ހަބަރު

"ވާނުވާ"ގައި 300 މީހުން، ބަންދު މުރާޖައާކުރާނެ ގާބިލުކަމެއް ކޯޓުތަކުގައި ނެތް

Dec 27, 2020
5

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 300 އެއްހާ މީހުން މިހާރުވެސް އެބަތިބި ކަމަށާއި، ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އެ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރެވޭނެ ގާބިލުކަމެއް ކޯޓުތަކުގައި ނެތް ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ތިބޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް، އެކަން އެގޮތަށް ނުކޮށްފިނަމަ ވާނެ ގޮތެއް ބަޔާންކޮށްފައިނުވާއިރު، އެފަދަ މައްސަލަތަކެއްގައި ހައި ކޯޓުން ތަފާތު ދެގޮތަކަށް ނިންމާފައިވާއިރު، އެ މައްސަލަ މިހާރު ދަނީ އެންމެ މަތީ ކޯޓަށް ހުށަހެޅި ބަލަމުންނެވެ.

މިގޮތުން، އެފަދަ ހަތަރު މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުން އޭގެ ތެރެއިން ތިން މައްސަލައެއް ނިންމާފައިވަނީ ބަންދު މުރާޖައާ ނުކުރި ނަމަވެސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ދެން އޮތް މައްސަލާގައި ހައި ކޯޓުން ނިންމީ އެ ހާލަތުގައި އެ ބަންދެއް ގާނޫނާ ހިލާފުވާނެ ކަމަށެވެ.

އެއާއެކު ބަންދުން ދޫކުރަންނުޖެހޭނެކަމަށް ނިންމި ނިންމުމުގެ ތިން މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައި އެވެ.

އެ މައްސަލަ ބައްލަވައި، ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވަނީ ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފަ އެވެ.

މިގޮތުން، އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕީޖީގެ ވަކީލު އައިޝަތު ރީޝާ ވިދާޅުވީ މިވަގުތު ވެސް "ވާނުވާ" ބަންދުގައި 300 އެއްހާ މީހުން އެބަތިބި ކަމަށާއި، ނަމަވެސް އެ ފަރާތްތަކުގެ ބަންދު މުރާޖައާ ކުރާނެ ގާބިލުކަމެއް ކޯޓުތަކުގައި ނެތް ކަމަށް ޕީޖީ ގަބޫލުކުރައްވާ ކަމަށެވެ.

އެކަމާ އިތުރަށް ސުވާލު ކުރުމުން ރީޝާ ވިދާޅުވީ ބަންދު މުރާޖައާ ކުރުމުގެ ގާބިލުކަން ޕީޖީ އޮފީހުގައި އެބަހުރި ކަމަށާއި، އެކަން ކުރެވޭނީ ކޯޓުތަކުން އެކަމަށް ވަގުތު ދިނުމުން ކަމަށެވެ.

ނަމަވެސް، ބަންދު މުރާޖައާ ކުރާނެ ގާބިލުކަމެއް ކޯޓުތަކުގައި ނެތް ކަމަށް ޕީޖީ ގަބޫލުކުރައްވާ ރީޝާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބަންދު މުރާޖައާ ނުކުރި ނަމަވެސް، ދެން ވާނެ ގޮތެއް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ނެތް ކަމަށްވާއިރު، ކޯޓު އަމުރު ބާތިލް ކުރުމާ ހަމައަށް ބަންދު ދެމިގެންދާނެ ކަމަށް ޕީޖީގެ އޮފީހުން ގަބޫލުކުރާ ކަމަށެވެ.

އެ ޖަވާބާމެދު ހިތްހަމަނުޖެހި، ފަނޑިޔާރު ސުއޫދު ވަނީ ގާނޫނުގައި ބަންދު މުރާޖައާކުރަންޖެހޭ މާއްދާ އެއީ ނެތް އެއްޗެއްކަމަށް ބަލަންވީތޯ އައްސަވައިފަ އެވެ.

އޭގެ ޖަވާބުގައި ރީޝާ ވިދާޅުވީ، ބަންދު މުރާޖައާކުރަންޖެހޭ މާއްދާ އެއީ ނެތް އެއްޗެއްކަމަށް ގަބޫލުނުކުރާ ކަމަށާއި، ނަމަވެސް ބަންދު މުރާޖައާ ނުކުރެވިގެން ބަންދުން ދޫކުރަން ފަށައިފި ނަމަ، މުޖުތަމައުއަށް ނުރައްކާތެރި ބަޔަކު ވެސް ދޫވެގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ސުއޫދު ވަނީ ގާނޫނަކުން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ނުކުރުމުން، އޭގެން ނުކުންނާނީ ކޮން ނަތީޖާއެއްތޯ ސުވާލު ކުރައްވައިފަ އެވެ.

މައްސަލަ ހުށަހަޅާފައިވާ ފަރާތުން ވާހަކަ ދައްކަވަމުން މަހްފޫޒް ސައީދު ވިދާޅުވީ ވަސީލަތްތައް ނެތްކަމަށް ބުނެ، ކުށްވެރިއެއްކަމަށް ޝަރީއަތަށް ސާބިތުވެފައިނުވާ މީހެއްގެ ހައްގުތައް ހަނިނުކުރެވޭނެ ކަމަށެވެ.

އަދި ބަންދުގެ މައްސަލާގައި ދައުލަތާ ދެކޮޅަށް ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކޮށްފައިނުވާތީ، ބައެއް މައްސަލަތަކުގައި ދައުލަތުގެ "ވަރިހަމަ" ނިޔަތާމެދު މަހްފޫޒު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލާފައިވާއިރު، އަންނަ އަންގާރަ ދުވަހު ހުކުމް އިއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ވިދާޅުވެފައި އެވެ.