ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ.
ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް ޝަރުތުތަކަކާއެކު އަންމަޓީ ދޫކޮށްލާފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
ނަމަވެސް ހައިކޯޓުން ވަގުތު ގުނީ ގޯސް ކަމަށް ކަމަށް ބުނެ ދައުލަތުން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ ކޯޓުން ވަނީ މައުލޫއީ މައްސަލަ ބެލުމަށް ހައިކޯޓަށް އަމުރުކޮށްފަ އެވެ.
އެހެންކަމުން ހައިކޯޓުން މިއަދު ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ގޮތުން ވާހަކަދައްކަމުން ދައުލަތުން ބުނެފައި ވަނީ މާޒީގައި ވެސް އަންމަޓީ ޝަރީއަތަށް ހާޒިރު ނުވުމާއި އަދި ފިލައިފައިވާތީ އެކަން ތަކުރާރުކުރުމުގެ އިހުތިމާލު އޮތް ކަމަށެވެ.
އަދި އޭނާ އަކީ ކުރިން ވެސް މާލީ މުއާމަލާތްތަކުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ޕަބްލިކް ޕްރޮސެކިއުޓާ އިބްރާހިމް ނާސިހް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ޗެކް ބައުންސްގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައިވާއިރު، އެ މައްސަލައިގެ ހުކުމް ކުރާ މަޖިލީހަށް އޭނާ ހާޒިރުވެފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެފަހަރު އޭނާ ކޯޓަށް ހާޒިރުކުރަން ޖެހުނީ ހައްޔަރުކޮށް ބަންދުކޮށްގެންކަން ފާހަގަކުރެއްވި އެވެ.
އޭގެ ފަހުން ސީލައިފް މައްސަލައިގައި ވެސް ފިލައިގެން ގޮސް އުޅުނު ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނާސިހް ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ޝަރުތުތަކެއް ކޮށްފައި އޮތް ނަމަވެސް އަދި އޭނާގެ އަތުގައި މިވަގުތު ޕާސްޕޯޓެއް ނެތް ނަމަވެސް އޭނާ ފިލައިގެން ގޮސްދާނެ އެވެ. މީގެ ކުރިން ވެސް ޕާސްޕޯޓު މުއްދަތު ހަމަވެފައި ވަނިކޮށް އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި އަންމަޓީ އުޅެފައިވާ ކަމަށް ނާސިހް ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ ވާހަކަތައް ރައްދު ދެއްވަމުން އަންމަޓީގެ ދިފާއީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވެފައި ވަނީ ދަށު ކޯޓުން އަންމަޓީ ދޫކޮށްލިތާ ދެ މަސް ވެފައިވާއިރު މިހާތަނަށް އެއްވެސް ޝަރުތަކާ ހިލާފުވެފައި ނުވާ ކަމަށެވެ.
އަންމަޓީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން ދައްކާ ހުއްޖަތަކީ ހަމައެކަނި އޭނާ ފިލައިގެން ގޮސްދާނެ ކަމަށްވާއިރު އޭނާގެ އަތުގައި މިވަގުތު އެކްޓިވް ޕާސްޕޯޓެއް ނެތް ކަމަށެވެ. އާ ޕާސްޕޯޓެއް ނުވަތަ ޓްރެވެލް ޑޮކިއުމެންޓެއް ހައްދަން ހުށަހަޅައިފިނަމަ ކަމާ ގުޅުންހުރި އިދާރާތަކުން ކޯޓަށް އެކަން އަންގަން އަމުރު ނެރެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
އަދި ކުރީގެ ހާލަތު މިހާރު ވުޖޫދުގައި ނެތް ކަމަށް ވެސް ނިހާޔަތު ވިދާޅުވިއެވެ.
ވަރަށް ދިގުކޮށް ދެ ފަރާތުން ބަހުސް ކުރުމަށްފަހު މިއަދު ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. ފަނޑިޔާރު ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު މައްސަލައިގައި ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އަންމަޓީގެ މައްޗަށް ދައުލަތުން ވަނީ 42 ދައުވާ އުފުލައިފަ އެވެ.