ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަންމަޓީގެ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ

ދެ މީހުން ޖާމިނު ކުރުމަށް ފަހު، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ކަފާލާތުގެ ދަށުން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު އަވަސް އަށް ވިދާޅުވީ އަންނަ ހަފްތާ ތެރޭގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އަންމަޓީ ދޫކޮށްލާފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނައީމާ އަދި ކޮއްކޮ އަފީފާ މޫސާ ޖާމިނުކޮށްފަ އެވެ. ދެ މީހުން ވެސް ވަނީ އަންމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އަންމަޓީ ކަފަލާތުގެ ދަށުން ދޫކޮށްލާފައި ވަނީ ޝަރުތުތަކެއް ކޮށްފަ އެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހަކު 9:00 އަށް ފުލުހަށް ހާޒިރުވެ ސޮއި ކުރަން ޖެހެ އެވެ. މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކާ އެއްވެސް ގޮތަކުން މުއާމަލާތް ނުކުރެވޭނެ އެވެ. ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ދިއުން ވެސް މަނަލެވެ.

ދައުލަތުގެ ފަރާތުން ތަކުރާރުކޮށް ބުނަމުން އައީ އަންމަޓީއަކީ ފިލައިގެން ދިއުމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. ގާނޫނުގައި ކަފާލާތުގެ ދަށުން ދޫކޮށްލުން އޮތް ނަމަވެސް މި މައްސަލައިގެ ބާވަތުންނާއި ކުރިން ކަން ހިނގާފައި އޮތް ގޮތުން އޭނާއަކީ އަދިވެސް ފިލައިފާނެ ކަމުގެ އިހުތިމާލް އޮތް މީހެއް ކަމަށެވެ.

މީގެ ކުރިން ވެސް ޝަރުތުތަކެއް ކޮށްފައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އެވެ. ނަމަވެސް އެފަހަރު ވެސް ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ނިމުނީ ދައުލަތާ އެއްކޮޅެވެ. ދޫކޮށްލުމަށްފަހު ހައިކޯޓުގެ އަމުރާ އެކީ އޭނާ އަނެއްކާ ވެސް ބަންދުކުރި އެވެ.

އަންމަޓީގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ހިޔާނާތުގެ 42 ދައުވާއަށް އެނާ ވަނީ އިންކާރު ކޮށްފަ އެވެ.