ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ދެ ކޯޓުން ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުން ކާމިޔާބު

ނުކުޅެދުންތެރިކަަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ކްރިމިނަލް ކޯޓާއި ހައިކޯޓުން ބޭރު ކޮށްލި މައްސަލަ ސުޕްރީމް ކޯޓްގައި އިލްތިމާސް ކުރުމުން އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިންމައިފި އެވެ.

މި މައްސަލައަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެކެވެ. އެމީހާއަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެކެވެ. އެ މީހާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. ސަބަބެއް ކަަމަށް ބުނީ މައްސަލާގައި އަނިޔާ ލިބުނު މީހަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދޭ ލިޔުމެއް ހުށައަޅާފައި ނެތުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ވަނީ އެ ނިންމުން ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓްގެ ތިން ފަނޑިޔާރުން ބެލި މައްސަލާގައި ކްރިމިނަލް ކޯޓްގެ ނިންމުމަށް ތާއީދުކުރި އެވެ.

އެކަމާއި ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ކުރިން ވިދާޅުވީ މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔައީ ދެ ކޯޓުން ވެސް އެ މައްސަލާގައި ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. އަދި މައްސަލާގައި އަނިޔާ ލިބުނު މީހަކީ ނަފްސާނީ ނުކުޅެދުންތެރި ކަމެއް ހުންނަ މީހެއްކަން ސާބިތުކޮށް ދޭން ހައިކޯޓް މަރުހަލާގައި ދައުލަތުން ހުށައެޅި ލިޔުމާއި ގުޅޭގޮތުން ސުވާލެއް، ދެބަސްވުމެއް އޮތް ނަމަވެސް މިފަދަ މައްސަލަތަކަށް ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ކަމަށެވެ. އަދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެފަދަ ކަންކަމުގައި ގޮތް ދޫ ނުކުރާނެ ކަަމަށެވެ.

މިއަދު ސުޕްރީމް ކޯޓުން ވަނީ ދައުލަތުން ހުށަހެޅި ލިޔުމަކީ ރަނގަޅު ލިޔުމެއް ކަމަށް ނިންމާ ބަލައިގަންނަންޖެހޭ ލިޔުމެއް ކަމަށް ކަނޑައަޅުއްވާފައެވެ.

އެކަމާއި ގުޅިގެން ޝަމީމް މިރޭ ވިދާޅުވީ ސުޕްރީމް ކޯޓްގެ ނިންމުމާއެކު އަލުން އެމައްސަލަ ދަށު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ގޮތް ދޫނުކޮށް ކުރިއަށް ގެންގޮސް މައްސަލަ ސުޕްރީމް ކޯޓުގައި ކާމިޔާބު ކޮށްފިން. ދައުލަތުން ހުށަހެޅި ލިޔުމަކީ ރަނގަޅު ލިޔުމެއްކަމާއި ބަލައިގަންނަންޖެހޭ ލިޔުމެއް ކަމަށް ކޯޓުން ކަނޑައެޅުއްވި. މިހާރު އަލުން އެމައްސަލަ ދަށު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް އެބަ ކުރަން،" ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.