ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުނުކުރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމި ނިންމުން އެ އިދާރާ އިން ގަބޫލުކުރަން ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ފިލިޕީންސްގެ ކޮލެޖެއް ކަމަށްވާ އެލްޑާސްގޭޓްގެ ޕީއެޗްޑީ ޕްރޮގްރާމެއްގައި ދިވެހި ދަރިވަރުންތަކެއް 2016 ވަނަ އަހަރު ކިޔަވް ފެށީ އެ ކޯސް އެމްކިއުއޭ އިން ގަބޫލުކުރާކަން އެންގުމުންނެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ތެރޭގައި އެމްކިއުއޭ އިން ފަހުން ވަނީ އެ ކޯސް ބަލައިނުގަތުމަށް ނިންމާފަ އެވެ. އެކަމަކު އޭރު ކިޔަވަމުން ދިޔަ ދަރިވަރުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރާނެ ކަމަށްވެސް އެންގި އެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ކޯސް ނިންމުމަށްފަހު ސެޓްފިކެޓް ވެލިޑޭޓް ކުރަން ދަރިވަރުން ހުށަހެޅުމުން ޕީއެޗްޑީ ސެޓްފިކެޓް ބަލައި ނުގަންނަން އެމްކިއުއޭ އިން ނިންމި އެވެ. އެމްކިއުއޭއިން ބުނާ ގޮތުގައި 2016 ވަނަ އަހަރު އެ ކޯސް ގަބޫލުކުރާކަން އެމްކިއުއޭ އިން އޭރު އެންގީ ބަލަންޖެހޭ މިންވަރަށް ކަންކަން ނުބަލަ އެވެ.
މި މައްސަލަ ތިން މީހެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުމަށްފަހު ކޮށްފަައިވާ ހުކުމުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލުކުރުމުގެ އުސޫލުތައް އޮންނަ ގޮތުން އެ ކޯހުގެ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާ ނަގަން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
އެ މައްސަލަ މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި ތިން މީހުންގެ ތެރެއިން އެކަކު ވަނީ ލިބުނު ގެއްލުމުގެ ބަދަލުގައި 23 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދިފަ އެވެ. އަދި ބާކީ ދެމީހުން ވަނީ ކޮންމެ މީހަކަށް 16 މިލިއަން ރުފިޔާގެ ބަދަލެއް ހޯދައިދިނުމަށް އެދިފަ އެވެ. ނަމަވެސް އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުކޮށްދެވިފައި ނުވާތީ ބަދަލުގެ ގޮތުގައި އެ އަދަދަށް ފައިސާ ނަގައި ދެވެން ނެތް ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމްގައި ކަނޑައެޅި އެވެ.
ދައުވާ ކުރި މީހުންގެ ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ މަހު ހުކުމްކޮށްފައިވަނީ އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ އެމްކިއުއޭ އިން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މިދިޔަ ހަފުތާގަ އެވެ. ސުޕްރީމް ކޯޓުން އަދި އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.