މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ މީހެއްގެ މައްސަލަ ނިންމި ގޮތާމެދު ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކަންބޮޑުވުން ފާޅުުކުރައްވައިފި އެވެ. މީގެ ކުރީންވެސް ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތަކާމެދު ޝަމީމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެފަދަ ކަމާއި ގުޅިގެން މަތީ ކޯޓުގެ ހުކުމެއްގައި އެކަން ފާހަގަކޮށް ޕީޖީގެ އަމަލު ކުށްވެރިވެސްކޮށްފައިވެއެވެ.
ޖޭއެސްސީގައި ގިނަ މައްސަލަތަކެއް އޮތް ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހަސަން ސައީދު މިފަހަރު ނިންމެވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ގއ. ދާންދޫ / މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްސަލާގައި އޭނާގެ ގެ އާއި އޭނާ ގެންގުޅޭ ބައެއް ތަކެތި ފުލުހުން ފާސްކުރިކުރުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް އޭނާއަށް ދީފައިނުވާތީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމަކުން އިބްރާހިމް މުހައްމަދު ސަލާމަތްވި ހުކުމް އިއްވަމުން ފަނޑިޔާރު ހަސަން ސައީދު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އިބްރާހިމް މުހައްމަދުގެ ގެ އާއި އޭނާ ގެންގުޅޭ ބައެއް ތަކެތި ފުލުހުން ފާސްކުރިކުރުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް ދީފައިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމެއް ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
އެ ނިންމުމާއި ގުޅޭގޮތުން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއާތުގައި ހުންނަނީ ރަނގަޅުކުރެވޭ ކަންކަމާއި ރަނގަޅު ނުކުރެވޭ ކަންކަން ކަމަށެވެ. އަދި މުޅި މައްސަލައިގެ މައުލޫއަށް އަސަރު ނުކުރާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކުރީން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް އެ އިޝާރާތް ކުރައްވަނީ މަސްތުވާތަކެތި ފެނުނުކަމާމެދު މި މައްސަލާގައި ސުވާލެއް ނެތް ނެތުމަށެވެ.
"ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރާނަން،" ޝަމީމް ވިދާޅުވިއެވެ.
ފުލުހުން ބުނީ އިބްރާހިމް މުހައްމަދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން މަގުމަތިން އޭނާ ހުއްޓުވައި ފާސްކުރިއިރު އޭނާ ދުއްވި ސައިކަލުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތުހުމަތަށް އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެ ގެއިންވެސް މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރާ އާލަތްތަކާއި ކިރުމަށް ބޭނުން ކުރާ އާލަތް ފެނިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހަސަން ސައީދު މީގެ ކުރީން ނިންމެވި ބައެއް ނިންމުންތަކާމެދު ޝަމީމް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި އެ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށްވެސް ގެންދެވިއެވެ. ބައެއް ފަނޑިޔާރުންނާމެދު ވަރަށް އަވަހަށް ގޮތް ނިންމާ ޖޭއެސްސީން ހަސަން ސައީދުގެ މައްސަލާގައި ގޮތް ނިންމަން ދަނީ ފަސް ޖެހެމުންނެވެ.