމަކު އެކުއްޖާއަށް ޓަކައި އޭނާ ދެއިނގިލި ކުރިން ހިފާލައިފައި ވެލިފުކެއްހާ މިންވަރު ވެސް ނުދޭ، އެ ޢާއިލާ މީހުން އެއްޗެހި ކިޔާތީ ގެއަށް ނުވެސް ވަދޭ، އަހަރެންނާއި ދަރިފުޅުގެ ޚަރަދުތައް އެމީހުން ބަލަހައްޓަނީ، އެކަމުގެ ސަބަބުން އެމީހުންގެ ތެރޭގައި އޮތް މަސްލަހަތު ވެސް ގެއްލެމުންދިޔައީ... އަހަރެން ޝަކުވާކުރުމުން ލޫތު އެންގީ ދަރިފުޅު ގޮވައިގެން ނުކުމެގެން ދިއުމަށް، އަހަރެންނަކީ އޭނާގެ އަނތްބެއްނޫންކަމަށް... ދަރިފުޅުގެ ޚަރަދެއް ނުދެވޭނެކަމަށް، ދަރިއަކު ލިބުނީ އޭނާ އެކަމަށް ތައްޔާރުނުވަނީސްކަމަށް، އެހެންވެ އެ ޒިންމާއެއް ނުއުފުލޭނެކަމުގައި... ވަރިކުރީމަ ލޫތުގެ ޢާއިލާ ގާތުން ދުރަށް ދިޔައީ، މިހާރު އަހަރެންނާއި ދަރިފުޅުގެ ކަންކަން ބަލަހައްޓަނީ ބައްޕައާއި ދޮންތަ" ލައިލާގެ އަޑުގައިވި ތުރުތުރުން އޭނާއަށް ކޮއްފައިވާ އަސަރު އަހަރެންނަށް ރަނގަޅަށް ސާފުވިއެވެ. ހިތަށް ތަދު ވެސް ވިއެވެ. މިހާ ނިކަމެތި ހާލެއްގައި ލައިލާ އިންކަން އެނގުނީމައެވެ.
"ދެން ކީއްވެ އަހަރެންގެ މަތިން ހަނދާންވާންވީ، އަހަރެންނަށް ލައިލާ ހިތުގައި ޖެހޭފަދަ ކަމެއް ކުރެވިފައި އޮތީތަ؟" އަހަރެން އެހީމެވެ.
"އަހަރެންގެ ލޯތްބަށް އެދި ފަސްފަހަތުން ރީހާންނޫން ފިރިހެނަކު ނުހިނގާ، ހިތަށް އެރީ އެ ދުވަހު ރީހާންގެ ލޯބި ޤަބޫލުކުރެވުނުނަމަ އަހަރެންނަށް މިހާރު ޖެހިފައި މިއިން ހާލު ޖެހިދާނެބާއޭ، ނޫނީ އަހަރެން އެދޭފަދަ ހަމަޖެހޭ ދިރިއުޅުމެއް ލިބުނީސްބާއޭ... އެކަމަކު ވަގުތު ފާއިތުވެއްޖެކަން އެނގޭ... ނަމައަކުން ވާނޭ ފައިދާއެއްނެތް، އަހަރެންނަށް މަޢާފުކޮށްދީ ރީހާން، އެދުވަހު އަހަރެން ބޮޑާވެގަތީ ރީހާން ހުށަހެޅި ލޯތްބަށް ފުރަގަސްދީ އެއަށްވުރެ ފުރިހަމަ ލޯތްބެއް ހޯދުމަށް، އާޚިރުގައި ފިލާވަޅެއް ލިބުނީ އަހަރެންނަށް، ފެނުނު ފުރިހަމައަކަކީ ގިރިޓީ ކުރެވިފައިވާ ދަޅައެއްކަން އެނގުނީ މާފަހުން، ދުށް ހުވަފެން ސީދާވުމުގެ ޢަލާމަތްތައް ފެނިފައި ވެސް އެވީ ބިލާހަކަށް... ރީހާން ފެނުމުން ކުރިމަތިލާން ނުކެރުނީ އަހަރެންނަށް، އުނިކަމެއްހުރިއްޔާ ހުރީ އަހަރެންގެ، ރީހާންގެއެއްނޫން" ލައިލާ ބުންޏެވެ.
ލައިލާގެ ވާހަކަތަކަށް އަހަރެން ފުންކޮށް ވިސްނާލީމެވެ. ލައިލާއަށްފަހު އަހަރެން ދެކުއްޖަކާ ގުޅޭން އުޅެފައި ވެސް ކަމުނުގޮސްގެން ދުރުވީއެވެ. ތެދަށް ބުނަންޏާ ހިތުގައިވީ ލައިލާގެ ސޫރައާ އެއްވަރުނުވީއެވެ. އޭނާދެކެ ވެވުނު ލޯބީގެ ބާރު ގަދައީއެވެ. އެ ހަނދާންތައް ނެރެ އެއްލާލަން ކުޅަދާނަނުވީއެވެ. އޭގެ ހެކި ފޯނުގައި އަދިވެސް އެބަހުއްޓެވެ. ދަރިއަކުލިބި ލައިލާގެ ސިފައަށް ބަދަލު އައިސްފައިވީ ނަމަވެސް އަހަރެންގެ ހިތުގައި ޖަހާ ވިންދު ބަދަލެއްނުވިއެވެ. އެ ހިތުގައި ހިނގާ ޝުޢޫރުތަކަށް ބަދަލެއް ނާދެއެވެ. ލައިލާ ފެނިލުމުން ވެސް އަހަރެންގެ ޖަޒުބާތުތައް އުތުރުގަތްކަން އިޙްސާސް ކުރެވުނެވެ. މީ އަހަރެންގެ ލޯތްބަށް ތަޤްދީރު ދިން ދެވަނަ ފުރުޞަތެކެވެ.
"އަހަރެން އަދިވެސް ލައިލާ ބޭނުމޭ ބުނެފިއްޔާ" އަހަރެން ބުނެލީމެވެ. ރޮވިފައި އިން ލައިލާ ބަލާލީ ޤަބޫލުނުކުރެވިގެންނެވެ. އަހަރެން ލޯ މަރާލައި ބޯޖަހާލަމުން ލޯ ހުޅުވާލީމެވެ. ލައިލާއަށް ޔަގީންކަން ދިނުމުގެ އިޝާރާތެއްގެ ގޮތުންނެވެ.
"ރީހާން... ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ، އަހަރެންގެ ތިން އަހަރުގެ ކުއްޖަކު ވެސް އެބަހުރި، އަހަރެން މީ އޭރު ރީހާން ދުށް ފަންސަވީސް އަހަރުގެ ލައިލާއެއްނޫން... އެކަން ހިނގިފަހުން މިހާރު ދިހަ އަހަރު ފާއިތުވެއްޖެ، ދިރިއުޅުމަކީ ސަމާސާއެއްނޫން" ލައިލާ މާޔޫސްވިއެވެ.
"ތި ބަދަލުތަކާއެކު ވެސް އަހަރެން މިހުރީ ލައިލާ ބަލައިގަންނަން، މިހާ ދުވަސްވީއިރު އަހަރެންގެ ހަޔާތަށް ބައިވެރިއަކު ނާދޭ، އަހަރެންނާ ހަމައަށް ލައިލާ ގެނެސްދިނީ ތަޤުދީރު، މި އަހަރެމެން ދެމީހުންނަށް ވެސް ތަޤުދީރު ކޮށްލި އިޝާރާތެއް، ދިން ދެވަނަ ފުރުޞަތެއް... އަހަރެން ލައިލާގެ އަތުގައި ހިފުމަށްފަހު ދުލެއްނުކޮށްލާނަން، ލައިލާއާއި ލައިލާގެ ދަރިފުޅަށް ހިމާޔަތްދޭނަން، ތި ދެމައިންގެ ޒިންމާތަކުގައި އަހަރެން ހިފާނަން، ލައިލާ... އަވަސް އަރުވާލެވެނީހެން ހީވާނަމަ، މި ގުޅުމަށް ވަގުތުދޭން މިހުރީ ތައްޔާރަށް، ލައިލާ ރުހޭނަމަ" އަހަރެން އެގޮތަށް ނިންމީ އެއީ އަހަރެން އެދިއެދި ހުރި ކަމަކަށްވީމައެވެ. މިފަހަރު ލައިލާ ދެކޮޅެއް ނުހެދިއެވެ. އެހެންނަމަވެސް އޭނާ އެދުނީ އަވަސް އަރުވާލާފައި ކައިވެނި ކުރުމުގެ ބަދަލުގައި ދުވަސްކޮޅަކު މަޑުކޮށްލުމަށެވެ. އެ ނިންމުމާ އަހަރެން ރުހި ޤަބޫލުވީމެވެ. --- ނިމުނީ