އަހުމަދު މޫސާ މުހައްމަދު

އަންމަޓީ ފުރުން ހުއްޓުވަން ދައުލަތުން ސުޕްރީމް ކޯޓަށް

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)ގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ސަސްޕެންޑްކޮށް އޭނާ ފުރަން ދަށު ކޯޓުން ދިން ހުއްދައަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން މާޗް 16، 2022 ގައި އަމުރު ނެރުނީ އޭނާ ފުރައިގެން ހިނގައިދާނެ ކަމަށް ފެންނާތީ އެވެ.

އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ މި އަމުރު ބާތިލްކޮށް ފުރަން ހުއްދަ ދިނުމަށް އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން މިމަހުގެ ހަވަނަ ދުވަހު ނިންމީ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލްކުރުމުގެ ބަދަލުގައި ވަގުތީ ގޮތުން އެ އަމުރު ސަސްޕެންޑް ކުރުމަށެވެ. އެގޮތުން އަމުރު ސަސްޕެންޑްކޮށް އަންމަޓީ ފުރަން ޕާސްޕޯޓް ދޫކުރުމަށް ހުއްދަ ދީފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ނިޔަލަށެވެ.

އަންމަޓީ ފުރަން ދަށު ކޯޓުން ހުއްދަ ދިނުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައިވެސް އިސްތިއުނާފް ކުރި އެވެ. ހައިކޯޓުން މިމައްސަލަ އިއްޔެ ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ޝަނީޒްގެ އަގުލަބިއްޔަތު ރައުޔަށެވެ. އެ ނިންމުމުގައި ވަނީ ދަށު ކޯޓުގެ އަމުރު ހައިކޯޓުން ބާތިލްކޮށްދޭންޖެހޭ އިސްތިސްނާ ހާލަތެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އަންމަޓީ ފުރަން ހުއްދަ ދިނުމަށް ދަށު ކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށް ހައިކޯޓުން ކަނޑައަޅާފައިވެ އެވެ.

އަންމަޓީ ފުރަން ދަށު ކޯޓުން ހުއްދަދީ ހައިކޯޓުން އެ ހުއްދައަށް ތާއީދުކުރި ނަމަވެސް އަންމަޓީ ފުރަން ދަށު ކޯޓުން ހުއްދަ ދިން މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެހެންވެ އަންމަޓީ ވަނީ އޭނާ ފުރަން ހުއްދަދީ ކުރިން ނެރުނު އަމުރު އަލުން މުރާޖައާކޮށް އޭނާއަށް ފުރަން ހުއްދަ ދިނުމުގެ އަމުރެއް އަލުން ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު 1:00 ޖަހާއިރު އަޑުއެހުމެއް ބޭއްވުމަށްވެސް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

ނަމަވެސް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި ގޮތެއް ނިންމަންދެން އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދިއުމަށް މިއަދު އެދިފަ އެވެ.

އަންމަޓީ ރާއްޖެއިން ބޭރަށް ދިއުމަށް ކޯޓުގެ ހުއްދައަށް އެދި ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދީފައިވާ ލިޔުމާ އެކު އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ. އަންމަޓީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.