ކިތަންމެ ވަރަކަށް ސަލާމަތްވާން އުޅުނަސް އަންނައުނު ދޮވުމުން ސަލާމަތެއް ނުވެވޭނެ އެވެ. ހަފުތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. މިޒަމާނުގައި އަންނައުނު ދޮވެ އިސްތިރިކުރުމުގައި ވަރަށް ގިނަ ފަސޭހަތައް ހުއްޓަސް ވަރަށް ގިނަ މީހުންނަށް އެއްޗެހި ދޮވުމަކީ އެހާ ކުރާ ހިތުން ކުރާ ކަމަކަށް ނުވެ އެވެ.
އެއްޗެހި ދޮވުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ވަރަށް ގިނަ އެވެ. އޭގެން ހަތް ކަމެއް މިތާގައި ފާހަގަކޮށްލަމެވެ.
އެއް ދުވަހުން ދޮންނަން ހުރިހާ އެއްޗެތި ފުންޏަކަށް ބެހެއްޓުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ހަފުތާގެ ކޮންމެވެސް އެއް ދުވަހެއް އެއީ އެއްޗެހި ދޮންނަ ދުވަހަށް ހަދާ އެ ދުވަހު ހަތަރުދަމު އެކަމުގައި އުޅުމެވެ. އޮންލައިންކޮށް މި ސުވާލު ކުރުމުން ޖަވާބު ދިން މީހުންގެ ތެރެއިން ކޮންމެ 100 މީހަކުން 90 މީހަކު ބުނެފައިވަނީ އެމީހުން އެއްޗެހި ދޮންނަނީ ހަފުތާ ބަންދު ދެ ދުވަހުން އެއް ދުވަހު ކަމަށެވެ. ނަމަވެސް އެއްޗެހި ދޮންނަ ދުވަހު ހަތަރުދަމު އެކަމުގައި އުޅެން ޖެހުމަކީ އުނދަގޫ ކަމެއް ނޫން ހެއްޔެވެ؟
ދެވަނަ ކަމަކީ އެއްޗެހި ދޮވުމަށްފަހު ދޮންނަމެޝިން ސާފު ކުރުމެވެ. ދޮންނަ އެއްޗެތީގައި ނުވަތަ މެޝިނުގައި ތަތްމުޑުވަސް ކަހަލަ ވަހެއް ހުރެއްޖެނަމަ އޭގެ މާނައަކީ މެޝިން ހުރީ ހަޑިވެފަ އެވެ. ނަމަވެސް މިކަމެއް ގިނަ މީހުންނަކަށް ނޭނގެ އެވެ. ސުވާލުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ބުނެފައިވަނީ ދޮންނަ މެޝިން ސާފުކުރަން ޖެހޭކަން އެމީހުންނަށް ނޭނގޭ ކަމަށެވެ. މެޝިނުން އަބަދު އެއްޗެހި ދޮންނައިރު އިތުރަށް މެޝިން ދޮންނަން ޖެހޭ ކަމަށް އެމީހުންނަކަށް ގަބޫލެއް ނުކުރެވެ އެވެ.
މާގިނައިން ނުވަތަ މަދުން ޑިޓަޖެންޓް ބޭނުންކުރުމަކީ ވެސް އެއްޗެތި ދޮންނައިރު ބައެއް މީހުންނަށް ކުރެވޭ ކަމެކެވެ. އަދި މިއީ ޒަމާނުއްސުރެ އެއްޗެހި ދޮންނަ މީހުންނަށް ވެސް މިއަދާ ހަމައަށްވެސް ކަނޑައެޅިގެން މިވެނި ވަރެކޭ ބުނަން ނޭނގޭ ކަމެކެވެ. ކޮންމެ މީހަކުވެސް އެއްޗެހިތައް މެޝިނަށް އަޅާފައި އެމީހަކު ހިތަށް އެރި ވަރަކަށް ޑިޓަޖެންޓް އަޅަނީ އެވެ.
ދޮންނަ އެއްޗެތި ސެނިޓައިޒް ކުރުމަކީވެސް ވަރަށް މަދު މީހަކު ނޫނީ ކުރާ ކަމެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިން ބުނާ ގޮތުގައި ދޮންނަ އެއްޗެހި ސެނިޓައިޒްކުރުން މުހިއްމެވެ. އޭގައި ޖަރާސީމު ފަދަ އެއްޗެއް ހުރި ނަމަވެސް ނައްތާލެވޭނީ އޭރުންނެވެ. މިކަމަށްޓަކައި ހާއްސަ ލޯންޑްރީ ސެނިޓައިޒާ މިހާރު ހުރެ އެވެ.
ފަސްވަނަ ކަމަކީ ދޮންނަ އެއްޗެހި އެތައް އިރެއް ވަންދެން ނުނަގާ މެޝިންގައި ބެހެއްޓުމެވެ. ބައެއް ފަހަރަށް އަހަރުމެން މެޝިނަށް އެއްޗެތި އަޅައި ދޮންނަން ޖެއްސުމަށްފަހު އެކަން ހަނދާން ނެތިގެން ބޭރަށް ގޮސް އެތައް އިރަކު އުޅެފައި އަންނަމު އެވެ. ނުވަތަ ގޭގައި އުޅުނަސް މެޝިން އަށް އެއްޗެތި އެޅިކަން ހަނދާން ނެތި ނުނަގާ ބަހައްޓަމު އެވެ. މިގޮތަށް ދޮވެ ނިމޭފަހުން ގިނައިރު މެޝިންގައި އަންނައުނު ބެހެއްޓުމަކީ އޭގައި ޖަރާސީމު އަށަގަންނާނެ ކަމެކެވެ. މެޝިން ހުޅުވާލާފައި ވަސް ބަލާލުމުން އަންނައުނުން ތަތްމޫޑު ފާޑުގެ ވަހެއް ދުވާނަމަ އެ އެއްޗެތި ޖެހޭނީ އަލުން ދޮންނާށެވެ.
އެއްޗެތި ދޮންނަން އަޅާއިރު ހެދޭ ވަރަށް ބޮޑު ގޯހެއް އޮވެ އެވެ. ކުލަ ވަކިނުކޮށް ހުރިހާ ކުލައެއްގެ އެއްޗެތި އެއްކޮށް މެޝިނަށް އަޅައިގެން ދޮވުމެވެ. މީގައި އެންމެ ރަނގަޅު ގޮތަކީ ހުދު އެއްޗެތި ވަކިން އަދި ކަޅު އެއްޗެތި ވަކިން ދޮވުމެވެ. ކުލަ ވަކިކޮށްގެން ދޮންނަނަމަ އަންނައުނުގެ ސާފުކަން އިތުރުވާނެ އެވެ.
އެއްޗެތި ދޮންނަން އަޅާއިރު އަންނައުނު ނުބައިފުށަށް ޖަހަން ހެއްޔެވެ؟ ހަގީގަތުގައި އަންނައުނު ދޮވުމުގެ ކުރިން ނުބައިފުށަށް ޖަހަން ޖެހޭނެ އެވެ. ސަބަބަކީ ކޮންމެ މީހަކު ލާ އަންނައުނެއްގެ ވެސް އެންމެ ގިނަ ކިލައާއި ޖަރާސީމު ހުންނާނީ އޭގައި އެތެރެ ފުށުގަ އެވެ. އެއީ ދާކަމަށް ވިޔަސް ހަށިގަނޑުގައި ހުންނަ މިލަ ކަމަށް ވިޔަސް ހޭކިފައި ހުންނާނީ އެތެރެ ފުށުގަ އެވެ. އެހެންކަމުން އަންނައުނު ދޮންނަން އެޅުމުގެ ކުރިން އެތެރެފުށް ބޭރަށް ޖެހުން ރަނގަޅެވެ.