ނުކުޅެދުންތެރިކަަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ކްރިމިނަލް ކޯޓާއި ހައިކޯޓުން ބޭރު ކޮށްލުމުން އެ މައްސަލަ ސުޕްރީމް ކޯޓްގައި އިލްތިމާސް ކޮށްފި އެވެ.
މި މައްސަލައަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެކެވެ. އެމީހާއަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެކެވެ. އެ މީހާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. ސަބަބެއް ކަަމަށް ބުނީ މައްސަލާގައި އަނިޔާ ލިބުނު މީހަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދޭ ލިޔުމެއް ހުށައަޅާފައި ނެތުމުން ކަމަށެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ވަނީ އެ ނިންމުން ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓްގެ ތިން ފަނޑިޔާރުން ބެލި މައްސަލާގައި ކްރިމިނަލް ކޯޓްގެ ނިންމުމަށް ތާއީދުކުރި އެވެ.
އެކަމާއި ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މިރޭ ވިދާޅުވީ ދެ ކޯޓުން ވެސް އެ މައްސަލާގައި ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭތީ އެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މައްސަލާގައި އަނިޔާ ލިބުނު މީހަކީ ނަފްސާނީ ނުކުޅެދުންތެރި ކަމެއް ހުންނަ މީހެއްކަން ސާބިތުކޮށް ދޭން ހައިކޯޓް މަރުހަލާގައި ދައުލަތުން ހުށައެޅި ލިޔުމާއި ގުޅޭގޮތުން ސުވާލެއް، ދެބަސްވުމެއް އޮތް ކަމަށް ޝަމީމް ވިދާޅުވި އެވެ. ޝަމީމް އެ އިޝާރާތް ކުރެއްވި ލިޔުން ތައްޔާރުކުރީ ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއެއްކަން އަންގައިދޭ ލިޔުމެއް ހުށަނޭޅުމުން ކޯޓުން ވަނީ އެ ލިޔުން ބަލައިނުގެންފަ އެވެ.
ޝަމީމް ވިދާޅުވީ މިފަދަ މައްސަލަތަކަށް ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ކަމަށެވެ. އަދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެފަދަ ކަންކަމުގައި ގޮތް ދޫ ނުކުރާނެ ކަަމަށެވެ.
"އަޅުގަނޑުމެން ދާނީ ސާބިތުކަމާއެކު 'ގޮތް ދޫ ނުކޮށް' އިންސާފު ގާއިމު ކުރުމުގައި ކުރިއަށް،" ޝަމީމް ވިދާޅުވިއެވެ.