ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ނިންމީ ރަގަޅަށް ނޫން ކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އިއްޔެ ވަނީ މައްސަލައިގެ ހުކުމް އިއްވާފަ އެވެ. އެގޮތުން އެ ކޯޓުން ނިންމީ މި މައްސަލަ އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ މި މައްސަލަ ދައުލަތުން އެ ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ވަގުތު ފާއިތުވުމުން ކަމަށެވެ. ކޯޓު އަމުރެއް އިސްތިއުނާފްކުރަން ލިބެނީ 48 ގަޑިއިރެވެ.
ހުކުމުގައި ބުނީ، ދުވަސް ގުނާއިރު އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ގުނަން ނުޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ވަގުތު ގުނާނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ވަގުތު ގުނަން ޖެހޭނީ އެކަމެއް ހިނގާ ވަގުތުން ފެށެގެން ނިމޭ ވަގުތަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލީ މިދިޔަ މަހުގެ 20 ވަނަ ދުވަހަށްވާއިރު، އެ ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ 48 ގަޑިއިރު ފާއިތުވި ފަހުން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގައި ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށެވެ.
ޝަމީމް ވިދާޅުވީ އެހެންކަމުން މައްސަލަ އިސްތިއުނާފްކޮށްފައި ވާނީ ސުޕްރީމް ކޯޓުގެ މި ގަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި ކަމަށެވެ.
"މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫން. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބަ އޮތް. އެއީ ދުވަހުންކަމަށް ވިޔަސް، ގަޑިއިރުން ކަމަށް ވިޔަސް، އިސްތިއުނާފާގުޅޭ ކަންކަމުގައި މުއްދަތު ގުނާނީ ކުރިން ދެންނެވި ގަވާއިދުގައި އޮތް ގޮތަށް، ދަށު ކޯޓުން ނިންމި ދުވަހާއި، އިސްތިއުނާފުގެ މުއްދަތު ހަމަވާ ދުވަހާ ނުލާ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވެފައި ވަނީ ވަގުތު ގުނުމުގައި މީގެ ކުރިން އަމަލުކުރަމުން އައީ ވެސް އެ އުސޫލަށް ކަމަށެވެ. ހައިކޯޓުން މައްސަލަ ބެއްލި ފަނޑިޔާރުން ވެސް އެ އުސޫލަށް އަމަލުކުރާ ކަމަށް ފާހަގަކުރައްވާފައިވެ އެވެ. އަދި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް މި އުސޫލުގެ ދަށުން މައްސަލަތައް ނިންމައި ހުކުމް ކޮށްފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން މިއަދު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.
މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.
ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލާފައި ވަނީ ތިން ވަނަ ފަހަރަށެވެ. ފުރަތަމަ ފަހަރު ޝަރުތުތަކަކާއެކީ އަދި ދެވަނަ ފަހަރު ދޫކޮށްލީ ދެ މީހުން ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކީ އެވެ. ކުރީ ދެ ފަހަރު ހައިކޯޓުގައި މައްސަލަ އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް ކްރިމިނަލް ކޯޓުގައި ވަނީ އިންކާރުކޮށްފަ އެވެ.