ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)ގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ސަސްޕެންޑްކޮށް އޭނާ ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދީފައިވާތީ އެ ހުއްދަ ބާތިލްކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ހައިކޯޓުން މިއަދު ނެރެފި އެވެ.
ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން މާޗް 16، 2022 ގައި އަމުރު ނެރުނީ އޭނާ ފުރައިގެން ހިނގައިދާނެ ކަމަށް ފެންނާތީ އެވެ.
އަންމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ މި އަމުރު ބާތިލްކޮށް ފުރަން ހުއްދަ ދިނުމަށް އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން މިމަހުގެ ހަވަނަ ދުވަހު ނިންމީ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލްކުރުމުގެ ބަދަލުގައި ވަގުތީ ގޮތުން އެ އަމުރު ސަސްޕެންޑް ކުރުމަށެވެ. އެގޮތުން އަމުރު ސަސްޕެންޑްކޮށް އަންމަޓީ ފުރަން ޕާސްޕޯޓް ދޫކުރުމަށް ހުއްދަ ދީފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ނިޔަލަށެވެ.
އަންމަޓީ ރާއްޖެއިން ބޭރަށް ދިއުމަށް ކޯޓުގެ ހުއްދައަށް އެދި ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދީފައިވާ ލިޔުމާ އެކު އެވެ.
ދައުލަތުން -- ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގެ ހުއްދަ ބާތިލްކުރަން ވަގުތީ އަމުރެއް ހޯދުމަށް ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހައިކޯޓުގައިވާ މައްސަލަ ނިމެންދެން އަހްމަދު މޫސާ ފުރުން މަނާކުރުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.
ދައުލަތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ. އަންމަޓީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.