މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ހައިކޯޓުގައި ޗެލެންޖު ނުކޮށް އެމްކިއުއޭއިން ބޭނުންވީ ސުޕްރީމް ކޯޓަށް މައްސަލަ ގެންދަން

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ -- އެމްކިއުއޭ އިން ގަބޫލުނުކުރި ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން އެމްކިއުއޭއަށް އެންގި އެންގުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން އެމްކިއުއޭ އިން ނިންމައިފި އެވެ.

އެމްކިއުއޭ އިން ގަބޫލު ނުކުރަން ނިންމާފައިވަނިކޮށް، އެ ނިންމުން ބަދަލުކޮށް ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ޖެހޭނެ ކަމަށް ހައިކޯޓުން ހުކުމް ކުރީ، އަންގާރަ ދުވަހު އެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާކަން، އެމްކިއުއޭއިން ހާމަ ކުރީ މިއަދު އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްކިއުއޭއިން ނިންމިއިރު، ހައިކޯޓުގައި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމުގެ ބަދަލުގައި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާންކޮށް، އެމްކިއުއޭއިން އެދިފައިވަނީ މި މައްސަލައާ ގުޅިގެން ޝަރީއަތަށް ފެންނަ އަދުލުވެރި ގޮތަކަށް މައްސަލަ ނިންމައިދިނުމަށެވެ.

މިއީ ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާ ކޮލެޖަކުން ޕީއެޗްޑީ ކޯހުގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އަންގައި އެކަމަކު ޖެނުއަރީ، 2018 އިން ފެށިގެން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން އެމްކިއުއޭއިން ނިންމި މައްސަލަ އެވެ. 2021 ވަނަ އަހަރު އެ ސެޓްފިކެޓް ވެލިޑޭޓްކުރަން އެމްކިއުއޭއިން ދެކޮޅު ހެދި އެވެ.

އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ކުރިން ހިނގާފައިވާ ކަންކަމަށް ފަހުން އަންނަ ގާނޫނުތަކާއި އުސޫލުތައް އާންމު އުސޫލުން ނުހިންގޭނެ ކަމަށެވެ.

އެހެންވެ، އެ މީހުން ކިޔެވުން ފުރިހަމަކުރި ފަހުން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށް އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ނުކުރަން އެމްކިއުއޫއަށް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަމަށް ދައުލަތުން ކޯޓުގައި ވެސް އެއްބަސްވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.