ސިވިލް ކޯޓް

ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒްގެ މައްޗަށް ހުކުމެއް

Dec 31, 2024

ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނަގާފައިވާ ކްރެޑިޓް ކާޑަކަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް އިތުރު ހުކުމެއް ކޮށްފި އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި ޝިމާޒް، ކްރެޑިޓް ކާޑަށް ފައިސާ ނުދައްކައިގެން އެންމެ ފުރަތަމަ ހުކުމް ކުރީ 2020 ވަނަ އަހަރު އެވެ. އޭރު ޝިމާޒްގެ މައްޗަށް ހުކުމް ކުރީ ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސްގެ ގޯލްޑް ކާޑަކަށް ފައިސާ ނުދައްކައިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

އެންމެ ފުރަތަމަ އެ ހުކުމް ކުރިއިރު ޝިމާޒް ދައްކަން ޖެހެނީ ބައިލައްކަ ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ. އެކަމަކު އެ ފައިސާ ނުދައްކައި އޮތުމުން އިންޓަރެސްޓާއެކު މިހާރު ވަނީ އެ އަދަދު ދެލައްކަ ރުފިޔާއަށް ވުރެ މައްޗަށް އަރާފަ އެވެ.

ސިވިލް ކޯޓުން މި ހަފްތާގައި ކުރި، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ބޭންކުން ވަނީ އެ ފައިސާ ދެއްކުމަށް ޝިމާޒަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދީފަ އެވެ. މި ހަފްތާގައި ޝިމާޒްގެ މައްޗަށް ހުކުމްކޮށްފައިވަނީ އަހަރެއްގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ޝިމާޒަށް ކޮރަޕްޝަންގެ ތުހުމަތުވެސް ކުރެވުނެވެ. އެގޮތުން ގަވައިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުން ފަދަ އަމަލުތަކެއްގެ ތުހުމަތާ އެކު އެމްޑީޕީގެ ސަރުކާރުގައި ފަހުން އޭނާ ބަދަލުކުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށެވެ. ކުރިން ނޫސްވެރިކަންވެސް ކުރެއްވި ޝިމާޒު ވަނީ އޭނާގެ މައްޗަށް އޭރު ކުރެވުނު ތުހުމަތު ދޮގުކުރައްވާފަ އެވެ.