މިފްކޯ

މިފްކޯގެ 20 މިލިއަން ރުފިޔާގެ މައްސަލަ ހައިކޯޓުން ހުއްޓުވައިފި

މިފްކޯއާއި އަމިއްލަ ވިޔަފާރި ކުންފުންޏަކާ ދެމެދު ހެދި އެއްބަސްވުމާ މިފްކޯއިން ހިލާފުވި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ ހުކުމް އެގޮތުގައި ދަމަހައްޓަން ސިވިލް ކޯޓުން ނިންމާފައި ވަނިކޮށް، ހައިކޯޓުން އެ ހުކުމް ތަންފީޒު ކުރުން ހުއްޓުވައިފި އެވެ.

އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓަށް ޖަވާބުދާރީވުމަށް މިފްކޯއިން ހާޒިރުނުވުމާ ގުޅިގެން އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމްކުރީ ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު އެވެ.

މިފްކޯ އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި މިފްކޯއަށް އަންގާފައިވަނީ 14 ދުވަހުގެ ތެރޭގައި 20.5 މިލިއަން ރުފިޔާ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސްއަށް ދެއްކުމަށެވެ.

ޣައިރު ހާޒިރުގައި ކުރެވޭ ހުކުމްތައް މުރާޖައާ ކުރުމަށް ކޯޓުގައި އެދުމަށް އޮންނަ އުސޫލުގެ ދަށުން މިފްކޯއިން އެ ނިންމުން މުރާޖައާކޮށްދޭން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ހުކުމް ސިވިލް ކޯޓުން ދެމެހެއްޓީ އެވެ.

އެހެންކަމުން އެ މައްސަލަ ހިފައިގެން މިފްކޯއިން ދެން ދިޔައީ ހައިކޯޓަށެވެ. ހައިކޯޓުން ވަނީ އެ ކޯޓުން އެ މައްސަލަ ނިންމަންދެން އެ ހުކުމް ތަންފީޒު ކުރުން ހުއްޓުވާފަ އެވެ.

ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް ހައިކޯޓުގެ މައްސަލަ ބަލައި ތިން ފަނޑިޔާރުންގެ އަމުރެއް މިއަދު އިއްވި އެވެ.