ކ. ކާށިދޫގައި މަސައްކަތް ކުރަމުން ދިޔަ ފުލުހެއް ކަމަށްވާ އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް ވަޅިން ހަމަލާދީ އޭނާ މަރާލި މައްސަލަ، އަލުން ބަލަން ސުޕްރީމް ކޯޓުން ކުރި އަމުރާއެކު އެ މައްސަލަ އަލުން ބަލަން ފަށަން ތާވަލުކޮށްފި އެވެ.
އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ކ. ކާށިދޫ ސުވާސާގެ މުހައްމަދު ސަމާހްގެ މައްޗަށެވެ. އާދަމް ހަލީމަށް ހަމަލާދީ އޭނާ މަރާލާފައިވަނީ މީގެ 12 އަހަރު ކުރިން ޖުލައި 23، 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިމައްސަލައިގައި ކ. ކާށިދޫ، ސުވާސާގެ، މުހައްމަދު ސަމާހްގެ މައްޗަށް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ސަމާހުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖެނުއަރީ 14، 2013 ގައެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ތާއީދުކުރީ ސެޕްޓެމްބަރު 30، 2020 ގައެވެ. އެ ދެ ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން އެންގީ އަލުން އެ މައްސަލަ ބަލާށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މީހަކު މެރި މީހަކު ކުށަށް އެއްބަސްވި ނަމަވެސް ޝަރީއަތުން އެ މައްސަލައިގައި ނިންމުމެއް ނިންމަންވާނީ ދައުވާ ލިބޭ މީހާގެ ވާހަކަތައްވެސް އަޑުއެހުމަށްފަހު ޝައްކެއް ނެތް މިންވަރަށް ކަންކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. ކީރިތި ރަސޫލާ ވެސް އެގޮތަށް އަމަލުކުރެއްވީ އެގޮތަށް ކަމަށް ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ ހަމަލާދިން ކަމަށް ސަމާހް އެއްބަސްވި ނަމަވެސް އެއީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ދީފައިވާ ހަމަލާއެއް ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
"އޭނާގެ މައްޗަށް ޕްރޮސެކިއުޝަނުން ދައުވާކޮށްފައިވާ ކުށް، ގަސްދު މަރުގެ ކުށަށް އެ ބަޔާނުގައި އިންކާރު ކޮށްފައިވޭ،" ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ސަމާހް ކުށަށް އިއުތިރާފްވުމާ އެކު ފުލުހުން އޭނާއާ ދެކޮޅަށް ހެކި ހޯދަން މަސައްކަތް ކޮށްފައެއް ނުވެ އެވެ. އަދި ކުށަށް އިއުތިރާފްވުމަށްފަހު އޭނާ ފަހުން އެ އިއުތިރާފް އަނބުރާ ގެންދިޔައިރު ހެއްކެއް ނެތި އިއުތިރާފްގެ ބަޔާން ބައިބައިކޮށްގެން ކުށް ސާބިތު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސަމާހް ކުށަށް އެއްބަސްވީ ބިރު ދައްކައިގެން ކަމަށް އޭނާ ބުނާތީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކުރުމަށް މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް އިއްތިފާގުވެވޭ ކަމަށްވެސް ހުކުމްގައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
އާދަމް ހަލީމު މަރުގެ ހުލާސާ
އާދަމް ހަލީމަށް ހަމަލާދީ އޭނާ މަރާލާފައިވަނީ ޖުލައި 23، 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހަލީމް މަރާލި މައްސަލާގައި ސަމާހު މަރަން ކުރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރު އެވެ. އެ ހުކުމް ސަމާހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ. އެކަމަކު އެއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމަކަށް ވާސިލްވުމަށްޓަކައި ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ އެވެ.
އާދަމް ހަލީމް މަރާލިކަން ސަމާހްގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މިމައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ސަމާހު ވަނީ އާދަމް ހަލީމް މަރާލި ގޮތް ތަފްސީލުކޮށް ކިޔައިދީ ކުށަށް އިއުތިރާފްވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން ބިރުދައްކައި މަޖުބޫރު ކުރުމުން ކަމަށް ބުނެފަ އެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ސަމާހު، ދަށު ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީގައި އާދަމް ހަލީމަށް ހަމަލާދީ މަރާލާފައިވާ ކަމަށް އިއުތިރާފްވުމަށް ފަހު، ފަހުން އެކަމަށް އިންކާރުކޮށް އަދި ކުރިން އެކަމަށް އެއްބަސްވީ މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަމަށް އޭނާ ބުންޏަސް، އެފަދައިން ބުނާ ބުނުމަށް ބާރުދޭ ހަރުދަނާ ކަންތައްތަކެއް އޭނާއަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމް ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި ވާރިސުންގެ ބަސް ކުރިމިނަލް ކޯޓުން ނަގާފައިވާއިރު ހުރިހާ ވާރިސުންވެސް އެދިފައިވަނީ މަރަށް މަރު ހިފާށެވެ.
އާދަމް ހަލީމަށް ސަމާހު ވަޅިއަކުން ހަމަލާ ދިނީ ކުށެއްގައި ސަމާހް ގޭބަންދަށް ބަދަލުކޮށްފައި ހުއްޓައި ސަމާހު ރަށުތެރޭގައި އުޅެނިކޮށް ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅުމުންނެވެ.