ވާހަކަ

ކެހި

މ. ރަންދާގެ ހަތަރުވަނަ ފަންގިފިލާގައި ހުރި އަހަރެންގެ އެޕާޓްމެންޓުގެ ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރީމެވެ. އަތުގައި އޮތް އައިފޯނަށް އިރުއިރު ކޮޅާ ބަލާލެވެ އެވެ. އަހަރެން އިންތިޒާރު މިކުރަނީ ވަރަށް މުހިންމު ފޯނުކޯލަށެވެ. ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގަ އެވެ. ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައެވެ. އެއްތާ މަޑުން ނީނދެވިގެން ދެކޮޅަށް މި ހިނގެނީ އެހެންވެ އެވެ. މިވަގުތު އެންމެ ސިކުންތެއް ވެސް އަހަރެންނަށް އިޙުސާސް ކުރެވެމުންދިޔައީ ދިގު އެއް އަހަރު ފަދައިންނެވެ. ހަޔާތުގައި މިހާތަނަށް އަހަރެންނަށް ކުރިމަތިނުވާފަދަ ބޮޑު ކަމެއް ކުރިމަތިވެއްޖެއެވެ. އެކަމުން އަރައިގަންނާނޭ ގޮތެއް ނޭނގިގެން ހުރިހާކަމެއް މަޝްވަރާކުރީ އަޔާންއާ އެވެ. އޭނާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް މިވީ ހަތަރު މަސްތެރޭ އަހަރެންގެ ދިރިއުޅުމާ އޭނާ ދުރުކޮށްލީ އޭނާގެ ކުށެއް އޮވެގެނެއްނޫނެވެ. ކަރުތާފެން ނޭފަތުކުރިއާ ހަމައަށް އެރީމާ ދެން ހަދާނޭ ގޮތެއް ނޭނގުނީމާ ދުއްވައިގަނެވުނީ އަބަދުވެސް އަހަރެންނަށް އެހީތެރިކަން ފޯރުކޮށްދޭ އަޔާންގެ ގާތަށެވެ. އަހަރެންނަށް ހައްލެއް ހޯދައިދޭން އޭނާ މަސައްކަތް ކުރާތާ މަހެއްހާ ވަރު ވެއްޖެއެވެ. ނަތީޖާއެއް ފެންނަވަރުވުމުން އެ ޚަބަރު އޭނާ އަހަރެންނަށް ދިނެވެ. އަހަރެންނަށް ވެގެން އުޅޭ ގޮތުގެ ވާހަކަ ބަޔަކަށް ކިޔައިދޭން ޖެހޭ ކަމުގައި އަޔާން ބުންޏެވެ.

"ހެލޯ... ކީކޭ ބުނީ" ފޯނު ރިންގުވި އަޑާއެކު ކޯލު ނަގައި އަހަރެން ބުނީމެވެ.

"އެމީހުން އެ އަންނަނީ... އަހަރެން ވެސް މިދަނީ އެތަނުން އެކަކު ގޮވައިގެން ތި ގޭ ދޮށަށް" އަޔާން ބުންޏެވެ.

"ދޮރުހުޅުވާފަ ހުންނާނީ، އައިސް މި ބަޔަށް ވަދޭ" އަހަރެން އަވަހަށް ބުނެލީމެވެ.

ސިޓިންރޫމު ސޯފާގައި އިށީނދެ އިންއިރު ވެސް އަހަރެންނަށް އިނދެވުނީ އެއްފައި ތަޅުވާލަ ތަޅުވާލައެވެ. ދޭތެރެއަކުން ކޮލުގެ އެތެރެފަރާތުން ދަތްއަޅާލެވެއެވެ. ހާސްކަން ހަމައަކަށް އެޅުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ތިން މީހުން ފެނުނީމައެވެ. ފުންމައިގެން ތެދުވިގޮތަކަށް އެމީހުން އިށީނުމަށް ސޯފާތަކަށް އިޝާރާތްކޮށްލީމެވެ. އަހަރެން އިން ދިގު ސޯފާގެ އަނެއްކޮޅުގައި އިށީނީ އަޔާންނެވެ. ދެން ތިބި ދެ ޒުވާނުން އިށީނީ އަހަރެމެންނާ ކުރިމަތިވާނޭ ހެންނެވެ.

"މީ ރިއުމާން، އެއީ މާހިލް، ފުރަތަމަ ޝައިމްގެ ވާހަކަ އެ މީހުންނަށް ކިޔައިދީބަލަ... ޝައިމް ފޯނުގަ އިން ފޮޓޯ ވެސް އެ މީހުންނަށް ދައްކަބަލަ، އޭރުން އެނގޭނެ އެކަކުގެ ވާހަކަ ދެއްކެންޏާ" އަޔާން ބުންޏެވެ. އަހަރެން ފޯނުގެ ގެލެރީގައި އިން އެ އަންހެންކުއްޖާގެ ފޮޓޯ ހުޅުވާލައި ރިއުމާންއާއި މާހިލްއަށް ދައްކާލީމެވެ.

"މީ އަންޖަލް" އަހަރެން ބުނީމެވެ. އެއިން ކޮންމެ މީހަކު އަހަރެންގެ ފޯނު ނަގައި އޭގައިވާ ފޮޓޯ ކައިރިން ބެލިއެވެ.

"އަހަރެން އޭނާ ދަންނަނީ ޔޫންގެ ނަމުގަ" ރިއުމާން ބުންޏެވެ. އަދި މާހިލްއަށް ފޯނު ދިއްކޮށްލިއެވެ.

"އަހަރެން ގާތު ބުނީ މީރާއޭ ކިޔަނީ، އޭނާގެ ފޭސްބުކްއާއި އިންސްޓަރގަ ވެސް އިންނަނީ އެހެން" މާހިލް ބުންޏެވެ. އަހަރެންނަށް ނިތްކުރިއާއެކު ބޮލުގައި އަތްތިލަ ހިންގާލެވުނެވެ. ފުންނޭވާއެއް ދޫކޮށްލައި އަންޖަލްގެ ހަޤީޤަތް ކިޔައިދޭން ފެށީމެވެ.

"އަހަރެންނާ ވެސް ދިމާވީ ފޭސްބުކްއިން، ވަރަށް ފަހުގެ އެކައުންޓެއް... ހާދަފަހަކުންނޭ ފޭސްބުކްއަށް ވަނީ ބުނީމަ ބުނީ އެކައުންޓްތައް ހެކްކޮށްގެން ކުރީގެ އެކައުންޓްތައް ކްލޯސްކޮއްލިއްޔޯ، އޭނާ ރިކުއެސްޓް ފޮނުވީ، އަސްލު ކުއްޖެއްގެ ފޮޓޯތައް ހުރެފައި، ފޮޓޯތަކުން ފެންނަލެއް ރީތިވެގެން އަހަރެން ވެސް ރިކުއެސްޓް އެކްސެޕްޓް ކޮށްލީ، ޗެޓުން ވާހަކަދައްކަމުން ގޮސް އޭނާ ބުނީ ހުންނަނީ ލަންކާގައޭ، ފެމެލީ ވެސް އުޅެނީ އެކޮޅުގައޭ... އޭނާއާ ބައްދަލެއްނުވާނެތޯ އަހަން ފެށުމުން ބުނީ އަދި މަންތެއް ދޭށޯ، އޭނާ މާލެ އަންނާނަމޯ، ފޭސް ޓު ފޭސް ބައްދަލުވީމަ އަހަރެންނަށް އެނގުނު އަންޖަލް ފޭކު ޖައްސަނީއެއްނޫންކަން، އޭނާގެ އިންސްޓަރގްރާމްގަ ވެސް ބައިވަރު ފޮޓޯތައް އޮވޭ، ލަންކާގެ އެކިތަންތަނުގައި ނަގާފައި ހުރި ފޮޓޯތައް، އެހެންވެ އަހަރެން ވެސް ޤަބޫލުކުރީ އޭނާ އުޅެނީ އެކޮޅުގަ ކަމަށް، އޭނާއާ މީޓުކުރަން ފެށުމުން އަހަރެމެން ދެ މީހުން ވެސް ސިންގަލްވީމަ ރައްޓެހިވާން އެހީ އަހަރެން ފުރަތަމަ، އޭނާ މާލެ އައިގޮތަށް އެނބުރި ލަންކާއަށް ދިޔައީ އަހަރެމެން ރައްޓެހިވެގެން އުޅޭތާ ތިން މަސްވީފަހުން، އޭރު އަހަރެމެންގެ ގުޅުން ވެސް ވަރަށް ގާތްވެއްޖެ، ބައެއްފަހަރު މިކޮޅުގައި އޯވާނައިޓްކުރޭ، އެހެން އުޅެމުން އޭނާ މެރީކުރަން އެދުނީ... އަހަރެން ވެސް އެކަމާ ދެކޮޅެއްނޫން، އަންޖަލްގެ ފުށުން ގޯސްކަމެއް ނުފެނޭ، ޝީ ވޯޒް ފެއިތްފުލް... ޓްރަސްޓް ގެއްލޭވަރު އެއްވެސް ކަމެއް އޭނާ ނުކުރޭ، ކައިވެނިކުރަން ހުރިހާ ކަމެއް ހަމަޖެހުމުން އޭނާ ބުނީ އޭނާގެ ފެމެލީ ގާތަށް ގޮސް އެވާހަކަދައްކާފައި އަހަރެން ގާތު ބުނާނަން ކަމަށް، އޭނާ އަންގާލީމާ ލަންކާއަށް އަހަރެން އައުމަށް، އޭގެ ދެ ދުވަސް ފަހުން ރޭގަނޑު ގުޅާފަ ރޯންފެށީ، ބުނީ މަންމަމެންނަށް ވަރަށް ބޮޑުކަމެއް ދިމާވެއްޖެއޭ، ކުއްލިއަކަށް ފުރަންޖެހިއްޖެއޭ، އެކޮޅުގައި މަންމަމެން އަތުގައި ހުރި ލާރިކޮޅު ވަގަށް ނަގައިފިއޭ، ކޭޝްކޮށޭ ގެންގުޅެނީ... ދެން ރޮއިފަ ބުނީ އޭނާއަށް އެހީވެދޭށޭ، އަންނަ މަހުން އޭނާގެ ބޭބެއަށް ލާރި ލިބުނީމަ އަހަރެން އަތުން ނެގި ފައިސާ ޖަމާކޮށްދޭނަމޭ، ކައިވެނިކުރާ ފޯމު ވެސް ނެގިފަ އޮތީ، އެހިސާބަށް ކަންތައް ގޮސްފައި އޮތީމަ އަހަރެން އަންޖަލްއަށް އެހީވީ، އަހަރެންނަކީ ލިބޭ މީހެއްކަން އޭނާއަށް އެނގޭނެ... އަތުގައި ފައިސާ ހުރިކަން ވެސް އެނގޭ، އަހަރެން އޭނާގެ އެކައުންޓަށް ޖަމާކޮށްދިނިން ފަންސާސް ހާސް ރުފިޔާ... ބުނިން ފެމެލީ ހަމަޖެހުނީމަ އަހަރެންނަށް އަންގާލާށޭ، އޭރުން ދާނަމޭ، އަދި މަންމަމެންނަށް ބޭނުންވާވަރު ދީފައި އަހަރެމެން މެރީ ކުރަންވާއިރަށް ޝޮޕިންކޮށްލާށޭ، އަހަރެމެން ރައްޓެހިވީފަހުން އޭނާއަށް އަހަރެން ވަރަށް ގިނައިން ހަދިޔާދެން، އޭނާ އެއްޗެއް ބޭނުންވިޔަސް އަހަރެން ގާތު ބުނެލާއިރަށް ގަނެދޭން... އޭރު ނޭނގޭވިއްޔާ މިހާ މަކަރުވެރި އަންހެނެއްކަމެއް، އޭނާ ގޮވައިގެން އެއަރޕޯޓަށް ވެސް އަހަރެން ދިޔައީން، ގެއްލުނީ އެހިސާބުން... ފައިސާ ޖަމާކުރި އެކައުންޓުގެ މަޢުލޫމާތު ހޯދަން އުޅެވުނުއިރު ފައިސާ ނަގައި އެކައުންޓް ވެސް އުވާލައިފި... ވެރިފަރާތަކީ ކޮންމެވެސް ޔުމްނާއެއްކަމަށްވަނީ... އޭނާގެ ފޭސްބުކް އެކައުންޓެއް، އިންސްޓަގްރާމެއް... އެކަޗެއް ވެސް ނެތް ފެންނާކަށް... އެއީ ކާކުކަމެއް ވެސް ނޭނގޭ" އަހަރެން ކިޔައިދިނީމެވެ. މާހިލް ޖަހާލީ ހިނިގަނޑެކެވެ. ރިއުމާންގެ މޫނުން ފާޅުވީ ފޫހިކަމެވެ.

"އަހަރެންނާ އޭނާ އާ ބައްދަލުވީ މާލެއިން، ބުނީ ހަނިމާދޫ ކުއްޖެކޭ އެއީ... މާލޭ ދައްތައެއް ގާތުގައި ހުންނަނީއޭ ބުނީ، އަހަރެން ރައްޓެހިވީ 2017 ވަނަ އަހަރުގެ ފަހުކޮޅު... އޭރު އޭނާގެ އިސްތަށިގަނޑު ވަރަށް ބޮޑަށް ބުޅިކޮށްލާފައި ހުންނަނީ... މަކަރުން އަހަރެން އަތުން ތިރީސްހާސް ހިފައިގެން ކަނޑާލީ... އަތުޖެހިއްޖެއްޔާ ހޭއަރުވާލާނަން" ރިއުމާން ބުންޏެވެ.

"މާހިލް... ކަލެޔޯ..." އަހަރެން އަހާލީމެވެ.

"ހަޔާތްކުޑަ އަންހެނެއް އެއީ، މަށަށް ވެސް ކުރެވުނު މޮޔަކަމެއް އެއީ، ރަނގަޅަށް ރޯފިލައިފި... މަ ބެލި ބެލުމުން އިހަށްދުވަހު އަދި މި އެނގުނީ އޭނާ ދިމާކުރަނީ ފައިސާ ހުރި ފިރިހެނުންނާކަން، މަށާއެކު އަހަރެންގެ އެޕާޓްމެންޓުގައި ދެ ހަފްތާވަންދެން ދިރިއުޅެފަ ހުރީ، އަހަރެމެންގެ ދެމެދުގައި ނުހިނގާކަމެއްނެތް... އަހަރެން އެހާވަރަކަށް އޭނާއާ ހިތާވީ ވެސް އެހެންވެ، މަށާ ދިމާވިއިރު ހުންނަނީ ބުރުގާ ވެސް އަޅާފައޭ... ރީތި ސިފައެއް ލިބިފައި ހުރީމަ މަށަށް ވެސް ކެހި ލިބުނީ" މާހިލް ބުންޏެވެ.

"އޭނާ ވީތަނެއް އެނގޭތަ؟" އަހަރެން އެހީމެވެ.

"އެނގޭނަމަ އަހަރެން މިހެން ހުންނާނެތަ؟... އަތުނުޖެހިގެން މިހުންނަނީ، ދޫލަނޑެއް ނުދޭނަން، މިހާރު ވެސް ނޭނގެ ފިރިހެނަކު ވާވައްދާލުމުގައި ނޫންކަމެއް އުޅޭނީ، އޭނާ ކޮންމެ ފިރިހެނަކާ ބައްދަލުކުރަނީ މުޅިން އާ ނަމެއްގައި، ސިފައާއި ސްޓައިލް ވެސް މުޅިން ބަދަލުކޮށްލައިގެން... ދެރައީ އެގޮލާގެ އައިޑީކާޑު ކަހަލަ އެއްޗެއް ބަލާނުލެވުނީމަ... އުޅޭ އެޑްރެހެއް ވެސް އަހާނުލެވުނު، އެހާވަރަށް ދޮގު ހަދައި އޮޅުވާލެއޭ ކާކު ހިތަށް އަރާނީ ވެސް" ރިއުމާން ބުންޏެވެ.

"ޙީލަތްތެރި އަންހެނެއް، މިވަރުކަމެއް ދުވަހަކުވެސް ނުދެކެން... އޭނާ ބަލާލާފައި ހީވޭތަ އަޅެ އެހެންވެދާނޭ، ވާހަކަދެއްކުން ވެސް އެހާ އޮމާން، ލޯބިވެގެން ހީވަނީ ހަލާކުވެދާނޭހެން އުޅޭއިރު" އަހަރެންނަށް ބުނެލެވުނެވެ.

މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ލޯބީގެ ދަލުގައި ޖައްސާ ކެހިދެނީ ހަމައެކަނި ފިރިހެނުންނެއް ނޫނެވެ. އަންހެނުންގެ ދަލުގައި ޖެހޭ ފިރިހެނުން ވެސް މަދެއްނޫނެވެ. މީހާ ދޮވެލައިގެން އިނދަޖައްސާލާފައި ދާ އަންހެނުން ވެސް އެބައުޅެއެވެ. ދުނިޔެ ތަރައްޤީވެ މިހާރު ކޮންމެ މީހެއްގެ އަތުގައި ވެސް ފޯނެއް އޮވެއެވެ. އިންޓަނެޓް ވަނީ އާންމުވެފައެވެ. އެ އިންޓަނެޓްގެ ޒަރިއްޔާއިން ސޯޝަލް މީޑިއާތަކުގައި ހަރަކާތްތެރިވާ ދެ ޖިންސުގެ ޒުވާނުން ވެސް ވަނީ އިތުރެވެ. ބަދަލުކުރެވޭ މުއާމަލާތްތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓިފައި ނުހުރެއެވެ. އެފަދަ ކަންކަމަށް ސަމާލުވާން ޖެހޭނީ ތިމާ އަމިއްލައަށެވެ. އަބުރު ރައްކާތެރިކުރަންވާވަރަށް ކުރެވޭނަމަ މިފަދަ ކެހިތަކުން ސަލާމަތްވެވިދާނެއެވެ. --- ނިމުނީ